17 Jan 2014, 22:20
ތ. ކަނޑޫދޫ ކައުންސިލަށް އެމްޑީޕީ ޓިކެޓުގައި ކުރިމަތިލައްވާފައިވާ އެރަށު މާފޮޅޭގޭ ހުސައިން އަރީފަކީ ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމުގެ ޝަރުތު ހަމަނުވާ މީހެއްކަމަށް ސުޕްރީމް ކޯޓުން މިރޭ ހުކުމް ކޮށްފި އެވެ.
ސުޕްރީމް ކޯޓުން މިރޭ ކުރި ހުކުމްގައި ބުނެފައި ވަނީ ހުސައިން އަރީފްގެ މައްޗަށް މަސްތުވާތަކެތީގެ މައްސަލައެއް ޝަރީއަތަށް ސާބިތުވުމާ ގުޅިގެން އޭނާ ހަ އަހަރަށް ޖަލަށް ލާން 2002 ވަނަ އަހަރު ކުރީގެ ޖިނާއީ ކޯޓުން ހުކުމް ކޮށްފައިވާ ކަމަށެވެ.
އިލެކްޝަން ކޮމިޝަންގެ ކޮމްޕްލެއިންސް ބިއުރޯއިން ހުށަހެޅި މައްސަލާގައި ޝަރީއަތް ހިންގުމަށްފަހު ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ބުނަނީ އަރީފަކީ ސެޕްޓެމްބަރު، 11، 2002، ގައި ވ. ފަރުމާނުގެ ކޮޓަރި ތެރޭގައި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން ބޭނުންކުރި ކަމުގެ ކުށް ސާބިތުވެފައިވާ މީހެއް ކަމަށެވެ. އަދި އެ ކުށް ސާބިތުވެފައި ވުމުން ކުރީގެ ޖިނާއީ ކޯޓުން އޭނާގެ މައްޗަށް ހަ އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ޑިސެމްބަރު، 29، 2002 ގައި ހުކުމްކޮށްފައިވާ ކަމަށެވެ.