ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު ޖެހިޖެހިގެން ހަތަރު ފަހަރު ހޯދުމަށްފަހު އެ މަގާމު މިފަހަރު ގެއްލުނު ބާސެލޯނާގެ އާޖެންޓީނާ ތަރި، ލިއޮނަލް މެސީއަށް "2013 ވަނަ އަހަރުގެ ޔުއެފާ ޓީމް އޮފްދަ އިޔާ"އިން ވެސް ޖާގަ ގެއްލިއްޖެ އެވެ.

ޔުއެފާ ޓީމް އޮފްދަ އިޔާ ހޮވަނީ ޔޫރަޕުގެ ފުޓްބޯޅައިގެ މައި އިދާރާގެ ވެބްސައިޓާއި ޔުއެފާ ސޯޝަލް މީޑިއާ ސައިޓްތައް މެދުވެރިކޮށް "ފުޓްބޯލް ފޭންސް" ދޭ ވޯޓަށް ބަލައިގެންނެވެ.

މިދިޔަ ހޯމަ ދުވަހުގެރޭ ރެއާލް މެޑްރިޑްގެ ޕޯޗްގީޒް ތަރި، ކްރިސްޓިއާނޯ ރޮނާލްޑޯއާ ވާދަކޮށް 2013 ވަނަ އަހަރުގެ މޮޅު ކުޅުންތެރިޔާ އަށް ދޭ "ފީފާ ބެލޮންޑޯ އެވޯޑު" ވެސް ގެއްލުނު ބާސާ ފޯވާޑަށް މިފަހަރުގެ ޓީމުން ފުރުސަތު ގެއްލިފައިވާއިރު، 6.3 މިލިޔަނަށް ވުރެ ގިނަ މީހުން ބައިވެރިވެގެން ދިން ވޯޓުން މެސީ ލައްވައިލީ 13 ވަނައިގަ އެވެ.

ފީފާ އިން ހޮވި "ފިފްޕޮރޯ ވޯލްޑް 11"ގައި މިފަހަރު ހިމެނުނު މެސީ، 2007 ވަނަ އަހަރުން ފެށިގެން ޔޫރަޕްގައި ކުޅޭ އެންމެ މޮޅު 11 ކުޅުންތެރިންގެ ޓީމުގައި ނުހިމެނި ދިޔަ މިއީ ފުރަތަމަ ފަހަރެވެ. އެހެން ނަމަވެސް ވޭތުވެދިޔަ ހަތް އަހަރު ވެސް އެޓީމުގައި ހިމެނުނު ރޮނާލްޑޯ ވަނީ މިފަހަރު ވެސް ޓީމުން ޖާގަ ހޯދައިފަ އެވެ.

މިދިޔަ ފަހަރު ވިލާތުގެ ގަދަ 11ގައި އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވެސް ކުޅުންތެރިއަކު ހިމެނިފައި ނުވި ނަމަވެސް އާސެނަލްގެ ޖަރުމަނު މިޑްފީލްޑަރު މެސުތު އޮޒިލް ވަނީ މިފަހަރު އެ ލިސްޓުން ޖާގަ ހޯދައިފަ އެވެ.

ޔޫރަޕްގެ ގަދަ 11 އިން މެސީއަށް ޖާގަ ގެއްލުނު ނަމަވެސް ބާސެލޯނާ އާއި އަދި އާޖެންޓީނާގެ ގައުމީ ޓީމަށް މިދިޔަ "ފުޓްބޯޅަ އަހަރު"ގައި މެސީ ކުޅުނު ޖުމުލަ 45 މެޗުގައި އޭނާ ވަނީ 42 ލަނޑު ކާމިޔާބު ކޮށްފަ އެވެ.

ޔޫރަޕްގެ މޮޅު 11ގައި މެސީ ލައްވައި ނުލިއިރު ސްޕެއިންގެ ޗެމްޕިއަން ބާސާގެ އެހެން ކުޅުންތެރިއަކަށް ވެސް މިފަހަރު އެ ލިސްޓުން ޖާގަ ލިބިފައެއް ނުވެއެވެ.

ސްޕެނިޝް ލީގަށް ކުޅޭ ކުޅުންތެރިންގެ ތެރެއިން ރޮނާލްޑޯގެ އިތުރުން ޔުއެފާ ޓީމް އޮފްދަ އިޔާގައި ދެންވެސް ހިމެނުނީ ރެއާލްގެ ކުޅުންތެރިންނެވެ. އެއީ ސާޖިއޯ ރާމޯސް އާއި ގެރެތު ބޭލް އެވެ.

މި ލިސްޓުގައި މިފަހަރު އެންމެ ގިނަ ކުޅުންތެރިން ހިމެނިފައި ވަނީ ޖަރުމަނުގެ ބުންޑަސް ލީގާ އިންނެވެ. އެގޮތުން ޖަރުމަނު ލީގުން ފަސް ކުޅުތުންތެރިން ޓީމުގައި ހިމެނިފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ، ވިލާތުގެ ޗެމްޕިއަން ބަޔާން މިއުނިކުގެ ހަތަރު ކުޅުންތެރިނާއި ރަނަރަޕް ބޮރޫޝިއާ ޑޯޓްމަންޑުގެ އެއް ކުޅުންތެރިއެކެވެ. އޭގެ ތެރޭގައި ހިމެނެނީ ބަޔާންގެ ގޯލް ކީޕަރު މެނުއަލް ނޮޔާ، ފިލިޕް ލާމް، ޑޭވިޑް އަލްބާ އަދި މިފަހަރުގެ ބެލޮންޑޯއަށް ވާދަކުރި ފްރެންކް ރިބެރީ އެވެ. ލިސްޓުގައި ހިމެނުނު ޑޯޓްމަންޑުގެ ކުޅުންތެރިއަކީ މާކޯ ރޫސް އެވެ.

ވިލާތުގެ މޮޅު 11 ކުޅުންތެރިންގެ ޓީމުން ޖާގަ ހޯދި އަނެއް ދެ ކުޅުންތެރިންނަކީ ފްރާންސް ލީގުގެ ޕީއެސްޖީއަށް ކުޅޭ ޒްލަޓަން އިބްރަހިމޮވިޗް އާއި އެޓީމުގެ ތިއާގޯ ސިލްވާ އެވެ.