ހަންގޭރީގައި އަންނަ މާޗު ބާއްވާ އިންޓަނޭޝަނަލް ކޯޗިން ކޯހުގައި ބައިވެރި ވުމުގެ ފުރުސަތު ކުރީގެ ވޮލީބޯޅަ ކުޅުންތެރިޔާ އަހުމަދު އަދީލް އަށް ލިބިއްޖެ އެވެ.

އަންނަ މާޗް މަހުގެ 17 އިން ޖޫން މަހުގެ ހަވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ކޯސް އޮންނާނީ ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓުގެ ސެމިލްވެއިސް ޔުނިވާސިޓީގަ އެވެ.

އޮލިމްޕިކް ކޮމެޓީން ބުނީ، މި ކޯހަށް ކުރިމަތިލުމުގެ ފުރުސަތު ވޮލީ ބޯޅައެސިއޭޝަނަށާއި އެފްއޭއެމް އަށާއި ބެޑްމިންޓަން އާއި ޓޭބަލް ޓެނިސް އަދި ސްވިމިން އެސޯސިއޭޝަނަށް ވެސް ހުޅުވާލެވުނު ކަމަށެވެ.

އޮލިމްޕިކް ކޮމިޓީން ބުނީ ނަން ހުށަހެޅުމުގެ ފުރުސަތު އެސޯސިއޭޝަން ތަކަށް ހުޅުވައިލެވުނު ކަމުގައިވީ ނަމަވެސް އެކަމަށް އިޖާބަދީ ނަން ހުށަހަޅާފައިވަނީ ހަމައެކަނި ވޮލީބޯޅަ އެސޯސިއޭޝަނުން އެކަނި ކަމަށެވެ. އަދި އެއީ އަދީލުގެ ނަން އެކަނި ކަމަށެވެ.