ނ. މިލަދޫގައި ވޯޓުލާ މަރުކަޒުގެ ބޫތުގައި ދެލި ފުހެވޭ ގަލަމެއް ބާއްވާފައި އޮތުމުން، އެ ގަމަލުން "ވޯޓުލެވުނު" މައްސަލައެއް ފެންމަތި ވެއްޖެ އެވެ.

މިއަދު ހެނދުނު 7:30 ހާއިރު، މިލަދޫގައި ވޯޓުލުން ފެށިގެން ކުރިއަށް ދަނިކޮށް، ދެލި ފުހެވޭ ގަލަމެއް ވޯޓުލާ ބޫތު ތެރޭ އޮތް ކަމަށް ބުނެ އެ ރަށުގައި ކުރިއަށްދިޔަ ވޯޓުލުން ކުޑަ ވަގުތުކޮޅަކަށް ވަނީ މެދުކަނޑާލާފަ އެވެ.

ނަމަވެސް މާ ގިނަ އިރުތަކެއް ނުވެ މައްސަލަ ހައްލުކޮށް، ގަލަން ބަދަލު ކުރުމަށްފަހު ވަނީ ވޯޓުލުން ކުރިއަށް ގެންގޮސްފަ އެވެ.

މިލަދޫ ހިދާޔާ ސްކޫލްތެރޭ ބަހައްޓާފައި ހުރި ވޯޓު ބޫތުގައި ދެލިފުހެވޭ ގަލަމެއް އޮތްކަން އެނގުނީ ވިއްސަކަށް މީހުން ވޯޓުލީ ފަހުން ކަމަށް އެ ރަށުން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބުގައި ވެސް ދެލިފުހެވޭ ގަލަން ބޭނުންކޮށްފާ ނެތީ އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ކަމަށް ސަމާލުވުމަށް އަންގާފަ އެވެ. ދެލިފޮހެވޭ ގަލަމުން ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމުން، ކުޑަ އިރުކޮޅެއްގެ ތެރޭގައި އެ ފާހަގަ ފޮހެވޭ ކަމަށްވެ އެވެ.

ދެލިފޮހެވޭ ގަލުމުގެ މައްސަލާގައި އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެފައި ވަނީ ވޯޓުލާން ދާންއިރު ކޮންމެ މީހަކު ވެސް ގަލަމެއް ގެންދިއުމަށް އެދޭ ކަމަށެވެ.

ކައުންސިލް އިންތިހާބުގެ ވޯޓުލުން ކުރިއަށްދާއިރު، މިފަހަރުގެ އިންތިހާބުގައި ވޯޓުލާން ނުކުތް މީހުންގެ އަދަދު މަދު ކަން ފާހަގަ ކުރެވެ އެވެ. އަދި ނިމިދިޔަ ރިޔާސީ އިންތިހާބަށް ވުރެ މިފަހަރުގެ އިންތިހާބުގެ ފޯރި ކުޑަކަން ވެސް ފާހަގަ ކުރެވެ އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި 2463 ކެންޑިޑޭޓުން ވާދަ ކުރެ އެވެ. ނަމަވެސް އިންތިހާބު ކުރަނީ 11،00 ކައުންސިލަރުންނެވެ. ރަށު ކައުންސިލަށް 2147 ކެންޑިޑޭޓުން ވާދަ ކުރެ އެވެ. އަތޮޅު ކައިންސިލަށް 275 ކެންޑިޑޭޓުން ވާދަ ކުރާއިރު ސިޓީ ކައުންސިލަށް 41 ކެންޑިޑޭޓުން ވާދަކުރެ އެވެ.