17 Jan 2014, 13:59
ގާހިރާ (ޖަނަވަރީ 17): މިސްރުގެ އައު ގާނޫނު އަސާސީއާ މެދު ރައްޔިތުންދެކޭ ގޮތް ބެލުމަށް ނެގި ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުންގެ 55 އިންސައްތަ މީހުން ބައިވެރިވި ކަމަށާއި ވޯޓުދިން މީހުންގެ 95 އިންސައްތަ އައު ގާނޫނު އަސާސީއަށް ތާއީދުކޮށް ވޯޓުދީފައިވާ ކަމަށް މިސްރުގެ އިންތިޚާބުތަކާ ބެހޭ އެންމެ މަތީ ކޮމިޓީން ބުނެފި އެވެ.
މިމަހުގެ 14 އިން 15 އަށް ކުރިޔަށް ދިޔަ މިވޯޓުގެ ނަތީޖާ އިއްޔެ އިޢްލާންކުރި އިރު އިޚްވާނުލްމުސްލިމޫން ޖަމާއަތާ އަދި އިތުރު 11 ޕާޓީއާއި ސިޔާސީ ޖަމާއަތްގުޅިގެން އުފައްދާފައިވާ އިދިކޮޅު ކޯލިޝަނުން ވަނީ ވޯޓުގައި ބައިވެރިވި މީހުންގެ ނިސްބަތާއި ވޯޓުގެ ނަތީޖާ އޮޅުވާލިކަމުގެ ތުހުމަތު މިސްރުގެ ވަގުތީ ސަރުކާރުގެ މައްޗަށްކޮށް ފައެވެ. މިސްރުގެ އައު ގާނޫނު އަސާސީއަކީ ކުރީގެ ރައީސް ޑރ. މުހައްމަދު މުރުސީ މަގާމުން ދުރުކުރުމަށް ފަހު ސިފައިންގެ ބެލުމުގެ ދަށުން މިސްރުގައި ވެރިކަންކުރާ ވަގުތީ ސަރުކާރުން އެކުލަވާލި ޤާނޫނު އަސާސީއެކެވެ. އައު ގާނޫނު އަސާސީ އަށް ތާއީދުކޮށް ވޯޓުދިން މީހުންގެ ނިސްބަތް 95 އިންސައްތައަށް ވުރެ މަތިކަމަށް އިންތިޚާބާ ބެހޭ އެންމެ މަތީ ކޮމިޓީން އިޢްލާންކުރުމާއެކު މިސްރުގެ އިންގިލާބީ ވެރިންނަށް ތާއީދުކުރާ ފަރާތްތަކުން މަގުތަކަށް ނުކުމެ ވަނީ އުފާފާޅުކުރަން ފަށާފަ އެވެ.
އެމީހުން ވަނީ އިންގިލާބީ ވެރިޔާ އަދި ދިފާޢީ ވަޒީރު ޖެނެރަލް އަބްދުލްފައްތާޙް އައްސީސީ ވެރިކަމަށް އިންތިޚާބު ކުރުމަށް ގޮވާލައި އަޑުއުފުލާފަ އެވެ. ރިޕޯޓްތައް ބުނާގޮތުން ޖެނެރަލް ސީސީ އާއި މިސްރުގެ ވަގުތީ ސަރުކާރުގެ މަސްއޫލުވެރިން ވަނީ ފެންނަ ނުފެންނަ ވޯޓުގެ ކަންތައްތައް ކުރިޔަށްދިޔަ ގޮތް ވަރަށް ގާތުން ބައްލަވާފަ އެވެ. އަދި ރައްޔިތުންގެ ގިނަ ބަޔަކު އައު ގާނޫނު އަސާސީ އަށް ތާއީދުކޮށް ވޯޓުދީފައިވާކަން އިޢްލާން ކުރުމުން މިއީ މަގާމުން ދުރުކޮށްފައިވާ ކުރީގެ ރައީސް ޑރ. މުހައްމަދު މުރުސީ އާއި އޭނާ އަލުން ވެރިކަމަށް ގެނައުމަށް ގޮވާލާ އިދިކޮޅު ކޯލިޝަންގެ މައްޗަށް ހޯދުނު ބޮޑު ކާމިޔާބީއެއް ކަމަށް ޖެނެރަލް ސީސީ އާއި މިސްރުގެ ވަގުތީ ސަރުކާރުގެ މަސްއޫލުވެރިން ދެކެވަޑައިގަންނަވާ ކަމަށް މިސްރުސަރުކާރުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނެ އެވެ. އަދި މިއީ ޢަސްކަރީ އިންގިލާބަށް ރައްޔިތުން ކުރި ތާއީދެއްކަމަށް ވެސް މުރުސީގެ ވެރިކަން ވައްޓާލުމަށް ސިފައިންނަށް ވާގިވެރިވި ޢިލްމާނީ ޕާޓީތަކުގެ ވެރިންނާއި އެ ޕާޓީތަކަށް ތާއީދުކުރާ ފަރާތްތަކުން ދެކެ އެވެ.
މިއާ އެކު ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި މިސްރުގެ ރައީސަކަށް ޖެނެރަލް ސީސީ އިންތިޚާބުކުރަން މަސައްކަތް ކުރާނެކަން އެފަރާތްތަކުން ވަނީ ހާމަކޮށްފަ އެވެ. ނަމަވެސް މުރުސީ ނިސްބަތްވެވަޑައިގަންނަވާ އިޚްވާން ޖަމާއަތް އިސްވެއޮވެގެން އުފައްދާފައިވާ އިދިކޮޅު ކޯލިޝަނުން ވަނީ އައު ގާނޫނު އަސާސީއާ މެދު ރައްޔިތުން ދެކޭގޮތް ބެލުމަށް ނެގި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާ އޮޅުވާލިކަމަށް ބުނެފަ އެވެ. ވޯޓުގެ ކަންތައްތައް އިންތިޒާމްކުރި މިސްރުގެ އިންތިޚާބުތަކާ ބެހޭ ކޮމިޓީއަކީ ވަގުތީ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައިވާ ކޮމިޓީއެއްކަމަށާ ވޯޓުގައި ބައިވެރިވި މީހުންގެ ޢަދަދު 40 އިންސައްތައަށް ވުރެ ދަށްކަމަށް ބެލެވޭކަމަށް ވެސް އިދިކޮޅު އެކޯލިޝަނުން ބުނެ އެވެ.(އަލްޖަޒީރާ)