ޝީޝާގެ ތިންބެއިންގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގައި ހުޅުވާފައިވާ އެކައުންޓުން ވެރިފަރާތުގެ ހުއްދަނެތި ބަޔަކު ނެގި 18 މިލިއަން ރުފިޔާގެ ތެރެއިން ޝީޝާގެ ތިންބެއިންނަށް ނުލިވާ ފައިސާ އަނބުރާ އެ އެކައުންޓަށް ޖަމާކުރުމަށް އެސްބީއައިގެ މައްޗަށް ސިވިލް ކޯޓުން މިއަދު ހުކުމް ކޮށްފި އެވެ.

ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައި ވަނީ ޝީޝާގެ ތިންބެއިންގެ އެކައުންޓުން 18 މިލިއަން ރުފިޔާ ޓްރާންސްފާ ކޮށްފައި ވަނީ އެ ތިންބެއިންގެ ހުއްދަނެތި، އެސްބީއައިގެ އިހުމާލުންކަން ޝަރީއަތަށް ސާބިތުވާ ކަމަށެވެ.

އެ ފައިސާގެ ތެރެއިން އެ ތިން ބެއިންނަށް އަނބުރާ ލިބިފައިވާ 4،452،945ރ. އުނިކުރުމުން ބާކީ ނުލިބިފައިސާ ކަމުގައިވާ 13،547،055ރ. އާއި އެ ފައިސާ އެއެކައުންޓުގައި އުނިނުވެ ހުރިނަމަ އެ ފައިސާ އަށް ލިބިގެންދާނެ އިންޓްރެސްޓުގެ ފައިސާ މިއަދުން ފެށިގެން އެއްމަސް ދުވަހުގެ ތެރޭގައި އެ ތިން ބެއިންގެ އެކައުންޓަށް ޖަމާކުރުމަށް އެސްބީއައިގެ މައްޗަށް ވަނީ ހުކުމް ކޮށްފަ އެވެ.

އެސްބީއައިއިން އެފައިސާ ދޫކޮށްފައިވުމުން ޝީޝާ ކުންފުއްޏަށްވީ ގެއްލުމާއި ޝީޝާގެ ގާނޫނީ ވަކީލަށް ހިނގި ހަރަދު ނަގައިދިނުމަށް ކޯޓްގައި އެދިފައިވީނަމަވެސް އެހަރަދު އެސްބީއައިގެ އަތުން ނެގެން ނެތް ކަމަށް މިއަދު ސިވިލް ކޯޓުން ކުރި ހުކުމްގައި ބުނެފައިވެއެވެ. ސަބަބެއްކަމަށް ހުކުމްގައި ބުނެފައިވަނީ ފަރުދީގޮތުންވި ގެއްލުމުގެ ބަދަލު ނަގައިދިނުމަށް ހުށައަޅާފައިވާ ހިސާބްތަކުން ދެނެގަނެވެން ނެތުމުން ކަމަށެވެ.

ޝީޝާގެ ތިންބެއިންގެ އެކައުންޓްއިން މަކަރާއި ހީލަތުން ފައިސާ ނެގި ކަމުގެ ތުހުމަތުގައި ދައުލަތުން ވަނީ އެސްބީއައިގެ ދެ މުވައްޒަފަކާއި އިތުރު ބައެއްގެ މައްޗަށް ދައުވާ އުފުލާފަ އެވެ.

އެސްބީއައިގެ ދެ މުވައްޒަފުންގެ އިތުރުން އެ މައްސަލައިގައި ދައުވާ އުފުލާފައި ވަނީ ސިފައިންގެ ރިޑަޔާޑު ކާނަލެއް ކަމަށްވާ ހ. ހަބަރުގޭ ޝައުކަތު އިބްރާހީމް އާއި ބ. ތުޅާދޫ މާފަރިވާގޭ އިބްރާހީމް ޝާހިދު އާއި ރ.ރަސްމާދޫ ބަހާރުގޭ އަލީ އަޝްރަފް އާއި ށ. ޅައިމަގު ޖަމްސަރީރުގޭ މުހައްމަދު މުސްތައުމިދު އާއި ހަމަ އެ ރަށު ގޯލްޑްސްޓާރު މުހައްމަދު މުސްތަފާގެ މައްޗަށެވެ.

އެސްބީގައި ޝީޝާގެ ތިންބެއިން ހުޅުވާފައިވާ އެކައުންޓުން 18 މިލިއަން ރުފިޔާ ނަގާފައި ވަނީ 2011 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ނުވަ ވަނަ ދުވަހާއި 20 ވަނަ ދުވަހާ ދެމެދު އެކި ދުވަސް މަތިންނެވެ.