17 Jan 2014, 20:16
މެންޗެސްޓާ ޔުނައިޓެޑް ހަމައަކަށް އަޅުވައި އެ ކްލަބުގެ އަސްލު ފެންވަރު ދައްކައިލުމަށް ޔުނައިޓެޑްގެ ކޯޗު ޑޭވިޑް މޮއެސްއަށް އަދި އިތުރު ވަގުތު ބޭނުންވާ ކަމަށް ޔުނައިޓެޑްގެ ނެދަލެންޑްސް ފޯވާޑް ރޮބިން ވެން ޕާސީ ބުނެފި އެވެ.
ސަރ އެލެކްސް ފާގަސަން ގަރުނެއްގެ ހަތަރު ބައިކުޅަ އެއްބައި ވަންދެން ޔުނައިޓެޑްގެ ކޯޗުކަން ކުރުމަށްފަހު އެޓީމު މޮއެސްއާ ހަވާލުކުރީ، އިނގިރޭސި ޕްރިމިއާ ލީގު އެންމެ ގިނައިން ކާމިޔާބުކުރި ޓީމުގެ ރެކޯޑް ޔުނައިޓެޑަށް ހޯދައިދިނުމަށް ފަހު މިދިޔަ ސީޒަންގަ އެވެ.
މޮއެސް ވަނީ ޔުނައިޓެޑާއެކު ހޭދަކުރާ ފުރަތަމަ ސީޒަންގައި އެޓީމު، ޗެމްޕިއަންސް ލީގުގެ ގަދަ 16 އަށް ގެންގޮސްފަ އެވެ. އަދި މޮއެސްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް ވަނީ މިއަހަރުގެ އިނގިރޭސި ލީގު ކަޕުގެ ސެމީ ފައިނަލުން ވެސް ޖާގަ ހޯދައިފަ އެވެ.
އެހެން ނަމަވެސް ޗެމްޕިއަން ޔުނައިޓެޑް މިވަގުތު އޮތީ އިނގިރޭސި ލީގު ތާވަލުގެ ހަތްވަނައިގަ އެވެ. އަދި އެޓީމު ވަނީ އިނގިރޭސި އެފްއޭ ކަޕުންވެސް ކަޓައިފަ އެވެ.
"މޮއެސް އަށް ވަގުތު ބޭނުންވޭ. އޭނާ އަދި މި ކްލަބަށް ވަރަށް އާ،" ވެން ޕާސީ ބުންޏެވެ. "ކޯޗަކީ އަހަރެމެން ކުރިއަށްދާނޭ މަގު ދައްކަން ހުންނަ މީހެއް. އޭނާ އަހަރެމެންގެ ވަށައިގެންވާ ހުރިހައި ކަމެއް ބަދަލުކުރާނެ،"
ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން މަސްދުވަހަށް ކުޅުމާއި ދުރުގައި ހުންނަން ޖެހިފައިވާ، ޔުނައިޓެޑްގެ ފޯވަޑް ބުނީ، ޔުނައިޓެޑްގެ ނަސީބު ރަނގަޅުވާން މާކަ ގިނަދުވަހެއް ނުނަގާނެ ކަމަށެވެ.
"އަހަރެމެން އަތުން މިއަހަރު ވަރަށް ގިނަ ޕޮއިންޓުތަކެއް ގެއްލިއްޖެ. އެކަމަކު ކަންކަން ރަނގަޅު ކުރުމަށް ކުރެވެން ހުރި ހުރިހައި ކަމެއް ކުރަމުން އަހަރެމެން މިގެންދަނީ،" އުމުރުން 30 އަހަރުގެ ޑަޗް ފޯވާޑް ބުންޏެވެ.
ވެން ޕާސީ އާސެނަލް އިން ޔުނައިޓެޑާ ގުޅުނީ 2012 ވަނަ އަހަރުގެ އޯގަސްޓް މަހު 24 މިލިޔަން ޕައުޑުގެ ފީއަކަށެވެ. އަދި އޭނާ ވަނީ މިދިޔަ ސީޒަންގައި ޔުނައިޓެޑަށް 30 ލަނޑު ކާމިޔާބުކޮށްދީ، އެ ކްލަބަށް ލީގު ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.
އެވަޓަން ދޫކޮށް ޔުނައިޓެޑްގެ ކޯޗު ކަމާއި މޮއެސް ހަވާލުވި އިރު ކޯޗެއްގެ ގޮތުގައި އޭނާއަށް މަތީފެންވަރުގެ ޓްރޮފީއެއް ހޯދިފައެއް ނުވެއެވެ. އެހެން ނަމަވެސް ޔުނައިޓެޑާ ހަވާލުވުމަށްފަހު އޭނާ ވަނީ، އިނގިރޭސި އެފްއޭ ކަޕް ޗެމްޕިއަން ވިގަން ބަލިކޮށް މިދިޔަ އަހަރުގެ އޮގަސްޓް މަހު އިނގިރޭސި ކޮމިއުނިޓީ ޝިލްޑް އުފުލައިލާފަ އެވެ.