18 Jan 2014, 10:12
ނިޔުޔޯކް (ޖަނަވަރީ 18): އެމެރިކާގެ އިރުމަތީ ސިޓީއެއް ކަމަށްވާ ފިލަޑެލްފިޔާގެ ސްކޫލެއްގައި ކިޔަވާކުއްޖަކު ދިން ބަޑީގެ ޙަމަލާތަކެއްގައި ދެކުދިން ޒަޚަމްވެ އެސްކޫލްގެ ޓީޗަރުންނާއި ކުދިންގެ ތެރޭގައި ބިރުވެރިކަން އުފެދިއްޖެ އެވެ.
ބަޑީގެ ޙަމަލާތަކެއްގައި ޒަޚަމްވެފައި ވަނީ 15 އަހަރުގެ އަންހެންކުއްޖަކާއި ފިރިހެންކުއްޖެކެވެ. ފިލަޑެލްފިޔާގެ ފުލުހުން ބުނާ ގޮތުގައި އެ ސިޓީގެ ދިލާވަރު ވެލީ ސްކޫލްގައި ބަޑިން ޙަމަލާދީފައި ވަނީ ކްލާހެއްގައި ކިޔެވުން ނިމުނުވަގުތު އެކުލާހުގެ ދަރިވަރެކެވެ. ކްލާސް ނިމުމާ އެކު އެދަރިވަރު ބަޑިނަގައި ގޮތެއްފޮތެއް ނުބަލައި ބަޑިޖަހަން ފެށީ ކަމަށާއި މިކަމުގެ ސަބަބުން އެސްކޫލްގެ ޓީޗަރުންނަށާއި ކުދިންނަށް ޝޮކެއް ލިބިފައިވާކަމުގަ އެވެ. މިހާދިސާ ހިނގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ފުލުހުން އެސްކޫލަށްވަދެ ބަޑިޖެހިކުއްޖާ ކަމަށް ޝާއްކުކުރެވޭ ކުއްޖާވަނީ އިންޑޯ ކުޅިވަރުތައްކުޅޭ ހޯލުން ހައްޔަރުކޮށްފަ އެވެ. މިއީ ޓެރަރިސްޓް ޙަމަލާއެއް ކަމަށް ފިލަޑެލްފިޔާގެ ފުލުހުން ވެސް އަދި އެމެރިކާގެ ޚަބަރުފަތުރާ ވަސީލަތްތަކުން ވެސް ސިފަކޮށްފައެއް ނުވެ އެވެ.
އެމެރިކާގެ ސްކޫލްތަކުގައި ދަރިވަރުން ބަޑީގެ ޙަމަލާތައްދީ ދަރިވަރުންނާއި ޓީޗަރުން މެރުމަކީ ހިނގަމުންދާ ކަމެކެވެ. މިގޮތުން 2013 ވަނަ އަހަރު ވެސް މިބާވަތުގެ ހަ ޙާދިސާއެއް ހިނގައި ބައެއް ދަރިވަރުންނާއި ޓީޗަރުން މަރުވެފައިވެ އެވެ. (ނޫސްއެޖެންސީތައް)