ހައްޖަށްދާ ހައްޖާޖީންނަށް އެހީތެރިކަން ފޯރުކޮށްދީ ލުއިފަސޭހަކޮށް ދިނުމަށްޓަކައި ދިވެހި ސިފައިންނާއި ފުލުހުންނަށް ފުރުސަތު ދިނުމަށް މަސައްކަތްކުރައްވަމުން ގެންދަވާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ދިވެހި ސަރުކާރު ހިއްސާވާ ހައްޖު ކޯޕަރޭޝަނުން ހިދުމަތް ހޯދުމުގެ އުސޫލުތައް އިފްތިތާހު ކުރުމަށް މިއަދު އިސްލާމީ މަރުކަޒުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި މިނިސްޓަރު ވިދާޅުވީ ހައްޖު ކޯޕަރޭޝަންގެ ފަރާތުން މީހުން ހައްޖަށް ގެންދާއިރު، އެމީހުންގެ އެހީތެރިންގެ ގޮތުގައި ދިވެހި ސިފައިންނަށާއި ފުލުހުންނަށް ފުރުސަތު ދިނުމުގެ މަޝްވަރާތައް ކަމާއިބެހޭ ފަރާތްތަކާއި އެކު މިހާރު ކުރަމުން އަންނަ ކަމަށެވެ.

"އެކަމުގެ ސަބަބުން އެއްކަމަކަށް ދިވެހި ސިފައިންނާއި ފުލުހުންނަށް ހައްޖުގެ އަޅުކަން ފުރިހަމަކުރުމަށް ފަހިވެގެންދިއުން. އަނެއް ކަމަކަކީ ހައްޖުވެރިންނަށް އެހީތެރިކަންދޭނެ ޒިންމާދާރު ރަނގަޅު ބަޔަކު ހައްޖު ކޯޕަރޭޝަންގެ ތެރެއިން ފެނިގެންދާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހައްޖާޖީންގެ އެހީތެރިންގެ ގޮތުގައި ދިއުމުގެ ފުރުސަތު ދިވެހި ސިފައިންނާއި ފުލުހުންނަށް ހަމަޖެހުމުން ކޮންމެ މުއައްސަސާއަކުން ވެސް 10 ވަރަކަށް ބޭފުޅުންނަށް ކޮންމެ އަހަރަކުވެސް އެފުރުސަތު ދެވިގެންދާނެ ކަމަށެވެ. އަދި އެ ބޭފުޅުންނަށް އެ ފުރުސަތު ލިބިގެންދާނީ ހައްޖަށް މީހުންގެންދަން ރާއްޖެއަށް ލިބޭ ކޯޓާގެ ތެރެއިން ކަމަށާއި އެފަރާތްތަކަށް ހައްޖަށް ދިއުމުގެ ފުރުސަތު ހިލޭ ލިބިގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހައްޖަށް މީހުން ގެންދިއުމަށް ރާއްޖެއަށް ލިބޭ ކޯޓާގެ 50 ޕަސެންޓު ހައްޖު ކޯޕަރޭޝަނަށް އަބަދުވެސް ފަހިކޮށްދިނުމަށް މިހާރު ނިންމާފައިވާ ކަމަށެވެ. އަދި އާއްމުކޮށް ހައްޖަށް މީހުން ގެންދާ ބައެއް ޖަމާއަތްތަކަށް ވެސް ދިގު މުއްދަތަކަށް ކޯޓާ ދިނުމުގެ ސިޔާސަތެއް ގެންގުޅުއްވާކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"ހައްޖު ޖަމާއަތްތަކުގެ ތެރެއިން ހޮވޭ ތިން ހަތަރު ޖަމާއަތެއް. އަދި އަދަދެއް ކަނޑައެއް ނާޅަން. ތިން އަހަރު ދުވަހުގެ މުއްދަތަށް ހުއްދަ ދީފައި ބާއްވަން. އެއީ ޖަމާއަތްތަކުން ވެސް އެމީހުންގެ މަސައްކަތް ތަރައްގީ ކުރުމަށާއި ހިދުމަތްތައް ރަނގަޅު ކުރުމަށްޓަކައި ލިބޭނެ ފުރުސަތެއް. އަދި އެއީ ފަހި ސިޔާސަތުތަކެއް ކަމަށް އަޅުނގަޑުމެން ގަބޫލުކުރަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގެ އެކި ޖަމާއަތްތަކުން ހައްޖަށް ގެންދާ ދިވެހިންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށް އަބަދުވެސް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށް އިޝާރާތް ކުރައްވާ މިނިސްޓަރު ވިދާޅުވީ މައްކާގައި ދިވެހިންނަށް ހާއްސަ ހޮޓަލެއް ގާއިމުކުރުމުގެ މަޝްވަރާތަކެއްވެސް ކޯޕަރޭޝަން މެދުވެރިކޮށް ކުރަމުން އަންނަ ކަމަށެވެ.