16 Jan 2014, 20:53
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހުށަހަޅާ މައްސަލަތައް ކްރިމިނަލް ކޯޓުން ބަލައިނުގަންނާތީ އެ މައްސަލަ އެ އޮފީހުން ހައިކޯޓަށް ހުށަހަޅައިފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ ހައިކޯޓަށް ހުށަހަޅާފައި ވަނީ މިއަދު ހެނދުނު ކަމަށެވެ.
"ޕީޖީ އޮފީހުން ހުށަހަޅާ މައްސަލަތައް ކްރިމިނަލް ކޯޓުން ބަލައިނުގަންނާތީ ކްރިމިނަލް ކޯޓުގެ އެ ނިންމުން އިސްތިއުނާފު ކުރުމަށް މިހާރު ވަނީ ހައިކޯޓަށް ހުށަހަޅާފައި،" އޮފިޝަލް ވިދާޅުވި އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހްމަދު މުހައްމަދު މަނިކު ވިދާޅުވީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމް ހުސްވާތާ 30 ދުވަހުގެ ތެރޭގައި އެ މަގާމަށް ބޭފުޅަކު އައްޔަން ކުރަންޖެހޭނެ ކަމަށް ގާނޫނުގައި ބުނެފައިވާ ކަމަށެވެ. ނަމަވެސް ޕީޖީގެ މަގާމް ހުސްވެފައި އޮންނަތާ މަހަކަށް ގިނަ ދުވަސްވެފައިވާއިރުވެސް އެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފައިނުވާތީ ދައުލަތުން ދައުވާ ކުރާ މައްސަލަތައް ބަލައިނުގަތުމަށް ނިންމާފައިވާ ކަމަށް ވެސް މަނިކު ވިދާޅުވި އެވެ.
ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފައިނުވާތީ ކްރިމިނަލް ކޯޓުން މީގެކުރިން ވަނީ އެ ކޯޓުގައި ޝަރީއަތް ކުރުން ވެސް ހުއްޓާލާފަ އެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ އެންގުމަށް މިހާރު ވަނީ ކުރިއެކޭވެސް އެއްގޮތަށް ޝަރީއަތްތައް ފަށާފަ އެވެ.
މި މައްސަލައާ ގުޅޭގޮތުން ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ 30 ދުވަހުގެ ތެރޭގައު ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ބޭފުޅަކު އައްޔަން ނުކުރެވިއްޖެނަމަ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް އަށް އެ މަގާމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭނެ ކަމަށް ގާނޫނުގައި ބުނެފައިނުވާ ކަމަށެވެ. އެހެންކަމުން އެ އޮފީހުން ދެކޭގޮތުގައި ދައުލަތުން ދައުވާ ކުރާ މައްސަލަތައް ކްރިމިނަލް ކޯޓަށް ބަލައިގަތުމުގައި ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށް ވެސް ޝަމީމް ވިދާޅުވި އެވެ.