ކާބުލް (ޖަނަވަރީ 18): އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ ރެސްޓޯރެންޓެއްގައި ބާރުގަދަ ބޮމެއް ގޮއްވާލުމުގެ ސަބަބުން 14 މީހުން މަރުވެ އެތަށްބަޔަކު ޒަޚަމްވެއްޖެ އެވެ.

ކާބުލްގެ މެދުތެރޭގައިވާ "މަތްޢަމް ލުބްނާން"ގެ ނަމުން ނަންދީފައިވާ ރެސްޓޯރެންޓްގައި އިއްޔެ ހަވީރު ބޮންގޮއްވާލި އިރު އެ ރެސްޓޯރެންޓް ވަނީ މީހުން ފުރިބާރުވެފައި ކަމަށް ޚަބަރުލިބެ އެވެ. ބޮންގޮއްވާލި މީހާ އެކަން ކޮށްފައިވަނީ ގޮވާތަކެތި ހަރުކޮށްފައިވާ ބެލްޓްތަކެއް ހަށގަނޑުގައި ހަރުކޮށްގެން އަމިއްލައަށް މަރުވެގެން ކަމަށް އަފްޣާން ސަލާމަތީ ބާރުތަކުން ބުނެ އެވެ. މިބޮންގޮއްވާލުމުގެ ޒިންމާ އުފުލާފައި ވަނީ އަފްޣާނިސްތާނުގެ ހަނގުރާމަވެރި ޖަމާއަތެއް ކަމަށްވާ ތާލިބާން ޖަމާއަތުންނެވެ.

ބޮންގޮއްވާލިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ތާލިބާނުންގެ ތަރްޖަމާން ޛަބީޙުﷲ މުޖާހިދު ވަނީ މިއީ އެޖަމާއަތުގެ ޙަމަލާއެއް ކަމަށާއި މިޙަމަލާގައި ކާބުލްގައި ތިއްބަވާ ހުޅަނގުގެ ބައެއް މަސްއޫލުވެރިން މަރުވިކަމަށް ވިދާޅުވެ ރޮއިޓާސް އަށާއި އޭއެފްޕީ އަށް އީ މެއިލްއެއް ފޮނުއްވާފަ އެވެ. ބޮން ގޮއްވާލި ސަރަހައްދަކީ ކާބުލްގައި ހުންނަ ބޭރުގެ އެންބަސީތަކާއި އދ.ގެ އޮފީސްތައް އެންމެ ގިނަ ސަރަހައްދެވެ. މިބޮމުގެ ޙަމަލާގައި އދ.ގެ ބައެއް މުވައްޒަފުން މަރުވެފައިވާކަން އަފްޣާން ސަލާމަތީ ބާރުތަކުން ވަނީ ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް މަރުވި މީހުންގެ ތެރޭގައި އެމެރިކާ ގެ ޑިޕްލޮމޭޓަކު ހިމެނޭކަން ކަށަވަރުކޮށްދީފައެއް ނުވެ އެވެ.

އަފްޣާން ދާޚިލީ ވަޒީރު ގެނައިބު މުހައްމަދު އައްޔޫބު ވިދާޅުވީ ބޮންގޮއްވާލުމާ އެކު މީހުން ކަންކޮޅުތަކަށް ދުއްވައިގަތްވަގުތު ތާލިބާން ހަނގުރާމަވެރިން ވަނީ އެތަނަށް ވަދެގަނެ ގޮތެއްފޮތެއް ނުބަލައި ބަޑިން ޙަމަލާތައް ދިން ކަމަށް ތުހުމަތު ކުރައްވާފަ އެވެ. ކާބުލްގެ މެދުތެރޭގައިވާ "މަތްޢަމް ލުބްނާން" ރެސްޓޯރެންޓްގައި ބޮންގޮއްވާލާފައި މި ވަނީ ކާބުލްގެ ފަސިންޖަރު ބަހަކަށް އަމާޒުކޮށް ތާލިބާން ހަނގުރާމަވެރިއަކު އަމިއްލައަށް މަރުވެގެން ދިން ބޮމުގެ ޙަމަލާއެއްގައި ދެމީހަކު މަރުވިތާ ހަތަރު ދުވަސްފަހުންނެވެ. (ނޫސްއެޖެންސީތައް)