16 Jan 2014, 14:57
ރާއްޖޭން ފާހަގަކޮށްފައިވާ ހުރިހާ މައްސަލައެއް އިންޑިއާއިން ހައްލުކުރާނެ ކަމަށް އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު ރާޖީވް ޝަހާރޭ ވިދާޅުވެއްޖެ އެވެ.
ޓްރޭޑާސް ހޮޓަލުގައި މިއަދު ބޭއްވެވި ނޫސްކޮންފަރެންސްގައި ޝަހާރޭ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އެއްބަސްވެފައިވާ ކަންތައްތަކަށް މިހާރު ވެސް އަމަލު ކުރަން ފަށާފައިވާ ކަމަށެވެ.
"...ރާއްޖޭން ނެގި ހުރިހާ މައްސަލައެއަކަށް އަޅުގަނޑުމެން މިތިބީ މަސައްކަތް ކުރަން، ސޮއިކޮށްފައިވާ ޖޮއިންޓް ސްޓޭޓްމެންޓްގައިވާ ކަންތައްތައް ތަންފީޒުކުރަން މިހާރުވެސް ވަނީ ފަށާފައި،" ޝަހާރޭ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި އިންވެސްޓްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު ގޮވާލައްވާފައިވާތީ އިންޑިއާގެ އިންވެސްޓަރުން ރާއްޖެ އަންނާނެ ކަމަށެވެ.
"ރާއްޖޭގައި އިންވެސްޓްކުރުމަށް ރައީސް ޔާމީނު ގޮވާލައްވާފައި ވާތީ އިންޑިއާގެ އިންވެސްޓަރުންގެ ވަފުދުތައް ރާއްޖެ އަންނާނެކަން އަޅުގަނޑަށް ޔަގީން، ރާއްޖޭގައި އިއުލާންކޮށްފައިވާ އެންމެ ބޮޑު އެއްމަޝްރޫއު، އެއީ މާލެއާ ހުޅުމާލެ ގުޅުވައިދޭ ފާލަން އެޅުމުގެ މަޝްރޫއަށް އިންޑިއާގެ ދެ ކުންފުންޏަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް އަޅުގަނޑަށް ވަނީ އަޑު އިވިފައި،" އޭނާ ވިދާޅުވި އެވެ.
ހައިކޮމިޝަނަރު ޝަހާރޭ މިއަދު ރާއްޖޭގެ ނޫސްވެރިންނާ ބައްދަލުރެއްވީ ރާއްޖެއާ އިންޑިއާ ދެމެދު އޮންނަ އެކުވެރިކަން އިތުރަށް ވަރުގަދަ ކުރުމުގެ ގޮތުން ބާއްވާ "ދޯސްތީ، އެކުވެރިކަން ވީކް" އާ ބެހޭ މައުލޫމާތު ދެއްވުމަށެވެ.