18 Jan 2014, 10:47
އެހެން ކްލަބެއްގެ ކޯޗަކަށް ދާން ވިސްނާފައި ނުވާކަމަށާއި އަދި ޗެލްސީ އިން އޭނާގެ ހިދުމަތް ބޭނުންވާހައި ހިނދަކު ހުންނާނީ އެ ކްލަބުގައި ކަމަށް ޗެލްސީގެ ކޯޗު ހޯޒޭ މޮރީނިއޯ ބުނެފި އެވެ.
ބީބީސީ ފުޓްބޯލް ފޯކަސްއިން ކުރި ސުވާލެއްގެ ޖަވާބުގައި އުމުރުން 50 އަހަރުގެ ޕޯޗުގީޒް ކޯޗު ބުނީ، އޭނާ އަބަދުވެސް ހުންނަން ބޭނުންވަނީ އޭނާ އެންމެ ލޯބިވާ ކްލަބުގެ ހިދުމަތުގައި ކަމަށެވެ.
"އަހަރެން މި ކްލަބުގައި މަޑުކުރާނަން އެމީހުން އަހަރެން ބޭނުން ނެތޭ ބުނަންދެން،" ދެވަނަ ފަހަރަށް ޗެލްސީގެ ކޯޗުކަމާ ހަވާލުވެހުރި މޮރީނިއޯ ބުންޏެވެ. "އެހެން އެއްވެސް ކްލަބަކަށް ދާން އަހަރެން ބޭނުމެއް ނޫން ޗެލްސީ އިން އަހަރެން ދޫކޮށް ނުލާހާ ހިނދަކު. އަހަރެން އަބަދުވެސް ހުންނަން ބޭނުންވަނީ، އަހަރެން އެންމެ ލޯބިވާ ކްލަބުގައި،"
މޮރީނިއޯ ފުރަތަމަ ޗެލްސީގެ ކޯޗުކަމާ ހަވާލުވީ އޭނާ ޕޯޗުގީޒުގެ ޕޯޓޯއަށް ޗެމްޕިއަންސް ލީގު ހޯދައިދިންތާ ހަފްތާއެއް ފަހުން 2004 ވަނަ އަހަރު އެވެ. އޭނާ ޗެލްސީއާ ހަވާލުވުމަށް ފަހު އެ ކްލަބަށް ޕްރިމިއާ ލީގު ޓައިޓްލް ދެފަހަރު، ލީގު ކަޕް ދެފަހަރު އަދި އެފްއޭކަޕް އެއްފަހަރު ހޯދައިދީފައި ވެއެވެ. އެހެން ނަމަވެސް އޭނާއަށް އެ ކްލަބުގައި ޗެމްޕިއަންސް ލީގު ކާމިޔާބުކުރެވިފައެއް ނުވެއެވެ.
މޮރީނިއޯ 2007 ވަނަ އަހަރު ޗެލްސީގެ ކޯޗު ކަމުން ދުރުކުރުމުން ހަވާލުވީ އިޓަލީގެ އިންޓަމިލާނާ އެވެ. އެ ކްލަބަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީ، އިޓާލިއަން ލީގު ޓައިޓްލް ދެފަހަރު ހޯދައިދިނުމަށްފަހު ދެން ހަވާލުވީ ސްޕެއިންގެ ރެއާލް އެޑްރިޑާ އެވެ. އަދި އޭނާ ވަނީ ރެއާލްއާ އެކު ސްޕެނިޝް ލީގު ކާމިޔާބުކޮށްފަ އެވެ.
ޗެލްސީގެ ކޯޗު ކަމާއި މޮރީނިއޯ ދެވަނަ ފަހަރަށް ހަވާލުވީ ހަތަރު އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި މިދިޔަ އަހަރުގެ ޖޫންމަހު އެވެ. އަދި އޭނާ ބުނީ، ޗެލްސީގެ ކޯޗުކަމުގައި ހަތަރު އަހަރު ފަހުން ވެސް އޭނާ މަޑުކުރަން ކްލަބުގެ ވެރިޔާ ރޯމަން އަބްރަމޮވިޗް އެދިއްޖެ ނަމަ އުފަލާއެކު އެކަން ގަބޫލުކުރާނޭ ކަމަށެވެ.
"އަހަރެން ވިސްނަން ބޭނުމީ ހަމައެކަނި މިހާރުގެ ކޮންޓްރެކްޓާ ދޭތެރޭގައި އެކަނި. އެއީ ހަތަރު އަހަރުގެ އެއްބަސްވުމެއް. ބާކީ އަދި ތިން އަހަރާ ބައި އެބައޮތް،" ކޮންޓްރެކްޓާ ބެހޭގޮތުން މޮރީނިއޯ ބުންޏެވެ. "ކްލަބަށް އެނގޭނެ އަހަރެން އެހެން ތާކަށް ދާން ބޭނުން ނޫންކަން. އަހަރެން އެހެން އެހެން ކްލަބަކާ ދޭތެރޭގައި ވިސްނާކަށް ބޭނުމެއް ވެސް ނޫން. ސަބަބަކީ އެހެން ކްލަބަކަށް ދާން އުންމީދެއް ނުކުރަން."
މޮރީނިއޯ ބުނީ، ކޮންޓްރެކްޓްގެ މުއްދަތު އިތުރުކުރަން ވާހަކަ ދައްކަން އޭނާ ބޭނުން ނޫންކަމަށާއި އަދި މިހާރު ލިބޭ ވަރަށްވުރެ އިތުރަށް ފައިސާވެސް ބޭނުން ނޫންކަމަށެވެ. އަދި އަބްރަމޮވިޗް އޭނާގެ ކައިރީ ދާށޭ ބުނަންދެން ކްލަބުގައި މަޑު ކުރާނޭ ކަމަށް ވެސް މޮރީނިއޯ ބުންޏެވެ.
"އަހަރެން ކޮންޓްރެކްޓް އާކުރާ ވާހަކަ ދައްކަން ބޭނުމެއް ނޫން. އަހަރެން އިތުރު ފައިސާ ބޭނުމެއް ނޫން، ސަބަބަކީ މިހާރުވެސް އަހަރެން ބޭނުންވާވަރަށް ފައިސާ ލިބޭ. އެވާހަކަ ކްލަބުގައި ވެސް ބުނެފަ އޮންނާނީ. 'ކަލޭމެން ބޭނުންހާ ދުވަހަކު އަހަރެން މަޑުކުރާނަމޭ'، " ޗެލްސީގެ ކޯޗު ބުންޏެވެ.
މޮރީނިއޯގެ ޗެލްސީ މިވަގުތު އޮތީ އިނގިރޭސި ލީގު ތާވަލުގެ އެއްވަނައިގައި 48 ޕޮއިންޓާއެކު އޮތް އާސެނަލް އަށްވުރެ ދެޕޮއިންޓް މަދުން ލިބި ތިންވަނައިގަ އެވެ.
ޕްރިމިއާ ލީގުގައި މާދަމާ އަމިއްލަ ދަނޑުގައި ޗެލްސީ ވާދަކުރާނީ 37 ޕޮއިންޓާއެކު ތާވަލުގެ ހަތްވަނައިގައި އޮތް ޗެމްޕިއަންސް މެންޗެސްޓާ ޔުނައިޓެޑާ އެވެ.