16 Jan 2014, 22:20
ގއ. ވިލިނގިލީގައި ޕޮލިޓެކްނިކްގެ އިމާރާތެއް އެޅުމަށްޓަކައި އެރަށުމެއް ކައުންސިލުން އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވިލިނގިލީގެ ބިމަކާއި އިމާރާތެއް މޯލްޑިވްސް ޕޮލިޓެކްނިކާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ވިލިނގިލީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ކައުންސިލްގެ ނާއިބް ރައީސް ނަސީރު އަލީ އެވެ. ޕޮލިޓެކްނިކްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކްޓިވް އޮފިސަރު އަދުނާނު ހަލީމެވެ.
އާމްދަނީ ލިބޭފަދަ މަސައްކަތް ދަސްކުރުމުގެ ފުރުސަތު ޕޮލިޓެކްނިކް މެދުވެރިކޮށް، އެކަމަށް އެދޭ ދަރިވަރުންނަށް ދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތް ހިންގުމަށް ވިލިނގިލީ ކައުންސިލުން ދިން އިމާރާތަކީ ވިލިނގިލީ އިޖުތިމާއީ މަރުކަޒު ހިންގަމުން އަންނަ އިމާރާތްކަމަށް އެޑިއުކޭޝަމް މިނިސްޓްރީން ބުންޏެވެ. އެ އިމާރާތް ދީފައި ވަނީ ފަސް އަހަރުގެ މުއްދަތަކަށެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ބިމަކީ 26000 އަކަފޫޓުގެ ބިމެއް ކަމަށެވެ.
ސަރުކާރުގެ 100 ދުވަހުގެ ސިޔާސަތުގެ ދަށުން ޕޮލިޓެކްނިކްގެ ތިން ކެންޕަސް ރާއްޖޭގެ ތިން ދިމާލެއްގައި ހިންގަން ފެށުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ޕޮލިޓެކްނިކަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ހުނަރުވެރި ތަމްރީނުދޭ އަދި ބެލެނިވެރީންނާއި ދަރިވަރުންގެ މެދުގައި މަގުބޫލުކަން ލިބިފައިވާ ހައިބަތު ބޮޑު އިންސްޓިޓިއުޝަނަކަށް ހެދުމަށް އެ މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.