17 Jan 2014, 22:46
މާދަމާގެ އިންތިހާބައެކު ވެސް ރާއްޖޭގައި މިހާރު އޮތް ސިޔާސީ ހަމަޖެހުން ނަގައިނުލުމަށް ސަރުކާރުން އިލްތިމާސްކޮށްފި އެވެ.
މާދަމާ ބާއްވާ ލޯކަލް ކައުންސިލް އިންތިހާބާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ "ސަން"އަށް މިއަދު ވިދާޅުވީ ރިޔާސީ އިންތިހާބަށްފަހު ގައުމުގައި އުފެދިފައިވާ ސިޔާސީ ހަމަޖެހުމަކީ ރައްޔިތުން އެދޭ ހަމަޖެހުން ކަމަށާއި އެހެންކަމުން އެ ހަމަޖެހުން ނަގާ ނުލުމުން ސިޔާސީ ހުރިހާ ފަރާތްތަކުގެ ކިބައިން ސަރުކާރުން އެދޭ ކަމަށެވެ.
"ރިޔާސީ އިންތިހާބުގެ ފަހުން ރާއްޖޭގައި މިއޮތީ ވަރަށް ރަނގަލު ސިޔާސީ ހަމަޖެހުމެއް، ރައްޔިތުން އެ ދެނީ ގައުމަށް ހަމަމަގުގައި އޮވެގެން ކުރިއަށް ދިއުމަށް، އެހެން ކަމުން ސަރުކާރުގެ އެދުމަކީ އިންތިހާބަށް ފަހުވެސް މި ހަމަޖެހުން ގާއިމްކޮށް އޮތުން،" މުއާޒް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ސިޔާސީ ވާދަވެރިކަމުގެ ތެރެއިން ފޯރިގަދަ ކެމްޕެއިންތަކާއި ވާދަވެރިކަމަށް ސަރުކާރުން މަރުހަބާ ކިޔާ ކަމަށެވެ. އަދި އެކަންކަން ކުރަންޖެހޭ އިމުރުގެ ތެރޭގައި ކުރުމަށް ސަރުކާރުން ގޮވާލާ ކަމަށް މުއާޒް ވިދާޅުވި އެވެ.
"ސުލްހަވެރި ވާދަވެރި ސިޔާސީ ވެއްޓަކަށް އަބަދުވެސް ސަރުކާރުންނާއި ރައީސްޖުމްހޫރިއްޔާ މަރުހަބާ ދައްނަވާ، އަޅުގަނޑުމެންގެ އެދުމަކީ މި ހަމަޖެހުން ބާއްވައިދިނުން،" ތަރުޖަމާން ވިދާޅުވި އެވެ.
ސިޓީ އާއި އަތޮޅުތަކާއި ރަށު ކައުންސިލްތަކަށް މެމްބަރުން އިންތިހާބް ކުރުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުން ފަށާނީ މާދަމާ ހެނދުނު 7:30 ގަ އެވެ.