މިދިޔަ އަހަރު ދުނިޔޭގައި ދެ ވަނަ އަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމު ހޯދި ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަދި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ކުރީގެ ފޯވާޑް އަލީ އަޝްފާގު (ދަގަނޑޭ)އަށް ހާއްސަ އެވޯޑެއް ދިނުމަށް ސަރުކާރުން ނިންމައިފި އެވެ.

ޔޫތު މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު "ސަން"އަށް މިއަދު ވިދާޅުވީ، ދުނިޔޭގެ ލަނޑުގެ ލިސްޓުން ދެ ވަނަ ހޯދުމުގެ އިތުރުން ބައިނަލްއަގްވާމީ ފެންވަރުގައި ރާއްޖެއަށް ރީތި ނަން ހޯދައިދީފައިވާ އަޝްފާގަށް އެވޯޑް ދިނުމަށް ނިންމާފައި ވަނީ، ފުޓްބޯޅައިގެ ހާއްސަ ދުވަސްވަރަކާ ދިމާކޮށް ކަމަށެވެ.

"އަޅުގަނޑުމެން މި ވަނީ ދަގަނޑޭ ރާއްޖެއަށް ހޯދައިދެމުން ގެންދާ ރީތި ނަން ފާހަގަ ކޮށް އެކަމުގެ އަގު ވަޒަން ކުރުމުގެ ގޮތުން މިނިސްޓްރީގެ ފަރާތުން ހާއްސަ އެވޯޑެއް ދޭން ނިންމާފައި. އެނގިވަޑައި ގަންނަވާނެ އަޅުގަނޑުމެންގެ މި ސަރުކާރަކީ، ޒުވާނުންނަށް ވަރަށް ބޮޑަށް އަމާޒު ކޮށްގެން އެކުލަވައިލެވިފައިވާ ސަރުކާރެއް. އެހެން ކަމުން ރާއްޖެއަށް މިފަދަ ރީތި ނަން ހޯދައިދޭ ޒުވާނުންގެ އަގުވަޒަން ކުރުމަކީ ވަރަށް މުހިއްމު ކަމެއް،" މަލީހު ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ބަލަނީ، ކުރިއަށް އޮތް ޗެލެންޖް ކަޕުގެ ދުވަސްވަރުގައި ނުވަތަ އެފަދަ ފުޓްބޯޅައިގެ އީދަކާ ދިމާކޮށް ދަގަނޑޭއަށް އެވޯޑް ދިނުމުގެ ހަފްލާއެއް ބާއްވަން،"

ދުނިޔޭގެ ފުޓްބޯޅަ ދިރާސާ ކުރާ ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ފުޓްބޯލް ހިސްޓަރީ އެންޑް ސްޓެޓިކްސްޓިކްސް (އައިއެފްއެފްއެޗްއެސް) އިން ހޮވާފައިވާ ދުނިޔޭގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުން ދަގަނޑޭއަށް ދެވަނަ ލިބިފައިވަނީ، މިފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅޭ ޕޯޗްގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވުރެ އެންމެ ދެ ލަނޑު މަދުން ޖެހުމުންނެވެ.

އައިއެފްއެފްއެޗްއެސް އިން ހޮވާ ދުނިޔޭގެ ލަނޑުގެ ލިސްޓުން ދަގަނޑޭ އަށް ދެ ވަނަ މަގާމް ލިބުނީ އޭނާ ގައުމީ ޓީމަށް މިދިޔަ އަހަރު ޖަހައިދިން 14 ލަނޑާއި އޭއެފްސީ ކަޕުގައި ނިއު އަށް ޖެހި ނުވަ ލަނޑާ އެކު، ޖުމްލަ 23 ލަނޑު ކާމިޔާބުކޮށްގެންނެވެ. އަދި ދުނިޔޭގެ ލަނޑު ލިސްޓުގެ އެއް ވަނަ މަގާމް ދިފާއު ކުރި ރޮނާލްޑޯއަށް ޖެހިފައި ވަނީ ޖުމްލަ 25 ގޯލެވެ. އެއީ މިދިޔަ ސީޒަންގައި ގައުމީ ޓީމަށް ރޮނާލްޑޯ ޖަހައިދިން ނުވަ ގޯލާއި ޗެމްޕިއަންސް ލީގުގައި ރެއާލް އަށް ޖަހައިދިން 16 ގޯލެވެ.

މިދިޔަ އަހަރު ދުނިޔޭގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުގެ ދެވަނަ މަގާމު ހޯދި ދަގަނޑޭގެ އަގު ވަޒަންކޮށް ސަރުކާރުން އެވޯޑެއް ދޭން ނިންމިއިރު ސަން މީޑިއާ ގްރޫޕުން ވެސް ވަނީ، ފުޓްބޯޅައިގައި ދިވެހި ގައުމަށް ހޯދައި ދެމުންދާ ރީތި ނަމާއި ޝަރަފުގެ އަގު ވަޒަން ކުރުމުގެ ދަގަނޑޭއަށް ހާއްސަ އެވޯޑެއް ދޭން ނިންމައިފަ އެވެ.