ރުކު މަޑީގެ ބާވަތެއް ކަމަށްވާ "ހިސްޕިޑް ބީޓްލް" ރާޖޭގެ އުތުރުގެ ގިނަ ރައްތަކެއްގައި އާދަޔާ ހިލާފަށް ފެތުރެމުންދާތީ އެ މަޑި ފެތުރުން ހުއްޓުވުމަށް ޓަކައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރުން ފަސް އަތޮޅެއް ކަރަންޓީނު ކޮށްފި އެވެ.

ގަސްގަހާގެހި ހިމާޔަތްކުރުމުގެ ގާނޫނުގެ ފަސް ވަނަ މާއްދާގެ (ވ)ގެ ދަށުން ގަސްގަހަށް ޖެހޭ ނުރައްކާތެރި ބަލިތައް ފެތުރުން ހުއްޓުވުމަށް ޓަކައި އެ ބަލިއުޅޭ ސަރަހައްދުތައް ކަރަންޓީނު ކުރުމުގެ ބާރު ފިޝަރީޒު މިނިސްޓްރީ އަށް ލިބިގެންވެ އެވެ.

"މި މަޑި ކޮންޓްރޯލް ކުރުމަށްޓަކައި މި މަޑި ހުރި ކަމަށް މިހާތަނަށް ރެކޯޑުކުރެވިފައިވާ އަތޮޅުތައް ކަމަށްވާ، ނ، ރ، ކ، އއ، އަދި އދ. ގެ އަތޮޅުތަކުގެ އެއްވެސް ރަށަކުން ރުކާއި ރުކުގެ އެއްވެސް ބައެއް އެރަށަކުން ބޭރުކުރުމަކީ މަނާ ކަމެކެވެ. އަދި މަޑި އުޅޭ ރުކުގެ އެއްވެސް ބައެއް އެއްލައިލަން ޖެހިއްޖެ ނަމަ ނުވަތަ ކުނީގެ ގޮތުގައި އުކާލަން ޖެހިއްޖެ ނަމަ، އެބައެއް އަންދާލައިގެން ނައްތާލުމަށް ވެސް މިފުރުސަތުގައި އިލްތިމާސް ކުރަމެވެ." ފިޝަރީޒުން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވެ އެވެ.

އެ މިނިސްޓްރީން ބުނީ ރާއްޖެ އަށް 1999 ވަނަ އަހަރުގެ ތެރޭގައި ތައާރަފުވި ހިސްޕިޑް ބީޓްލް ވަނީ އުތުރުގެ ގިނަ ރައްތަކުގެ ރުއްތަކަށް ފެތުރިފައި ކަމަށެވެ. އަދި މިބާވަތުގެ މަޑި ފެތުރެން ދިމާވަނީ، މަޑި އުޅޭ ރުކާއި ރުކުގެ ބައިތައް އެއްތަނުން އަނެއް ތަނަށް ގެންދިއުމުން ކަމަށްވެސް ބުނެފައިވެ އެވެ.

"އެކަމުގެ ސަބަބުން ރުއްތައްދަނީ ވަރަށް ބޮޑަށް ހަލާކުވަމުންނެވެ. މި މަޑިއަކީ އެހާ ދުރަށް އުދުހެވޭ މަޑިއެއް ނޫންކަމުން، އެއް ރަށުން އަނެއް ރަށަށް މި މަޑި ފެތުރެން ދިމާވާ ސަބަބެއް ކަމަށް ބެލެވެނީ މި މަޑި އުޅޭ ރުކާއި ރުކުގެ ބައިތައް އެއްތަނުން އަނެއް ތަނަށް ގެންދިއުމުން ކަމުގައި ކަމަށް ބެލެވެ އެވެ." މިނިސްޓްރީގެ އިއުލާނުގައިވެ އެވެ.

ހިސްޕިޑް މަޑި ކޮންޓްރޯލް ކުރުމަށްޓަކައި، އެބާވަތުގެ މަޑި އުޅޭ ކަމުގެ އެއްވެސް އަލާމާތެއް ރުކަކުން ފެނިއްޖެ ނަމަ ނުވަތަ ޝައްކު ކުރެވިއްޖެ ނަމަ އެކަން ފިޝަރީޒް މިނިސްޓްރީއަށް އެންގުމަށް ވެސް އެ މިނިސްޓްރީން އެދިފައިވެ އެވެ.