16 Jan 2014, 21:42
ހ. ލޮބީ ހުސައިން ހުމާމް އަހްމަދަށް ކްރިމިނަލް ކޯޓުން މިއަދު ކުރި މަރުގެ ހުކުމް އަވަހަށް ތަންފީޒު ކުރުމަށް ޑރ. އަފްރާޝީމް އަލީގެ އާއިލާއިން ގޮވާލައިފި އެވެ.
ސަން އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި ޑރ. އަފްރާޝީމްގެ ކޮއްކޯފުޅު އިބްރާހީމް އަމީން ވިދާޅުވީ ހުމާމް މެރުމަށް ކުރި ހުކުމް ވީހާވެސް އަވަހަކަށް ތަންފީޒު ކުރުމަކީ ބޭނުންތެރިކަމެއް ކަމަށެވެ.
އޭނާ ވިދާޅުވީ ގިސޯސްހިފުމަކީ ދިރުމެއްވާ ކަމެއްކަމުގައި ދީނުގައި އަންގަވާފައި ވަނީ އެކަމުގައި ސަބަބެއް އޮތުމުން ކަމަށެވެ. އަދި ވިދާޅުވީ ދީނުގައި އަންގަވާފައިވާ "ދިރުމަކީ" ކޮބައިކަން އަޅުގަނޑުމެންނަށް ފެނިގެންދާނީ މަރުގެ ހުކުމްތައް ތަންފީޒުކުރަން ފެށުމުން ކަމަށެވެ.
"މެރީމަ ނޫނީ އެބުނާ ދިރުމެއް އަޅުގަނޑުމެންނަށް ނުފެންނާނެ" އަމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދަށު ކޯޓުން އިއްވާ މަރުގެ ހުކުމް މަތީމަރުހަލާގެ ކޯޓުތަކުގައި އިސްތިއުނާފު ކުރުމަކީ ތާއީދުކުރައްވާ ކަމެއް ކަމަށާއި ނަމަވެސް އެ ޕްރޮސެސް އަވަސްވާންޖެހޭނެ ކަމަށެވެ.
މަރުގެ ހުކުމް ތަންފީޒު ކުރާނެ އުސޫލެއް ކަނޑައެޅިފައި ނެތުމަކީ މަރުގެ ހުކުމް ތަންފީޒު ކުރުމަށް އޮތް ހުރަހެއް ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނަމުންގެންދަނީ "ބިރުން" ކަމަށް ވެސް އަމީން ވިދާޅުވި އެވެ.
އޭނާ މަރުގެ ހުކުމް ތަންފީޒު ކުރާނެ އުސޫލެއް ކަނޑައެޅީފައި އޮތުމަކީ ރަނގަޅު ކަމެއް ކަމަށާއި އެކަމަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށެވެ. ނަމަވެސް އެއީ މުހިންމުކަމެއް ކަމަށް ދެކިގެން ވަރަށް އަވަހަށް އެ އުސޫލުތައް ކަނޑައަޅަންޖެހޭ ކަމަށް އަމީން ވިދާޅުވި އެވެ.
"އެއީ ކިހާވަރެއްގެ މުހިންމުކަމެއް ކަމަށް ދެކިގެން އަވަހަށް އެކަން ވާންޖެހޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ،" އަމީން ވިދާޅުވި އެވެ.
ބައްޔަށް ފަރުވާ ނުކުރުމަކީ އެބަލި އިތުރުވެގެންދާ ސަބަބެއް ކަމަށްވާއިރު ހަމައެގޮތަށް މަރަށް މަރު ނުހިފާނަމަ މީހުން މެރުން ރާއްޖޭގައި އިންތިހާ ދަރަޖައަށް އިތުރުވެގެން ހިނގައިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މިސާލަކަށް އެއިޑުސް ބައްޔަށް ބަލާލަމާ ހިނގާ. އެބަޔަށް ފަރުވާއެއް ނެތް. އެބަލި ފެތުރިގެންދަނީ،" އަމީން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުމާމް ހުއްޓައި ބޭބެ އަބްދުއްނާސިރާއި އެކު އޭނައާ ބައްދަލުކުރި ކަމަށާއި އެދުވަހު އަފްރާޝީމް އަވަހާރަކޮށްލި ކަމަށް ހުމާމް އެއްބަސްވެފައިވާ ކަމަށެވެ.