16 Jan 2014, 22:31
ސިޔާސީ ޕާޓީ ތަކުގެ ގާނޫނުގައި 10،000 މެންބަރުން ހަމަނުވާ ޕާޓީތައް އުވާލެވޭނެ ކަމަށް ބުނާ މާއްދާ ސްޕްރީމް ކޯޓުން ބާތިލް ކޮށްފައި ނުވާ ކަމަށް އިލެކްޝަންސް ކޮމިޝަންއިން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ސުޕްރީމް ކޯޓުން ބާތީލްކޮށްފައި ވަނީ ސިޔާސީ ޕާޓީ ތަކުގެ ގާނޫނުގެ 8 ވަނަ މާއްދާގެ (ށ) އާއި 11 ވަނަ މާއްދާގެ (ހ) ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ އެހެން އެއްވެސް މާއްދާއެއް ސުޕްރީމް ކޯޓުން ބާތިލްކޮށްފައި ނުވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ކޮމިޝަން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ސްޕްރީމް ކޯޓުން ކޮށްފައިވާ ހުކުމުން ބާތީލް ކޮށްފައި ވަނީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވޭނީ 10،000 މެންބަރުންގެ ސޮއި އާއިއެކު ހުށަހެޅުމުން ކަމަށް ބުނާ މާއްދާ ކަމަށެވެ.
"އެހެންކަމުން ސިޔާސީ ޕާޓީގެ ގާނޫނުގައި ހިމެނޭ އެހެން މާއްދާތަކަށް ޢަމަލު ކުރެވޭނެތީ، ސިޔާސީ ޕާޓީގެ ޤާނޫނު ތަންފީޒުކުރުމުގެ ގޮތުން އެ ޤާނޫނުގެ 27 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން، ޕާޓީއެއް ދެމިއޮތުމަށްޓަކައި ބޭނުންވާ 10,000 (ދިހަ ހާސް) މެންބަރުން ހަމަނުވާ ޕާޓީތަކަށް އެ އަދަދަށް މެންބަރުން ހަމަކުރުމަށް 3 މަސް ދުވަހުގެ ނޯޓިހެއް މި ކޮމިޝަނުން ދިނުމަށްފަހު، އެ މުއްދަތުގައި 10,000 (ދިހަ ހާސް) މެންބަރުން ހަމަކޮށްފައިނުވާ ޕާޓީތައް ޤާނޫނުގެ 29 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގެމަތިން އުވާލުމަށް ކޮމިޝަނުން ނިންމައި އެ ޕާޓީތަކަށް ވަނީ އަންގާފަ އެވެ،" އިލެކްޝަންސް ކޮމިޝަންއިން ނެރުނު ބަޔާނުގައިވެ އެވެ.
އިލެކްޝަންސްގެ ބަޔާނުގައި ބުނެފައި ވަނީ 10،000 މެންބަރުން ހަމަނުވާ ޕާޓީ ތައް އުވާނުލެވޭނެ ކަމަށް ސުޕްރީމް ކޯޓުން އަންގާފައި ވަނީ އުއްތަމަ ފަނޑިޔާރު އެކަނި ސޮއި ކުރައްވައި މި މަހުގެ 9 ވަނަ ދުވަހު އެ ކޮމިޝަނަށް ފޮނުވި އަމުރަކުން ކަމަށެވެ.
އިލެކްޝަންސް ކޮމިޝަންގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ސްޕްރީމް ކޯޓުގެ އެ އަމުރާއި ގުޅިގެން ކޮމިޝަންއިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށެވެ.