16 Jan 2014, 17:44
ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން މިއަދު އާންމުކުރި "ފީފާ ކޮކާކޯލާ ވޯލްޑް ރޭންކިން"ގައި ރޭންކަށް ބަދަލެއް ނައިސް މިފަހަރުވެސް ރާއްޖެ އޮތީ ސާކް ސަރަހައްދުގެ ތިންވަނަ މަގާމުގަ އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އިއުލާންކުރި ރޭންކިން ލިސްޓުގައި ރާއްޖެ 14 ދަރަޖަ ދަށަށް ދިޔަނަމަވެސް މިފަހަރު އިއުލާން ކުރި ލިސްޓުގައި ރާއްޖޭގެ ރޭންކިންއަށް ބަދަލެއް އައިސްފައެއް ނުވެއެވެ.
ދުނިޔޭގެ ރޭންކިންގައި ރާއްޖެ މިހާރު އޮތީ މިދިޔަ ފަހަރު ވެސް ރާއްޖެއަށް ލިބުނު 163 ވަނަ މަގާމުގަ އެވެ.
ސާކު ސަރަހައްދުގެ އެއް ވަނަ މަގާމް މިފަހަރުވެސް ލިބިފައި ވަނީ ދެ ދަރަޖައިގެ ކުރިއެރުމެއް ހޯދި އަފްގާނިސްތާނަށެވެ. ދުނިޔޭގެ ރޭންކިންގައި އަފްގާނިސްތާން އޮތީ 138 ވަނަ މަގާމްގަ އެވެ. އަދި ސަރަހައްދުގެ ދެވަނަ މަގާމުގައި އޮތް އިއްޑިޔާ ވަނީ ދެ ދަރަޖަ ވެއްޓިފައެވެ. ދުނިޔޭގެ ރޭންކިންގައި އިންޑިއާ އޮތީ 156 ވަނަ މަގާމްގަ އެވެ. އަދި މި ސަރަހައްދުގެ ހަތަރު ވަނައިގައި އޮތް ބަނގުލަދޭޝް އަށް ވެސް މިފަހަރު އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާއިރު، ދުނިޔޭގެ ރޭންކިންގައި އެގައުމު އޮތީ 164 ވަނަ މަގާމްގަ އެވެ.
ސާކް ސަރަހައްދުގެ ފަސް ވަނަ މަގާމްގައި އޮތީ ސްރީލަންކާ އެވެ. އެ ގައުމަށް ވެސް މިފަހަރު ދަރަޖައިގެ ގޮތުން ކުރިއެރުމެއް ނުލިބުނުއިރު، ދުނިޔޭގެ ރޭންކިންގައި ލަންކާ އޮތީ 169 ވަނަ މަގާމްގަ އެވެ. ސާކް ސަރަހައްދުގެ ހަވަނަމަގާމްގައި ނޭޕާލް އޮތްއިރު، ހަތް ވަނަ މަގާމްގައި އޮތީ ޕާކިސްތާނެވެ. އަދި ސަރަހައްދުގެ އެންމެ ފުލުގައި މިފަހަރުވެސް އޮތީ ބޫޓާނެވެ.
ދުނިގެ ރޭންކިންގެ ގަދަ ހަތަރަކަށް މިފަހަރު އެއްވެސް ބަދަލެއް އައިސްފައެއް ނުވެ އެވެ. އެގޮތުން ރޭންކިންގެ އެއްވަނައިގައި ސްޕެއިން، ދެވަނައިގައި ޖަރުމަނު، ތިންވަނައިގައި އާޖެންޓީނާ އަދި ހަތަރު ވަނައިގައި ކޮލަމްބިއާ އޮތް އިރު ފަސް ވަނަ މަގާމްގައި އޮތީ ޕޯޗުގަލް އެވެ.