ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވޭ ކޭކް ފެސްޓިވަލް އަދި ކޭކު ކޮމްޕެޓިޝަން މިރޭ ނޭޝަނަލް އާޓް ގެލަރީގައި ހުޅުވައިފި އެވެ.

އަސަރީ ސާވިސަސްގެ ފަރާތުން "ދަ ކޭކް ފެސްޓިވަލް"ގެ ނަމުގައި ބާއްވާ ފުރަތަމަ އަހަރީ ކޭކުފެއާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ، މި މަހުގެ 16 އިން 18 އަށެވެ. މި ކޭކު ފެސްޓިވަލް މިރޭ ރަސްމީކޮށް ހުޅުއްވައި ދެއްވީ ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ސިދާތާ ޝަރީފް އެވެ.

އަސަރީ ސާވިސަސް އިން ބުނީ، މިރޭ ފެށުނު ކޭކް ފެސްޓިވަލްގެ މަގުސަދަކީ، ކޭކު އެޅުމުގެ ދާއިރާގައި މަސައްކަތް ކުރަމުން ގެންދާ ފަރާތްތަކުން ކުރަމުން ގެންދާ މުހިއްމު މަސައްކަތްތައް އެއްތަނަކުން ފެނިގެންދާނޭ މާހައުލެއް ގާއިމް ކޮށްދިނުން ކަމަށެވެ. އަދި ހަމަ އެހެންމެ ކޭކުއެޅުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތައް އިތުރަށް ޕްރޮމޯޓް ކުރުމަށް މަގު ފަހިކޮށްދިނުން ވެސް ފެސްޓިވަލްގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް އެފަރާތުން ބުންނެވެ.

"މުޖުތަމައު މިދާއިރާއަށް ހޭލުންތެރި ކުރުވައި އެޑިއުކޭޓް ކުރުމާއި މި މަސައްކަތް ކުރާ ފަރާތްތަކުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްތަކުގެ މައުލޫމާތު ގިނަ ބަޔަކަށް ހިއްސާކުރުމަށް މަގުފަހިކޮށްދިނުން ވެސް މި އިވެންޓުގެ މަގުސަދު ތަކުގެ ތެރޭގައި ހިމެނޭ،" އިވެންޓާ ބެހޭގޮތުން އަސަރީ ސާވިސަސްގެ އެސިސްޓެންޓް މެނޭޖަރު ސޭލްސް އެންޑް މާކެޓިން އައިމިނަތު އަސްމާ ވިދާޅުވި އެވެ.

އަސްމާ އިތުރަށް ވިދާޅުވީ، އަންނަ އޭޕްރީލް މަހުގެ ތެރޭގައި "ކޭކް-އޮފް ބޭކް ކޮމްޕެޓިޝަން"ގެ ނަމުގައި ކޭކު އެޅުމުގެ ހާއްސަ މުބާރާތެއް ބޭއްވުމަށް ވެސް އެ ކުންފުނިން ނިންމާފައިވާ ކަމަށެވެ.

ރާއްޖޭގައި ކޭކު އެޅުމުގެ ދާއިރާގައި ހަރަކާތްތެރިވާ މަޝްހޫރު ތަންތަނުގެ ސްޓޯލް ތަކާއެކު އަސަރީ ސާވިސަސްގެ ފަރާތުން ނޭޝަނަލް އާޓު ގެލަރީގައި މިރޭ ފެށި "ދަ ކޭކް ފެސްޓިވަލް" ކުރިއަށް ގެންދާނީ، މިރެއާއި ހުކުރު އަދި ހޮނި ހިރު ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 10:00 އަށެވެ.