17 Jan 2014, 14:55
ހއ. ދިއްދޫގައި ބޮއްކުރައެއްގައި މަހަށް ދިޔަ މީހުންގެ ތެރެއިން އެކަކު ބޮއްކުރަޔާ އެކު ގެއްލިގެން ހޯދަމުން ދަނިކޮށް ބޮއްކުރާ ފެނިއްޖެ އެވެ.
ބޮއްކުރާ ފެނިފައި ވީނަމަވެސް ގެއްލިގެން ހޯދަމުންދާ ސ. ހިތަދޫ ވިންސަމް އުމުރުން 39 އަހަރުގެ އަހްމަދު މުޖުތަބާ އަދިވެސް ފެނިފައިނުވެ އެވެ. އޭނާ ގެއްލިފައި ވަނީ މިމަހުގެ ނުވަ ވަނަ ދުވަ އެވެ.
ފުލުހުން މިއަދު ބުނީ މިއަދު ހެނދުނު 9:00 ޖެހިއިރު ފުލުހުންނަށް މައުލޫމާތް ލިބިފައިވާ ގޮތުގައި އެބޮއްކުރާ ފެނިފައި ވަނީ އިހަވަންދޫ މަސް ދޯންޏަކަށް ކަމަށެވެ. އެބޮއްކުރާ ފެނިފައި ވަނީ އިހަވަންދޫ އުތުރުން 90 މޭލުން ބޭރުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
އެދޯންޏަށް ބޮއްކުރާ ފެނިފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ. ނަމަވެސް ކަމާ ބެހޭ ފަރާތްތަކަށް އަންގާފައި ވަނީ މިއަދު އެވެ.
ބޮއްކުރައިން މަހަށް ދިޔަ މީހުންގެ ތެރެއިން މުޖުތަބާ ފިޔަވައި އަނެއް ދެ މީހުން ރަށަށް ގޮސްފައިވާ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. އަދި ވިދާޅުވީ ފުލުހުންނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މުޖުތަބާ ގެއްލިފައި ވަނީ ބޮއްކުރާ ދޫކޮށްލާފައި ނުދާނެ ކަމަށް ބުނެ ބަންޑުން ޖަހާލި ބޮއްކުރާ މަތީގައި އޮއްވައި ކަމަށެވެ.