ރާއްޖެއިން ހައްޖުގެ އަޅުކަން އަދާކުރަންދާ ހައްޖުވެރިންނަށް ސަރުކާރުގެ ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ހައްޖަށް ދެވޭނެ އުސޫލުތައް ކަނޑައަޅައިފި އެވެ.

މިއަދު އިސްލާމީ މަރުކަޒުގައި އޮތް ރަސްމިއްޔާތެއްގައި ސަރުކާރުގެ ފުރިހަމަ ހިއްސާ އޮންނަ ހައްޖު ކޯޕަރޭޝަންގެ އުސޫލުތައް އިފްތިތާހް ކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމު އަލީ ސައީދާއި އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދްރީސް އެވެ.

ހައްޖު ކޯޕަރޭޝަންގެ އުސޫލުތައް އިފްތިތާހު ކޮށްދެއްވުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ޔާމީން އިދްރީސް ވިދާޅުވީ އެ ކޯޕަރޭޝަންގެ ފަރާތުން ހައްޖަށް ދިއުމަށްޓަކައި ފުރަތަމަ އެ ކޯޕަރޭޝަންގައި 500 ރުފިޔާ ދީގެން އެކައުންޓެއް ހުޅުވާ ރަޖިސްޓަރީކުރަންޖެހޭނެ ކަމަށެވެ. އަދި އެކައުންޓު ހުޅުވަން ދެއްކި 500 ރުފިޔާ އެފަރާތެއްގެ އެކައުންޓަށް ޖަމާކުރެވިފައި ވާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އެކައުންޓް ހުޅުވުމުން ކޮންމެ ބޭފުޅަކަށްވެސް މެމްބާޝިޕް ރަޖިސްޓްރޭޝަން ނަންބަރެއް ހިމެނޭގޮތަށް ކާޑެއް ލިބިގެންދާނެ. އަދި ހައްޖަށް ނުވަތަ އުމުރުއާއަށް ދިއުމަށްފަހު އެކައުންޓުގެ ހިދުމަތް މެދުކަނޑާލެވޭނެ،" ޔާމީން އިދްރީސް ވިދާޅުވި އެވެ.

ހައްޖަށް ދިއުމަށް ހައްޖު ކޯޕަރޭޝަންގެ ފަރާތުން ތައާރަފްކޮށްފައިވާ ޕެކޭޖްތަކުގެ މައުލޫމާތު ދެއްވަމުން އެ ކޯޕަރޭޝަންގެ ޗެއާމަން ޑރ. އައިޝަތު މުނީޒާ ވިދާޅުވީ ކޯޕަރޭޝަންގެ ފަރާތުން ހައްޖަށް ދިއުމަށް ގަޑު ކޮށްވެސް އަދި އިންސްޓޯލްމަންޓެއްގެ ދަށުންވެސް ފައިސާ ދެއްކޭނެ ކަމަށެވެ. އަދި އިންސްޓޯލްމަންޓުގެ ދަށުން ހައްޖަށްދާން ނަގާ ފީގެ އިތުރުން އެއްވެސް އިތުރު ފައިސާއެއް ނުނަގާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އެ ފަރާތްތަކުގެ ފައިސާ އަޅުނގަޑުމެން އިންވެސްޓް މިކުރަނީ ހަލާލު ކަންކަމުގައި. އިންވެސްޓް ކޮށްގެން އޭގެއިން ލިބޭ 95 ޕަސެންޓް އަޅުނގަޑުމެން ބެހުމަށް ހަމަޖެހިފައިވަނީ އެ ފަރާތްތަކުގެ މެދުގައި. އަނެއް ބައި ލިބޭނީ ކޯޕަރޭޝަނަށް. މާނައަކީ އެބޭފުޅަކު ލައްވާ ފައިސާއެއްގެ އިތުރަށް ކޯޕަރޭޝަނަށް ލިބޭ އެއްޗަކުންވެސް ހައްޖަށްދިއުމުގެ ފުރުސަތު ބޮޑުވެގެންދާނެ،" މުނީޒާ ވިދާޅުވި އެވެ.

ހައްޖު ކޯޕަރޭޝަނުން ބުނީ އެ ކޯޕަރޭޝަންގެ އެކައުންޓުގައި ޖަމާކުރާ ފައިސާ އަނބުރާ ލިބޭނީ ހައްޖުގެ އަޅުކަން ކުރުން ވާޖިބު ނުވާ ހާލަތެއް އެފަރާތްތަކަށް ދިމާވެއްޖެ ހިނދެއްގައި އެކަނި ކަމަށެވެ.

ހައްޖު ކޯޕަރޭޝަންގައި ރަޖިސްޓަރީ ވުމަށް އެދޭ ފޯމު މިއަންނަ ހަފުތާއިން ފެށިގެން އެ ކޯޕަރޭޝަންގެ އޮފީހުންނާއި ވެބްސައިޓުން ލިބެން ހުންނާނެ ކަށް އެކޯޕަރޭޝަނުން ބުންޏެވެ. އަދި އަންނަ މާޗް މަހުގެ ދޭކުން ފެށިގެން އެ ކޯޕަރޭޝަންގެ މަސައްކަތްތައް ފެށިގެންދާނެ ކަމަށްވެސް ކޯޕަރޭޝަނުން ބުންޏެވެ.

ރާއްޖެއިން ހައްޖާއި އުމްރާއަށް ދިއުމަށް ގަސްތުކުރާ ފަރާތްތަކުގެ ފައިސާ އަމާނާތްތެރިކަމާއި އެކު ބަލަހައްޓައި ލުއިފަސޭހަގޮތަކަށް ހައްޖާއި އުމުރާގެ އަޅުކަން ކުރެވޭނެ މަގު ދިވެހިންނަށް ފަހިކޮށްދިނުމަށް އުފައްދާފައިވާ ހައްޖު ކޯޕަރޭޝަނަކީ 2013 ވަނަ އުފައްދާފައިވާ ސަރުކާރުގެ ފުރިހަމަ ހިއްސާ އޮންނަ ކޯޕަރޭޝަނެކެވެ.