18 Jan 2014, 08:54
ވޮލީބޯޅަ އެސޯސިއޭޝަންގެ މި އަހަރުގެ މުބާރާތްތައް ބްރޮޑްކާސްޓިން ކުރުމުގެ ރަސްމީ ޕާޓުނަރަކަށް ރާއްޖެ ޓީވީ ހަމަޖައްސައިފި އެވެ.
ވޮލީ އެސޯސިއޭޝަނުން ރާއްޖެ ޓީވީއާ އެކު ސޮއިކުރުމުގެ ރަސްމިއްޔާތު ބޭއްވީ މިދިޔަ ބުރާސްފަތި ދުވަހު ރޯޔަލް ޕާކުގަ އެވެ. އެ އެއްބަސްވުމުގައި ވޮލީބޯޅަ އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެސޯސިއޭޝަންގެ ރައީސް މުހައްމަދު ރިޔާޒެވެ. ރާއްޖެ ޓީވީގެ ފަރާތުން ސޮއިކުރެއްވީ އެޗެނަލަގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސަލީމެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތަށް ފަހު ރިޔާޒް ވިދާޅުވީ ރާއްޖެ ޓީވީއާ އެކު މިވެވުނު އެއްބަސްވުމަކީ އެ އެސޯސިއޭޝަންގެ އެގްޒެކްޓިވް ކޮމެޓީން ފާސް ކުރެވިގެން ވުނުނު ވަރަށް މުހިންމު އެއްބަސްވުމެއް ކަމަށާއި މިކަން ކުރުމުގައި އެސޯސިއޭޝަންގެ އެގްޒެކްޓިވް ކޮމެޓީއަށް ދިންއެއްބާރު ލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރާ ކަމަށެވެ.
"މިއެއްބަސްވުމުގެ ސަބަބުން ވޮލީ އިތުރަށް އިސްތިހާރުކޮށް ވީހާ ވެސް ގިނަ ބަޔަކަށް ވޮލީގެ މެޗުތައް ބެލޭނެ. އެހެން ކަމުން ވޮލީގެ ސްޕޮންސަރުންނަށް ބޮޑު އިތުބާރެއް ލިބޭނެ. މިއެއްބަސް ވުމަކީ އެއް އަހަރު ދުވަހުގެ އެއްބަސް ވުމެއް." ރިޔާޒް ވިދާޅުވިއެވެ.
ސަންއިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރިޔާޒް ވިދާޅުވީ ރާއްޖެ ޓީވީއާއެކު މިއެއްބަސް ވުމުގައި ސޮއިކުރަން ޖެހުނު މައިގަނޑު އެއްސަބަބަކީ ރާއްޖެ ޓީވީއަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ރަނގަޅު ޗެނަލް ކަމަށާއި އެގޮތުން ފާއިތުވި އަހަރު ރާއްޖެ ޓީވީން ކުޅިވަރުގެ ކަންކަމަށް ދިން އެއްބާރުލުން ވަރަށް ފާހަގަ ކުރެވޭ ކަމަށެވެ.
ރާއްޖެ ޓީވީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ސަލީމް ވިދާޅުވީ، ވޮލީ ބޯޅައާ އެކު ވެވުނު އެއްބަސް ވުމުގެ އިތުރުން މިއަހަރަކީ ރާއްޖެ ޓީވީގެ ކުޅިވަރުގެ އަހަރަކަށް ހެދުމަށް ތައްޔާރު ވަމުން އަންނަ ކަމަށާއި އެގޮތުން ކުޅިވަރުގެ ދާއިރާތަކުން ވަނަތައް ހާސިލް ކުރާ އަދި ރާއްޖެ އަށް ރީތި ނަން ހޯދާދޭ ފަރާތްތަކަށް ހާއްސަ އެވޯޑް ހަފްލާއެއް ބާއްވަން މިއަހަރު ވަނީ ނިންމާފައި ކަމަށެވެ.