މަޖިލީހުން ފާސްނުކޮށް، އަނބުރާ ކޮމެޓީއަށް ފޮނުވާލި ގާނޫނުލް އުގޫބާތުގެ ބިލަށް އަލުން އިސްލާހު ހުށައަޅަން ދިން މުއްދަތު ހަމަވާން ދެ ދުވަހަށް ވެފައިވާއިރު ވެސް އަދިވެސް އިސްލާހެއް ހުށައަޅާފައި ނުވާތީ އަލުން އެ ބިލް ތަޅުމަށް ފޮނުވާލާނެ ކަމަށް ގާނޫނުލް އުގޫބާތު ކޮމެޓީގެ މުގައްރިރު ވިދާޅުވެއްޖެ އެވެ. ހަތް އަހަރު ދުވަހުގެ މަސައްކަތަށްފަހު މަޖިލީހުގެ ތަޅުމަށް ހުށަހެޅި ގާނޫނުލް އުގޫބާތު ބިލް އަނބުރާ ކޮމެޓީއަށް ފޮނުވާލީ މިދިޔަ މަހުގެ 29 ގަ އެވެ. މަޖިލީހުގެ ބޮޑު އަގުލަބިއްޔަތާއެކު ސަރުކާރަށް ތާއިދު ކުރާ މެމްބަރުން އިއްތިފާގުވެ، ވޯޓު ދެއްވީ އެ ބިލް ފާސް ނުކުރުމަށެވެ. ކޮމެޓީއަށް ބިލް ފޮނުވާލުމާއެކު، މެމްބަރުންގެ މެދުގައި ބިލާމެދު އުފެދިފައިވާ ކަންބޮޑުވުންތައް ހައްލު ކުރަން ބިލަށް އިސްލާހު ހުށަހަޅަން މިމަހުގެ އެކެއްގައި ހުޅުވާލި އެވެ. ނަމަވެސް މިހާތަނަކަށް ބިލަށް އެއްވެސް އިސްލާހެއް ހުށަހަޅާފައި ނުވާ ކަމަށް ގާނޫނުލް އުގޫބާތުގެ ބިލް ދިރާސާ ކުރާ ކޮމެޓީގެ މުގައްރިރު އަހުމަދު ހަމްޒާ މިއަދު ވިދާޅުވި އެވެ. ބިލަށް އިސްލާހު ހުށަހެޅުމުގެ މުއްދަތު ހަމަވާނީ އަންނަ ހަފްތާގެ ހޯމަ ދުވަހަށެވެ. ހަމްޒާ ވިދާޅުވީ ބިލް ފާސްކުރުމަށް ދެކޮޅު ހެއްދެވި މެމްބަރުން، ބޭނުންވާ އިސްލާހުތައް ބިލަށް ގެނައުމަށް ހުޅުވާލި ފުރުސަތުގައި އެއްވެސް އިސްލާހެއް އަދި ނުލިބޭ ކަމަށެވެ. އަދި އާންމުގެ ފަރާތުން ވެސް ބިލާމެދު ކަންބޮޑުވުމެއް އޮތްނަމަ މަޖިލީހުގެ މެމްބަރަކު މެދުވެރިކޮށް އެ އިސްލާހެއް ހުށަހަޅައި ދިނުމަށް ހަމްޒާ އެދިވަޑައިގެންނެވި އެވެ. "އިސްލާހު ހުށަނާޅައިފިނަމަ އަލުން އެ ބިލް އޮތް ގޮތަށް ފާސް ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވާލާނަން. މެމްބަރުން އިސްލާހު ހުށަނާޅަނީ އިސްލާހު ގެންނަން ބޭނުން ނުވާތީ ކަމަށް ގަބޫލު ކުރެވޭނީ. ދެން ބިލް ފާސް ނުކުރާންވީ ސަބަބެއް ވެސް ނެތް،" ބިލެތްދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ހަމްޒާ ވިދާޅުވި އެވެ. ގާނޫނުލް އުގޫބާތުގެ ބިލަކީ ދުނިޔޭގެ މަޝްހޫރު ގާނޫނީ އިލްމުވެރިއެއް ކަމަށްވާ ޕްރޮފެސާ ޕޯލް ރޮބިންސަންގެ ތައްޔާރު ކުރެއްވި ޑްރާފްޓެއްގެ މައްޗަށް އެކުލަވާފައިވާ ބިލެކެވެ. އޭނާ އެ މަސައްކަތްކޮށްފައި ވަނީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމް ދިރާސާ ކުރެއްވުމަށް ފަހު އެވެ. އޭނާ އެ މަސައްކަތްކޮށްފައި ވަނީ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި ޑރ. ހަސަން ސައިދުގެ ބަންޑާރަ ނައިބު ކަމުގަ އެވެ. ގާނޫނުލް އުގޫބާތަށް ދީނީ އިލްމުވެރިން ފާޑުކިޔަމުންދަނިކޮށް، ގުރުއާނުގައިވާ ހައްދުތައް ތަންފީޒު ކުރުމަށް ގާނޫނުލް އުގޫބާތުގެ އެންމެ ފަހު މާއްދާއެއްގެ ގޮތުގައި ވަނީ މާއްދާއެއް އިތުރުކޮށްފަ އެވެ. އެ މާއްދާގައި ބުނަނީ ގުރުއާނުގައި ހައްދު ކަނޑައަޅާފައިވާ ކުށަކަށް ގާނޫނު (ގާނުނުލް އުގޫބާތު) ގައިވާ ގޮތުގެ މަތިން މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ އެ ގާނޫނާއި ގުރުއާނުގައި ކަނޑައެޅިފައިވާ ހައްދު އެ މީހެއްގެ މައްޗަށް ގާއިމް ކުރަންވާނެ ކަމަށެވެ. ކޮމެޓީގެ މެމްބަރުން ވިދާޅުވާ ގޮތުން އެ މާއްދާގެ ސަބަބުން ވައްކަމުގެ މައްސަލައެއްގައި ވަގަކު އަތް ކަނޑަންޖެހޭ ހާލަތައް ހިގައްޖެނަމަ އެކަން ކުރަންޖެހޭނެ ކަމަށެވެ.