13 Dec 2010, 12:32
ގަހަށް ޖަހާ ވިހަ ބޭހެއް ނ. މަނަދޫ މީހަކު ބޮއެގެން ރ. އުނގޫފާރު ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފި އެވެ.
މަނަދޫ ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި ހުސެއިން ޝިހާމް ވިދާޅުވީ އޭނާގެ ހަށިގަނޑު ވަރަށް ބޮޑަށް ވިހަވެފައިވާ ކަމަށެވެ. އަދި ވިހަވި ޒުވާނާ އަށް ފަރުވާ ދިނުމަށް މިހާރު އުނގޫފާރު ހޮސްޕިޓަލަށް ފޮނުވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޝިހާމް ވިދާޅުވީ އޭނާގެ ބަނޑު މިހާރު ސާފުކޮށްފައިވާ ކަމަށެވެ.
ވިހަ ބޭސް ބޮއިފައި ވަނީ އެ ރަށު ފުލޫނިޔާގޭ އުމުރުން 20 އަހަރުގެ ހަސަން އަބުދުލް ހަކީމެވެ.
ހަސަނު އުނގޫފާރަށް އިތުރު ފަރުވާ ދިނުމަށް ފޮނުވާލާފައި ވަނީ މެންދުރެއްހާއިރު އެވެ.
ޝިހާމް ވިދާޅުވީ އޭނާ ބޮއިފައި ވަނީ ސީދާ ކޮން ކަހަލަ އެއްޗެއް ކަމެއް ވިދާޅުވާން ނޭނގޭ ކަމަށާއި ނަމަވެސް އޭނާ ބޮއިގެން ވިހަވެފައި ވަނީ މިނަރަލް ވޯޓާ ފުޅިއަކަށް ވެއްޔާއި ފެނާއި އެއްކޮށްފައި ހުރި އެއްޗެއް ބޮއެގެން ކަމަށެވެ. އަދި އެއީ ގަހުގައި އުޅޭ ފަނިފަކްސާ މަރަން ތައްޔާރުކޮށްފައި ހުރި ބޭހެއް ކަމަށާއި ބައެއް ފަހަރު ކާޅު މަރަން ވެސް އެ ބޭސް ބޭނުން ކުރާ ކަމަށް ޝިހާމް ވިދާޅުވި އެވެ.
ޝިހާމް ވިދާޅުވީ އޭނާ އަށް އެއްވެސް ވަރަކަށް ވާހަކަ ނުދެއްކޭތީ އެ ބޭސް ބޮއިފައި ވަނީ ކިހާވަރަކަށް ކަމެއް ނޭނގޭ ކަމަށެވެ. އަދި އެ ފުޅީގައި ފެން ގިނަ ކޮށްފައިވާތީ ބޭހުގެ އަސަރު ތަންކޮޅެއް ކުޑަ ކަމަށް ވެސް ޝިހާމް ވިދާޅުވި އެވެ.
އުނގޫފާރު ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ އޭނާ އަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި ހަސަނު ވިހަ ބޭސް ބޮއިފައި ވަނީ ލޯބީގެ މައްސަލައެއްގަ އެވެ.