17 Jan 2014, 17:47
އަލީ އަޝްފާގު (ދަގަނޑޭ)އަކީ އާދަޔާ ހިލާފު ކުޅުންތެރިއެކެވެ. އެ ކުޅުންތެރިއެއްގެ ނަން ބުނުމުން ދިވެހިގެ ހިތްތަކަށް އާދަޔާ ހިލާފު އުފާވެރި ކަމެއް ގެނެސްދޭ ކުޅުންތެރިއެކެވެ. އެ ކުޅުންތެރިއެއްގެ ހުނަރާއި މެދު ދިވެހިން އަބަދުވެސް ފަހުރުވެރިވާ ކުޅުންތެރިއެކެވެ. އަދި އެ ކުޅުންތެރިއެއްގެ ހުނަރާއި މެދު ދިވެހިން ޝައްކު ނުކުރާނެ މޮޅު ފުޓްބޯޅަ ކުޅުންތެރިއެކެވެ.
ދަގަނޑޭގެ ލަނޑު ޖެހުމުގެ ހުނަރާއި، އަދި ފުޓްބޯޅައިގައި އޭނާ ހޯދާފައިވާ ކާމިޔާބާއި އަދި ހާއްސަކޮށް ފުޓްބޯޅައިގައި ދިވެހި ގައުމަށް ހޯދައި ދެމުންދާ ރީތި ނަމާއި ޝަރަފުގެ އަގު ވަޒަން ކުރުމުގެ ގޮތުން ސަން މީޑިއާ ގްރޫޕުން ވަނީ، ދަގަނޑޭއަށް ހާއްސަ އެވޯޑެއް ދޭން ނިންމައިފަ އެވެ.
"ދަގަނޑޭގެ މި ކާމިޔާބުތަކަކީ އަޅުގަނޑުމެން ފާހަގަ ނުކޮށް ދޫކޮށްލާވަރުގެ ކަންތައްތަކެއް ނޫން. އަޅުގަނޑުމެން އެބަޖެހޭ މިކަން ވަރަށް ފުރިހަމައަށް ފާހަގަ ކުރަން، އަޅުގަނޑު ދެކެނީ މިއީ ރާއްޖޭގެ ބޮޑު މީޑިއާއެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން ކޮންމެހެން އަދާކުރަން ޖެހޭ ޒިންމާއެއްގެ ގޮތުގައި. އެހެން ކަމުން އަޅުގަނޑުމެން މި ނިންމީ ދަގަނޑޭއަށް އޭނާގެ މަސައްކަތުގެ އަގު ވަޒަންކޮށް ހާއްސަ އެވޯޑެއް ދޭން،" ސަންގެ ސީއީއޯ ސިނާން އަލީ ވިދާޅުވި އެވެ.
ދުނިޔޭގެ ފުޓްބޯޅަ ދިރާސާ ކުރާ ޖަމިއްޔާއެއް ކަމަށްވާ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ފުޓްބޯލް ހިސްޓަރީ އެންޑް ސްޓެޓިކްސްޓިކްސް (އައިއެފްއެފްއެޗްއެސް)އިން ހޮވާފައިވާ ދުނިޔޭގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިންގެ ލިސްޓުން ދަގަނޑޭއަށް ދެ ވަނަ ލިބިފައި ވަނީ، މިފަހަރު ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ސްޕެއިންގެ ރެއާލް މެޑްރިޑަށް ކުޅޭ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވުރެ އެންމެ ދެ ލަނޑު މަދުން ޖެހުމުންނެވެ.
އައިއެފްއެފްއެޗްއެސް އިން ހޮވާ ދުނިޔޭގެ ލަނޑުގެ ލިސްޓުން ދަގަނޑޭ އަށް ދެ ވަނަ މަގާމް ލިބުނީ އޭނާ ގައުމީ ޓީމަށް މިދިޔަ އަހަރު ޖަހައިދިން 14 ލަނޑާއި އޭއެފްސީ ކަޕުގައި ނިއު އަށް ޖެހި ނުވަ ލަނޑާ އެކު، ޖުމްލަ 23 ލަނޑު ކާމިޔާބުކޮށްގެންނެވެ. އަދި ދުނިޔޭގެ ލަނޑު ލިސްޓުގެ އެއްވަނަ މަގާމް ދިފާއުކުރި ރޮނާލްޑޯ އަށް ޖެހިފައިވަނީ ޖުމްލަ 25 ގޯލެވެ. އެއީ މިދިޔަ ސީޒަންގައި ގައުމީ ޓީމަށް ރޮނާލްޑޯ ޖަހައިދިން ނުވަ ގޯލާއި ޗެމްޕިއަންސް ލީގުގައި ރެއާލް އަށް ޖަހައިދިން 16 ގޯލެވެ.
