ބެލެނިވެރިންގެ ހުއްދައާ ނުލައި ކުދިން އެޕަލްގެ އެޕްލިކޭޝަންތައް މެދުވެރިކޮށް ދައްކާފައިވާ ފައިސާގެ ތެރެއިން 32.5 މިލިއަން ޑޮލަރު ރިފަންޑު ކޮށްދޭން ޖެހޭނެކަމަށް އެމެރިކާ ސަރުކާރުން ބުނެފިއެވެ.

އެމެރިކާގެ ފެޑަރަލް ޓްރޭޑް ކޮމިޝަނުން މިދިޔަ ބުދަ ދުވަހު ބުނީ އޮޅިގެން ނުވަތަ ބެލެނިވެރިއެއްގެ ހުއްދަޔާ ނުލާ އެޕަލްގެ އެޕްލިކޭޝަންތައް މެދުވެރިކޮށްދެއްކިފައިވާ ހުރިހާ ފައިސާއެއް އެޕަލްއިން އަނބުރާ ދޭންޖެހޭނެ ކަމަށެވެ.

ފެޑަރަލް ޓްރޭޑް ކޮމިޝަން ހިންގުމާ ހަވާލުވެ ހުރި އެޑިތް ރަމީރެޒް ބުނީ އެޕަލްގެ އެޕްލިކޭޝަންތައް މެދުވެރިކޮށް މައިންބަފައިނަށް ނޭންގި ފައިސާ ދައްކާފައިވާ ކަމުގެ އެތައް ހާސް ޝަކުވާއެއް ލިބިފައިވާކަމަށެވެ.

މި މައްސަލަ ދިމާވި ބެލެނިވެރިއަކު ހާމަކުރިގޮތުގައި އޭނާގެ އަންހެން ދަރިފުޅު ވަނީ އޭނާއަށް ނޭންގި 2،600 ޑޮލަރު ހަރަދުކޮށްފައެވެ. ދަރިފުޅު މި ފައިސާ ދައްކާފައިވަނީ “ޓެޕް ޕެޓް ހޮޓެލް” ކިޔާ ގޭމެއްގެ ތެރޭގައި ގެންގުޅެމުން އައި ވާޗުއަލް ޖަނަވާރުތަކަކަށް ކާއެއްޗެތި ގަތުމަށެވެ.

މި މައްސަލަ ދިމާވެފައިވާ އެހެން މައިންބަފައިން ބުނިގޮތުގައި އެމީހުންގެ ދަރީން އެއްފަހަރާ 500 ޑޮލަރު ގެ އެއްޗެހިވެސްގަނެފައި ވެއެވެ.“ޓެޕް ޕެޓް ހޮޓެލް” ގެ އިތުރުން “ޑްރެގަން ސްޓޯރީ” އާއި “ޓައިނީ ޒޫ ފްރެންޑްސް” ވެސް މިއީ އާއްމުކޮށް ކުދިން އެއްޗެހިގަނެފައިވާ އެޕްލިކޭޝަންތައް ކަމަށް މައިންބަފައިން ބުންޏެވެ.

“ކަސްޓަމަރުންގެ ހުއްދަ އާ ނުލައި ފައިސާ ޗާޖުކޮށްގެން ނުވާނެ،” ފެޑަރަލް ޓްރޭޑް ކޮމިޝަންގެ ވެރިޔާ އެޑިތް ރަމީރެޒް ބުންޏެވެ.

އެ ކޮމިޝަނުން ބުނީ އެޕަލްގެ އެޕްލިކޭޝަނެއްގައި ޕާސްވާޑް ޖަހައި ހުއްދަ ދިނުމަށްފަހު 15 މިނެޓް ވަންދެން، ދެވަނަ ފަހަރަށް ޕާސްވާޑް ޖެހުމަކާ ނުލައި އެއެޕްލިކޭޝަން މެދުވެރިކޮށް ފައިސާ ދެއްކޭ ކަން ކަސްޓަމަރުންނަށް ސާފުކޮށްދީފައި ނުވާކަމަށެވެ. އަދި މީގެ ސަބަބުން ކަސްޓަމަރުންނަށް ލިބިފައިވާ ގެއްލުމުގެ އަދަދު އެތަށް މިލިއަނަކަށް އަރާކަމަށް އެ ކޮމިޝަނުން ބުނެޏެވެ.

އެޕަލްގެ ކަސްޓަމަރުންނަށް ބިލް ކުރަމުން އަންނަ ގޮތް ބަދަލުކުރަންވެސް ވަނީ އަމުރުކޮށްފައެވެ. ގޭމެއް ނުވަތަ އެޕްލިކޭޝަނެއްގެ ތެރެއިން ފައިސާ ދެއްކޭ ނަމަ ފައިސާ ދެއްކޭކަން ކަށަވަރުވާން ޖެހޭނެކަމަށް ފެޑަރަލް ޓްރޭޑް ކޮމިޝަނުން ވަނީ ބުނެފައެވެ. އަދި މާޗް މަހުގެ 31 ވަނަ ދުވަހުގެ ކުރިން އެޕަލްއިން ކަސްޓަމުރުންނަށް ފައިސާ ޗާޖުކުރާ އުސޫލު ބަދަލުކުރަން ވަނީ އަންގާފައެވެ.

މާކެޓް ކެޕިޓަލައިޒޭޝަނުން ކިރާ އިރު އެޕަލް އަކީ މިހާދު ދުނިޔޭގައިވާ އެންމެ އަގުބޮޑު ކުންފުންޏެވެ.