17 Jan 2014, 11:26
މިދިޔަ އަހަރު ހައި ކޯޓުން ބަލައި ނިންމި މައްސަލަތަކުގެ އަދަދު 2012 ވަނަ އަހަރާ އަޅާ ބަލައިއިރު، 30 ޕަސެންޓު ދަށްވެއްޖެ އެވެ.
ހައި ކޯޓުން ބުނީ މިދިޔަ އަހަރު އެ ކޯޓުން 389 މައްސަލަ ނިންމާފައިވާ ކަމަށެވެ. ނަމަވެސް އޭގެ ކުރީ އަހަރު، 2012 ވަނަ އަހަރު ކޯޓުން ނިންމާފައި ވަނީ 560 މައްސަލަ ކަމަށެވެ. އެ އަދަދާ އަޅާ ބަލައިއިރު، ހައި ކޯޓުން ނިންމި މައްސަލަ ތަކުގެ އަދަދު މިދިޔަ އަހަރު 30.5 ޕަސެންޓަށް ދަށްވެ އެވެ.
ހައި ކޯޓުން ބުނީ މިދިޔަ އަހަރު އެ ކޯޓަށް އިސްތިޢުނާފު ކުރުމަށް އަމިއްލަ ފަރާތްތަކުން ހުށަހެޅި 200 އަށްވުރެ ގިނަ މައްސަލައާއި އިސްތިޢުނާފު ކުރުމަށް ދައުލަތުގެ 100 އަށް ވުރެ ގިނަ މައްސަލަ ހުށަހެޅި ކަމަށެވެ.
މިދިޔަ އަހަރު ހައި ކޯޓަށް ހުށަހެޅިފައި ވަނީ 401 މައްސަލަ އެވެ. އޭގެ ތެރޭގައި 165 މަދަނީ މައްސަލައާއި 179 ޖިނާޢީ މައްސަލައިގެ އިތުރުން ވަޒީފާއާ ބެހޭ 32 މައްސަލައާއި އާއިލީ މައްސަލަތަކާއި ދުސްތޫރީ މައްސަލަތައް އަދި އިންތިޚާބީ މައްސަލަތައް ހިމެނެ އެވެ.
ހައި ކޯޓަކީ ނުވަ ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ކޯޓެވެ. އެ ކޯޓުގެ އިސް ފަނޑިޔާރަކީ އަހުމަދު ޝަރީފެވެ. ދެން އެ ކޯޓުގައި ހިމެނިވަޑައިގަންނަވާ އަނެއް އަށް ފަނޑިޔާރުންނަކީ ފަނޑިޔާރު އަބްދުލް ޣަނީ މުހައްމަދާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު ޔޫސުފް ހުސައިން އާއި ފަނޑިޔާރު ޝުވައިބް ހުސައިން ޒަކަރިއްޔާ އާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމާއި ފަނޑިޔާރު އައްބާސް ޝަރީފުގެ އިތުރުން ފަނޑިޔާރު އަލީ ސަމީރެވެ.