ދަގަނޑޭ ލަނޑު ޖެހުމުގެ ހުނަރާއި މެދު ހައިރާންވެ ޝައުގުވެރިކަން ފާޅުކުރަނީ ހަމައެކަނި ދިވެހިންނެއް ވެސް ނޫނެވެ. ބައިނަލްއަގްވާމީ ފެންވަރުގައި ވެސް ދަގަނޑޭގެ ފުޓްބޯޅައިގެ ހުނަރު މިއަދު ވަނީ ދުނިޔޭގެ މަޝްހޫރު އެހެނިހެން ފުޓްބޯޅަ ކުޅުންތެރިންނެކޭ އެއްފަދައިން މީހުންގެ މެދުގައި ވާހަކަ ދެކެވޭ ފެންވަރަށް ތަރައްގީކޮށްފަ އެވެ. ގައުމީ ޓީމާއި ކްލަބް ފެންވަރުގައި ދަނޑުމަތީގައި ދަގަނޑޭ ދައްކުވައިދިން ހުނަރުގެ ސަބަބުން ބައިނަލް އަގްވާމީ ކްލަބު ތަކުން ދަގަނޑޭއަށް ޝައުގުވެރިކަން ފާޅުކުރަން ފެށި އެވެ.
މިދިޔަ އަހަރުގެ ފުޓްބޯޅަ ސީޒަނަކީ އުމުރުން 28 އަހަރުގެ ދަގަނޑޭގެ ފުޓްބޯޅަ ހަޔާތުގައި އާދަޔާ ހިލާފު ތާރީހީ ކާމިޔާބުތަކެއް ހާސިލް ކުރެވުނު ފުޓްބޯޅަ ސީޒަނެކެވެ. ގައުމީ ފެންވަރުގެ ރެކޯޑުތައް މުގުރައިލުމުގެ އިތުރުން ދަގަނޑޭ ވަނީ، ބައިނަލް އަގްވާމީ ފެންވަރުގެ ފުޓްބޯޅައިގައި ވެސް އޭނާގެ ނަން މިއިން ދުވަހަކު ފާޅުނުވާ ވަރަށް ފާޅުކޮށްފަ އެވެ.
ނިމިދިޔަ ފުޓްބޯޅަ ސީޒަންގައި ދަގަނޑޭ ހޯދި ކާމިޔާބުތަކަށް ބަލާއިރު ރާއްޖެ ހިމެނޭ ދެކުނު އޭޝިޔާ ސަރަހައްދުގައި ބޭއްވޭ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމަށްވާ ސާފް ޗެމްޕިއަންޝިޕްގައި ދަގަނޑޭ ވަނީ ރެކޯޑު ތަކެއް ހަދައިފަ އެވެ. އެގޮތުން ނޭޕާލުގައި މިދިޔަ އަހަރު ބޭއްވި މުބާރާތުގައި ސްރީ ލަންކާ ކޮޅަށް ރާއްޖެއިން 10 ލަނޑު ޖަހައިގެން ރެކޯޑެއް ގާއިމް ކުރި މެޗުގައި ދަގަނޑޭ ވަނީ ހަ ލަނޑު ޖަހައިގެން އެ މުބާރާތުގައި އެއް މެޗެއްގައި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ ރެކޯޑް ހަދައިފަ އެވެ. ހަމަ އެހެންމެ ދަގަނޑޭ ވަނީ އެ މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާގެ ރެކޯޑު ވެސް މުގުރައިލާފަ އެވެ. ތިން މުބާރާތުގައި ކުޅެގެން 12 ލަނޑު ޖަހައިގެން އިންޑިއާގެ ވިޖަޔަން ހަދާފައިވާ ރެކޯޑު ދަގަނޑޭ މުގުރައިލީ 18 ލަނޑު ޖަހައިގެންނެވެ. އެހެން ކަމުން ދަގަނޑޭގެ އެ ރެކޯޑު މުގުރައިލުމަކީ ސަރަހައްދުގެ އެހެން ކުޅުންތެރިންނަށް ގޮންޖެހުމަކަށް ވާނެ އެވެ.
