ބާލިޣުނުވާ އަމިއްލަ ދަރިފުޅާ މެދު ބަދުއަޚުލާގީ އަމަލު ހިންގުމުގެ ކުށުގައި ރައީސް އޮފީހުގެ ކުރީގެ ޑިރެކްޓަރަކު 39 އެތިފަހަރުން ތައުޒީރު ކުރުމަށް ފަހު ހަ އަހަރަށް ޖަލަށް ލުމަށް ދަށު ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފި އެވެ.

ހައިކޯޓުން މިއަދު ކުރި ހުކުމްގައި ބުނެފައި ވަނީ ރައީސް އޮފީހުގެ ޑިރެކްޓަރެއްގެ މަގާމު ކުރިން އަދާކޮށްފައިވާ، ބ. ތުޅާދޫ ގުލްބަހާރުގޭ އަދުނާން ހުސެއިންގެ މައްޗަށް ބާލިޣުނުވާ އަމިއްލަ ދަރިފުޅާ މެދު ބަދުއަޚުލާގީ އަމަލު ހިންގުމުގެ ކުށް ޝަރީއަތަށް ސާބިތުވާކަމަށް ހުކުމް ކޮށްފައި ވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ބަލާނެތަނެއް ނެތް ކަމަށެވެ.

މީގެ އިތުރުން ކައިވެނި ހެޔޮނުވާ ކުޑަކުއްޖަކާ މެދު ބަދުއަޚުލާގީ އަމަލު ހިންގުމުގެ ކުށުގެ ދައުވާ ވެސް ދައުލަތުން ވަނީ އޭނާގެ މައްޗަށް އުފުލައިފަ އެވެ. ނަމަވެސް އެ މައްސަލައިގައި ކްރިމިނަލް ކޯޓުން އަދި ހުކުމްކޮށްފައެއް ނުވެއެވެ.

އަދުނާނުގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވާފައި ވަނީ އޮކްޓޯބަރު 2010 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު އެވެ.