17 Jan 2014, 10:54
މާމަ ދަރިން ގެއިން ނެރުމަށް ސިވިލް ކޯޓަށް މާމަޔަކު ހުށަހެޅި މައްސަލަ އެ ކޯޓުން ބާތިލްކޮށްފި އެވެ.
ގ. ދޫވެލި ހަބީބާ މުހައްމަދު މިދިޔަ އަހަރު ސިވިލް ކޯޓަށް ހުށަހެޅީ އޭނާގެ މާމަ ދެ ދަރިއަކު އޭނާގެ ރަޖިސްޓްރީ ހިމެނޭ ގޮތަށް އޮންނަ ދޫވެލި ގެއިން ނެރެދިނުމަށެވެ. ނަމަވެސް ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފައި ވަނީ އެ މައްސަލަ އިތުރަށް ބަލައި ކުރިއަށް ގެންދެވޭނެ ތަނެއް ނެތް ކަމަށެވެ.
ސަބަބަކީ ދޫވެލި ގެއިން ހަބީބާއަށް ލިބިގެންވާ ބައި، އޭނާގެ ހަތް ދަރިންނަށާއި ފިރިމީހާއަށް ވަނީ ހިބަކޮށްދީފަ އެވެ. އަދި އެ ގޮތަށް ހިބަކޮށްދީފައި ވަނީ ސިވިލް ކޯޓަށް ހުށަހަޅައި އެ ކޯޓުގެ ހުކުމަކުނެވެ. ނަމަވެސް ފަހުން އެ ހިބަކުރުން އަނބުރާ އަތުލުމަށް ހަބީބާ މުހައްމަދު ކޯޓަށް ހުށަހެޅުމުން ހިބަކުރުން އަނބުރާ އަތުލެވޭނެ ތަނެއް ނެތް ކަމަށް ވަނީ ހުކުމްކޮށްފަ އެވެ.
ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައި ވަނީ އަމިއްލަ ދަރިންނަށް ހިބަކޮށްދީފައިވާ ގެއަކުން މާމަ ދަރިން ނެރުމަށް ހަބީބާއަށް މައްސަލަ ހުށަހެޅުމުގެ ގާނޫނީ ހައިސިއްޔަތެއް ނެތް ކަމަށެވެ.
"މައްސަލަ ހުށަހެޅުމުގެ ގާނޫނީ ހައިސިއްޔަތު ހަބީބާ މުހައްމަދަށް މިވަގުތު ލިބިގެންވާ ކަމުގައި ބެލެވެން ނެތް ކަމަށްޓަކައި މި މައްސަލައިގެ ދައުވާފޯމް ބާތިލްކޮށް، މި މައްސަލަ މިވަގުތު އިތުރަށް ބަލައި ކުރިއަށް ގެންދެވޭނެ ތަނެއް ނެތް ކަމަށް ހުކުމްކޮށްފީމެވެ،" ގާޒީ އަބްދުﷲ ޖަމީލް މޫސާ ކުރެއްވި ހުކުމުގައިވެ އެވެ.