ރާއްޖޭގައި މީގެ ކުރިން އެއް ސީޒަނެއްގައި އެންމެ ގިނަ ލަނޑުޖަހައިގެން ދަގަނޑޭ ހަދާފައިވާ 39 ލަނޑުގެ އަމިއްލަ ރެކޯޑުވެސް އޭނާ ވަނީ މިދިޔަ ސީޒަންގައި މުގުރައިލާފަ އެވެ. އެގޮތުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް މިދިޔަ ސީޒަންގައި ޖުމުލަ 44 ލަނޑު ކާމިޔާބުކޮށްދިން އަޝްފާގު ވަނީ ރާއްޖޭގެ ގައުމީ ޓީމަށް 14 ލަނޑު ކާމިޔާބުކޮށްދީފަ އެވެ. ޖުމުލަ 58 ލަނޑާއެކު ދަގަނޑޭ މިދިޔަ ސީޒަންގައި ހަދާފައިވާ ލަނޑުގެ ރެކޯޑަކީ ހަމަ ގައިމު ވެސް ދިވެހި އެހެން ކުޅުންތެރިޔަކަށް އެ ރެކޯޑު މުގުރައިލަން ފަސޭހަ ކަމަކަށް ނުވާނެ އެވެ.
ރާއްޖޭގެ ޗެމްޕިއަން ނިއުރޭޑިއަންޓުގެ މިދިޔަ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ރާއްޖޭގެ ފުޓްބޯޅައިގެ އެންމެ އަގުބޮޑު ރައުސުލްމާލު މިހާރު އޭނާގެ ފުޓްބޯޅަ ކެރިއަރު ކުރިއަށް ގެންދަނީ، މެލޭޝިޔާގަ އެވެ. މެލޭޝިޔާގެ ދެވަނަ ޑިވިޝަންގެ ކްލަބެއް ކަމަށްވާ ޕޮލިސް ޑި-ރާޖާ މެލޭޝިއާ (ޕީޑީއާރުއެމް)ގައި ވެސް ދަގަނޑޭ ދަނީ ތަފާތު މޮޅު ކުޅުމެއް ދައްކަމުންނެވެ. ދަގަނޑޭ ބުނީ ރާއްޖެއިން ބޭރުގެ ކްލަބަކަށް ކުޅުނު ނަމަވެސް އޭނާ އަބަދުވެސް އެންމެ ބޮޑު އަޒުމަކަށް ހަދާނީ، ގައުމަށް ރީތި ނަން ހޮދައިދިނުން ކަމަށެވެ.
"ރާއްޖެއިން ބޭރުގައިކުޅެން ޖެހުނަށް އަޅުގަނޑު ގައުމު މަތިން ހަނދާނެއް ނުނެތޭނެ. އަބަދުވެސް އަޅުގަނޑުގެ އެންމެ ބޮޑު އަމާޒަކަށް ވާނީ ރާއްޖެއަށް ރީތި ނަން ހޯދައިދިނުން. އެކަން ހާސިލްކުރުމަށް ކުރެވެން އޮތް ހުރިހައި ކަމެއް އިރާދަކުރެއްވިއްޔާ އަޅުގަނޑު ކުރާނަން،" ދަގަނޑޭ ބުންޏެވެ.
ދަގަނޑޭގެ ފުޓްބޯޅަ ކެރިއަރުގައި އަބަދުވެސް ކާމިޔާބު ލިބުމަކީ އަޅުގަނޑުމެންގެ ކޮންމެ ދިވެއްސެއްގެ ވެސް ދުއާއެވެ. އަދި އަލީ އަޝްފާގު ފަދަ އިތުރު "ދަގަނޑޭ ތަކެއް" މިގައުމުގައި އުފެދުމަކީ ރާއްޖޭގެ ފުޓްބޯޅަ މިހާރު އޮތް ފެންވަރުން މައްޗަށް ގެންދިއުމަށް ވަރަށް ވެސް މުހިއްމު ކަމެކެވެ. އަދި މިފަދަ ކުޅުންތެރިންގެ އަގު ވަޒަންކޮށް އެކަން ފާހަގަކުރުމަކީ އެފަދަ ކުޅުންތެރިން އުފެދުމަށް ދެވޭނޭ ބޮޑު ބާރަކަށް ވާނެ އެވެ.