16 Jan 2014, 15:11
މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު ކަމަށް ހޮއްވެވުމަށް ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވެވި އިބްތިޝާމް އަހުމަދު ސައީދުގެ ނަން އަނބުރާ ގެންދަވައިފި އެވެ.
އޭނާގެ ނަން އަނބުރާ ގެންދެވިކަން މަޖިލީހުގެ އަމީންއާންމު އަހުމަދު މުހައްމަދު ވަނީ "ސަން"އަށް ކަށަވަރުކޮށްދެއްވާފަ އެވެ. އަހުމަދު ވިދާޅުވީ އޭނާގެ ނަން އަނބުރާ ގެންދެވި ކަމަށް ވިދާޅުވެ، ރައީސް ޔާމިން ސިޓީފުޅެއް މަޖިލީހަށް ފޮނުއްވާފައިވާ ކަމަށެވެ.
އިބްތިޝާމްގެ ބަދަލުގައި އިތުރު ނަމެއް ވަރަށް އަވަހަކަށް މަޖިލީހަށް ރައީސް ފޮނުއްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ބީއެމްއެލްގައި ގާތްގަނޑަކަށް ދިހަ އަހަރު މަސައްކަތްކުރައްވާފައިވާ އިބްތިޝާމްގެ ނަން މަޖިލީހަށް ފޮނުއްވާފައި ވަނީ މިމަހުގެ ކުރީކޮޅެވެ. ނަމަވެސް އޭނާގެ ނަން އަނބުރާ ގެންދެވި ސަބަބު މަޖިލީހަށް ފޮނުއްވެވި ސިޓީގައި ރައީސް ހާމަ ކުރައްވާފައެއް ނުވެ އެވެ.
އިންޑިއާގެ ކެރެލާ ޔުނިވަސިޓީން ކޮމާސްގެ ދާއިރާ އިން ބެޗްލާޒް ޑިގްރީ އާއި ޔޫކޭގެ ވެސްޓްމިންސްޓާ ޔުނިވަސިޓީން މާކެޓިން އެންޑް ކޮމިޔުނިކޭޝަންއިން މާސްޓާޒް ހައްދަވާފައިވާ އިބްތިޝާމް ގައުމީ ބޭންކާ ގުޅިވަޑައިގެންނެވީ ޖުލައި 2003ގަ އެވެ. އޭނާ ބީއެމްއެލްގެ އެސޯސިއޭޓް ޑައިރެކްޓަރަކަށް ބަދަލުކޮށްފައި ވަނީ މިދިޔަ އަހަރުގެ ތެރޭގަ އެވެ.
އިބްތިޝާމަށް ތައުރީފު ކުރައްވައި ޕްރޮގްރެސިވް ކޯލިޝަންގެ ޖަލްސާއެއްގައި ރައީސް ޔާމީން ވިދާޅުވީ ގަވަރުނަރުކަމަށް ހަމަޖައްސަން ނިންމެވީ އަންހެން ބޭފުޅެއް ކަމަށާއި އޭނާއަކީ ގާބިލް ބޭފުޅެއް ކަމަށެވެ.