16 Jan 2014, 13:59
މިމަހު ފެށުމަށް ހަމަޖެހިފައިވާ ގައުމީ ވޮލީބޯޅަ ލީގްގެ ދެވަނަ ޑިވިޒަނުގައި 14 ޓީމު ބައިވެރިވެއްޖެ އެވެ.
ވޮލީ ބޯޅަ އެސޯސިއޭޝަންގެ އިސް އޮފިޝަލަކު ވިދާޅުވީ، މުބާރަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ 14 ޓީމް ހަތަރު ގްރޫޕަކަށް ބަހާލައިގެން ކަމަށެވެ. އަދި ކޮންމެ ގްރޫޕަކުން ދެ ޓީމް ކުއާޓާފައިނަލަށް ދަތުރު ކުރާ ގޮތަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.
މިމުބާރާތުގައި ބައިވެރިވެފައިވާ 14 ޓީމަކީ ސްޕޯޓްސް ކުލަބް ސިޓީ އާއި ޕޮލިސް ފެމެލީ އެސޯސިއޭޝަން އާއި ޔޫތު ނިއު ޖަނަރޭޝަން އާއި ހުޅުމާލެ ޔޫތު ޑިވޮލަޕްމަންޓް ސޮސައިޓީ އާއި ސާއްބަ އެކުވެރި ކުލަބާއި ށ. ކޮމަންޑޫ އިސްދަރިވަރުންގެ ޖަމިއްޔާ އާއި ހޯރަފުށި ގުޅުމާއި ސްޕޯޓްސް ކުލަބު މެކާނޯ އާއި ގިރާވަރު ޔޫތު ސޮސައިޓީ އާއި ފޮނަދޫ ޒުވާނުންގެ ރޫހާއި ކްލަބް ހަލްފް ލައިން ލިންކޭޖް އާއިސްޕޯޓްސް ކުލަބު ގުޑީސް އާއި ކުލަބު ޓީނޭޖް ޖޫނިޔަސް އަދި ސްޕޯޓްސް ކުލަބު ވާދޫ އެވެ.
މިމުބާރާތުގެ ޗެމްޕިއަންޓީމާއި ރަނައަޕް ޓީމަށް މިއަހަރުގެ އެއްވަނަ ޑިވިޒަނުގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި އެޓީމް ތަކަށް ބިދޭސީ ކުޅުންތެރިން ފުރުޞަތު އޮންނާނެ ކަމަށް ވެސް ވޮލީ އެސޯސިއޭޝަނުން ބުނެ އެވެ.
މިމަހުގެ 19 އިން 31 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މިމުބާރަތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ ސޯސަލް ސެންޓަރުގެ އިންޑޯ ކޯޓުގަ އެވެ.