އިސްލާމް އާބާދު (ޖަނަވަރީ 17): ޕާކިސްތާނުގެ ޕިޝާވަރުގައި ހުންނަ އިސްލާމީ މަރުކަޒެއްގައި ބާރުގަދަ ބޮމެއް ގޮއްވާލުމުގެ ސަބަބުން ހަތް މީހުން މަރުވެ 70 އަށް ވުރެ ގިނަމީހުން ޒަޚަމް ވެއްޖެ އެވެ. ޕިޝާވަރުގެ ލޯކަލް ފުލުހުން ބުނާ ގޮތުގައި ބޮން ގޮއްވާލާފައި ވަނީ ޕިޝާވަރުގެ "ތަބްލީޣުލްއިސްލާމް" ނަމަކަށްކިޔާ އިސްލާމީ މަރުކަޒުގަ އެވެ. ބޮން ގޮއްވާލުމުގެ ސަބަބުން މަރުވެ އަދި ޒަޚަމްވެފައި ވަނީ އެ މަރުކަޒުގައި އެވަގުތު ނަމާދުކުރަން ތިބި މީހުންނެވެ.
އެ ހާދިސާގައި މަރުވި މީހުންގެ ތެރޭގައި އަށް އަހަރުގެ ކުޑަކުއްޖަކު ވެސް ހިމެނޭއިރު މިނުބައި ޖަރީމާގެ ޒިންމާ އެއްވެސް ފަރާތަކުން އަދި އުފުލާފައެއްނުވެ އެވެ. މިހަމަލާގައި ޒަޚަމްވި މީހުންނަށް ފަރުވާދޭ ޕިޝާވަރުގެ މައި ހޮސްޕިޓަލުގެ ޑޮކްޓަރުން ހާމަކުރާގޮތުގައި ބޮމުގެ ސަބަބުން ޒަޚަމްވެފައިވާ 70 މީހުންގެ ތެރެއިން ގިނަ މީހުން ވަނީ ފުރާނައަށް ނުރައްކާވާ ޙާލަތުގަ އެވެ. އެހެންކަމުން މިޙަމަލާގައި މަރުވި މީހުންގެ ޢަދަދު އިތުރުވެގެން ހިނގައިދާނެ ކަމަށް އެފަރާތްތަކުން ބުނެ އެވެ.

ޕާކިސްތާނުގެ ތާލިބާން ޖަމާއަތުންނާއި އެނޫން ވެސް ހައްދުފަހަނަޅާފައިވާ ޖަމާއަތްތަކުން ހިންގަމުން ގެންދާ ބޮމުގެ ޙަމަލާތަކުގައި ކުށެއް ނެތް އެތައް ހާސްބަޔަކު ގަސްދުގައި މަރަމުން ގެންދާ އިރު މީގެ ތެރެއިން ބައެއް ޙަމަލާތައް މިސްކިތްތަކަށް ވެސް އަމާޒު ކުރެ އެވެ. ޕާކިސްތާނުގެ ހަރުކަށި ޖަމާއަތްތަކުން އެގައުމުގެ ސަރުކާރަށާއި އަދި ޕާކިސްތާނަށް ބޮންއަޅައި އާންމުން މަރަމުންގެންދާ އެމެރިކާއާ ދެކޮޅަށްނަމެއްގައި ހަނގުރާމަ އިޢްލާންކޮށްފައި ވީ ނަމަވެސް އެފަދަ ޖަމާއަތްތަކުގެ ޙަމަލާތަކުގެ ޝިކާރައަކަށް ވަމުންދަނީ އެމެރިކާ ސިފައިންނެއް ނޫނެވެ.

އެމެރިކާ ވެސް ޑްރޯން ޙަމަލާތައް ދީ މަރަމުންގެންދާ ފަދައިން މިފަދަ ހަރުކަށި ޖަމާއަތްތަކުން ވެސް ބޮންގޮއްވައިގެން މަރަމުން ގެންދަނީ ހަމަ ޕާކިސްތާނުގެ ނިކަމެތި ރައްޔިތުންނެވެ. (ނޫސްއެޖެންސީތައް)