އިޒްރޭލުގެ "ޔަހޫދީ" ޑޮކްޓަރުންނަކީ ސައްޙަ ލޮލުގެ ސްޕެޝަލިސްޓުން ކަމާ މެދު އަދިވެސް ޝައްކު ކަމަށް އަދާލު ޕާޓީން ބުނެފި އެވެ.


އަދާލަތު ޕާޓީން މިއަދު އެ ޕާޓީގެ ވެބްސައިޓުގައި ޝާއިރުކޮށްފައިވާ ލިޔުމެއްގައި އިޒްރޭލުގެ "އައި ފްރޮމް ޒިއޯން"ގެ ޑޮކްޓަރުންގެ ޓީމާ މެދު އެ ޕާޓީން ޝައްކު އުފެދޭ ހަތް ނުކުތާއެއް ހާމަކޮށްފައިވެ އެވެ.


އަދާލަތު ޕާޓީން ބުނާ ގޮތުގައި އެމީހުންނަށް ހުއްދަ ދެވުނީ މެޑިކަލް ކައުންސިލަށް ހަތަރު ފަހަރެއްގެ މަތީން އެމީހުންގެ ލިޔުންތައް ހުށަހަޅައިގެނެވެ. އަދި އެމީހުން މެޑިކަލް ކައުންސިލުގެ މެންބަރަކާ ދިމާލަށް އިތުރު ލިޔުމެއް ނުދޭނެ ކަމަށް ބުނި ކަމަށްވެސް އަދާލަތު ޕާޓީން ބުނެ އެވެ. އަދި އެމީހުން ގެނައި ބޭސްތައް އެތެރެ ކުރީވެސް ގަވައިދުން ހުއްދަ ނުހޯދައި ކަމަށް ވެސް އެޕާޓީގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.


"މެޑިކަލް ކައުންސިލްގެ މެމްބަރަކާ ދިމާލަށް އިތުރު ތަކެއްޗެއް ނުވެސް ގެންނާނަމޭ އަދި މިތާ ޕްރެކްޓިސް ވެސް ކުރާނަމޭ ބުނި ބުނުމުން އެމީހުން ރާއްޖެ އައިސް އުޅެނީ މި ސަރުކާރުގެ ވަރަށް މަތީ ލެވެލްއަކުން ވަރަށް ބޮޑު ޔަގީން ކަމަކާ އެކު ކަން އެނގެ އެވެ." އަދާލަތު ޕާޓީގެ ވެބްސައިޓުގައިވެ އެވެ.


"އިންޓްރާ އޮކިއުލާ ލެންސް އިމްޕްލާންޓް" ނުވަތަ ލޮލުގެ ފުސްކަހާފައިވާ ލެންސް ލެއްވުމަކީ އެމީހުން މިތާގައި އެންމެ ގިނައިން ކުރާ ސާޖެރީ ކަމަށާއި މި ސާޖަރީ އަކީ ޢާންމުކޮށް ވެސް އައިޖީއެމްގައި ކުރަމުން އައި ކަމެއް ކަމަށް އަދާލަތު ޕާޓީން ބުނެ އެވެ.


"ނަމަވެސް މި އަހަރު ނޮވެމްބަރުން ފެށިގެން މި ސާރޖަރީ ނުހަދަ އެވެ. ސަބަބަކީ މިއޮޕަރޭޝަނަން ބޭނުން ކުރާ މެތައިލްސެލިއުލޯޒް ކިޔާ ޖެލްއެއްގެ ސްޓޮކް ހުސްވެފައި ވުމެވެ. އެހެންވެ މި އޮޕެރޭޝަން އަށް ކުރަން ޖެހޭ "ކެޓަރަކްޓް" (ލޮލުގެ ލެންސް ފުސްވެފައިވުމުގެ ) ގެ އުނދަގޫވާ ބަލިމީހުން ވަނީ ’ބޭރުން އަންނަ ޓީމް’ ލައްވައި އޮޕަރޭޝަން ކުރުވުމަށް މަޑުކުރުވާފައި ބައިތިއްބާފައި ކަމުގައި ބުނެވޭނެ ޖާގަ އެބައޮތެވެ. އެއީ އިސްރާއީލުގެ ޕްރޮޖެކްޓް ކާމިޔާބު އެއްޗަކަށް ހެދުމަށެވެ." އަދާލަތު ޕާޓީގެ ވެބްސައިޓުގައި ބުނެފައިވެ އެވެ.


އިޒްރޭލު ޑޮކްޓަރުން އައިޖީއެމްއެޗްގެ ތިއޭޓަރަށް އެތަން ބަލާލަން ފުރަތަމަޔަށް ވަން ދުވަހު އެތާގައި ހުރި ސާމާނު މޮޅުވެގެން ވަރަށް ޙައިރާން ވެގެން އުޅުނު ކަމަށް ވެސް އަދާލަތު ޕާޓީން ބުނެ އެވެ. މިކަމުން އެނގެނީ މިއީ ހަމަ ތިން ވަނަ ދުނިޔޭގެ ގައުމުތަކުގައި ކޭމްޕްތައް ހިންގައި ހަމަ އެކަނި ފީލްޑް ޕްރެކްޓިސް ލިބިފައިވާ ވަރަށް އާދައިގެ ބައެއް ކަމަށް އެ ޕާޓީން ބުނެ އެވެ.


އިޒްރޭލުގެ ފޮރިން މިނިސްޓްރީން ބައެއް މީހުން ރާއްޖެ އަށް އައުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ކަމަށާއި، އެމީހުންގެ މީހަކު އިއްޔެ ހެނދުނު ވެސް އައިޖީއެމްއެޗް ތިއޭޓަރު ތެރެއަށް ޑޮކްޓަރެއްގެ ހެދުން އަޅައިގެން ވަދެ އުޅެނިކޮށް ބޭރުކޮށްލާފައިވާ ކަމަށް އަދާލަތު ޕާޓީން ބުނެ އެވެ.


"އެމީހުންގެ ފޮރިން މިނިސްޓްރީ މީހުން ރާއްޖެ އައުން އެއީ އެކަމުން އެކަނި ވެސް ކަންބޮޑުވާން ޖެހޭ ކަމެކެވެ. ނަމަވެސް މިމީހުން އޮޕަރޭޝަން ތިއޭޓަރުގެ އެންމެ އެތެރެއަށް ވަނުން މިއީ އާދައިގެ ކަމެއްބާވަ އެވެ؟ އިއްޔެ ހެނދުނު ވެސް މީގެ މީހަކު ސާރޖަން އެއްގެ ހެދުން އަޅައިގެން އެތެރޭގައި އުޅެނިކޮށް ބޭރުކޮށްފައިވެ އެވެ."


އައި ފޮރޮމް ޒިއޯންގެ މެޑިކަލް ކޭމްޕެއް މީގެ ކުރީން އެއްވެސް މުސްލިމް ގައުމެއްގައި (އަޒަރބައިޖާން ފިޔަވައި)  ބޭއްވިފައި ނުވާ ކަމަށް އަދާލަތު ޕާޓީން ބުނެ އެވެ.


މިކަމާ ގުޅިގެން އައިޖީއެމްއެޗަށް ގުޅައިގެން ކުރި މަސައްކަތުން އެ ހޮސްޕިޓަލުގެ ބަހެއް ލިބޭގޮތް ވަނީ ނުވެފަ އެވެ.