ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ފައިސާ ހޯއްދަވައި ދެއްވަންޖެހޭ ކަމަށާއި ސަރުކާރު ޖަވާބުދާރީ ކުރުވަންވާނީ ސަރުކާރުން ބޭނުންވާ ކަންތައްތައް މަޖިލީހުން ކޮށްދިނުމަށްފަހު ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

ކައުންސިލް އިންތިހާބާ ދިމާކޮށް އައްޑޫ ސިޓީއަށް ރައީސް ކުރައްވާ ދަތުރުފުޅުގައި ހިތަދޫ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ ސަރުކާރަށް އާމްދަނީ އިތުރު ކުރުމަށް ހުށަހަޅުއްވާފައިވާ ބިލުތައް މަޖިލީހުން ފާސްކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށާއި ސަރުކާރު ހިންގަން ބޭނުންވާ ފައިސާ، ރައްޔިތުންގެ މަޖިލީހުން ހޯއްދަވައި ދެއްވަންޖެހޭ ކަމަށެވެ.

ސަރުކާރުން މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި މުސާރަ ދެއްވުމަށް ބޭންކުން ފައިސާ ނަންގަވާފައި ނުވާނެ ކަމަށާއި، ބޭރުން ފައިސާ ހޯއްދަވާފައި ވެސް ނުވާނެ ކަމުގައި ރައީސް ވިދާޅުވި އެވެ. އަދި މުސާރަ ދެއްވަމުން ގެންދަވަނީ އިޤްތިޞާދު ކުރައްވައިގެންކަން ރައީސް ހާމަކުރެއްވިއެވެ.

ރައީސް ވާހަކަފުޅުގައި ސަރުކާރުން ރައްޔިތުންނަށް ދެއްވަމުން ގެންދަވާ ޚިދުމަތްތައް ފަސޭހަކަމާއި ހަލުވިކަމާއެކު ކުރިއަށް ގެންދެވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށް ވެސް ބައްލަވާލެއްވި އެވެ. އަދި މިކަމުގައި އެންމެ މުހިންމު ޙިއްޞާއެއް އަދާކުރައްވަނީ ސިވިލް ސާވެންޓުން ކަމަށްވުމާއެކު، ސިވިލް ސާވިސްގައި މަސައްކަތް ކުރައްވާ މުވައްޒަފުން މިހާރަށްވުރެ ހޭލުންތެރިކުރުވައި ޒިންމާދާރުކަމާއެކު މަސައްކަތް ކުރުވަންޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. ސަރުކާރުގެ މެނިފެސްޓޯގައި ހުރި ކަންކަން ފަސް އަހަރު ދުވަހުގެ ތެރޭގައި ކާމިޔާބު ކުރާ ކަމަށްވާނަމަ، ސިވިލް ސާވިސްގެ ތެރެއިން ހަލުވިކަމާއެކު ޒިންމާދާރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.


ރައީސް ޔާމިން ވިދާޅުވީ އޮފީސްތަކުން ފޯނު ނުނަގާ ކަމުގެ ޝަކުވާއަކީ ވަރަށް ބޮޑު ޝަކުވާއެއް ކަމަށާއި އެކަން ޙައްލު ކުރެއްވުމަށް ސީދާ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިސް ނަންގައިގެން މަސައްކަތްތަކެއް ކުރަމުން ގެންދަވާ ކަމަށެވެ. އަދި މިހާރު ބޭނުންނުކުރާ ލައިންތައް ވަކިކޮށް، ސަރުކާރަށް ކަމަކަށް އެދި ފޯނުކޮށްފި ކަމަށްވާނަމަ އެ ފޯނުތަކަށް ޖަވާބުދެވޭ ގޮތަށް ސަރުކާރުގެ ފޯނު ސިސްޓަމްތައް ބަދަލުކުރުމަށް އޮފީސްތަކަށް މިހާރު ވާނީ އަންގާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި ސަރުކާރަކުން ވަކި ޕާޓީއަކަށް ނުވަތަ ކުލައަކަށް ނުބައްލަވާނެ ކަމަށާއި، ހުރިހާ ރައްޔިތުންނަށްވެސް ކަންތައްތައް ކޮށްދެއްވަމުން ގެންދަވާނީ ހަމަހަމަކަމާއެކު އެއްވެސް ތަފާތު ކުރެއްވުމެއްނެތި ކަމުގައި ވިދާޅުވި އެވެ. އަދި ރައްޔިތުން އިންތިޚާބު ކުރައްވާ ކައުންސިލަރުން ވެސް ސަރުކާރަށް އެއްބާރުލުން ދެއްވައިގެން މަސައްކަތް ކުރެއްވުމުގެ މުހިންމުކަން ރައީސް ހަނދާންކޮށްދެއްވި އެވެ.

އައްޑޫ ސިޓީގެ ރައްޔިތުންނަކީ ތަރައްޤީއަށާއި ތަޢުލީމަށް ލޯބިކުރައްވާ ރައްޔިތެއް ކަމަށް ވިދާޅުވެ، އަތޮޅުގެ ރައްޔިތުންނަކީ، ވަރަށް ކުރިއްސުރެ ޞިނާޢީ މަސައްކަތްތަކެއްގައި ޝާމިލުވެ ތިއްބެވި ބޭފުޅުންކަން ވެސް ރައީސް ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ. އަދި އައްޑު ސިޓީ ރައްޔިތުންނަކީ، މަސައްކަތަށް ކަމޭ ހިތުމާއި މަސައްކަތަށް އިޙްތިރާމް ކުރުމުގެ ސިފަތަކެއް އަށަގެންފައިވާ ރައްޔިތެއް ކަމަށް ރައީސްވިދާޅުވިއެވެ.