13 Dec 2010, 12:11
ސިވިލް ސާވިސް ކޮމިޝަން އެކުލަވާލުމަށް، ރައްޔިތުންގެ މަޖިލީހަށް ލިބިފައިވާ ބާރު އުނި ކުރުމަށް ސިވިލްސާވިސްގެ ގާނޫނަސް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު، ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ހުށަހަޅުއްވާފައިވާ އިސްލާހަކީ، ސިވިލްސާވިސް ކޮމިޝަނުގެ ތެރެއިން ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ހުށަހަޅުއްވާފައިވާ އިސްލާހެއް ކަމަށާއި އެ އިސްލާހް މަޖިލީހުގެ ހަފޮޅުން ބޭރުކޮށްލައްވާނެ ކަމަށް އިދިކޮޅު މެންބަރުން އިންޒާރު ދެއްވައިފި އެވެ.
ސިވިލްސާވިސް ކޮމިޝަންގެ މެންބަރުން އައްޔަން ކުރުމުގެ ކުރިހާ ބާރެއް، ސިވިލް ސާވިސްގެ ގާނޫނުން ރައްޔިތުންގެ މަޖިލީހަށް ދީފައިއޮތް އޮތުން، ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއާ އެކު ރައީސުލްޖުމްހޫރިއްޔާ އެ ކޮމިޝަނަށް މެންބަރުން އައްޔަން ކުރަން ޖެހޭ ގޮތަށް ބަދަލުކުރުމަށް މޫސަ ހުށަހަޅުއްވާފައިވާ އިސްލާހަށް ވާހަކަ ދެއްކެވި އިދިކޮޅު މެންބަރުން ވިދާޅުވީ އެ އިސްލާހަށް ތާއީދު ނުކުރައްވާ ކަމަށާއި އެ އިސްލާހް މަޖިލީހަށް ބަލައިގަތަ ނުދެއްވާނެ ކަމަށެވެ.
އިދިކޮޅު ޑީއާރުޕީގެ މެންބަރު މާފަންނު ހުޅަނގު ދާއިރާގެ އަބްދުﷲ އަބްދުއްރަހީމް ވިދާޅުވީ، ސިވިލް ސާވިސް ކޮމިޝަން މިހާރު ސިޔާސީ ނުފޫޒުން އެއްކިބާވެފައި ވާތީ މޫސަގެ މި އިސްލާހަކީ، ސިވިލް ސާވިސް ކޮމިޝަނާއި ސިވިލް ސާވަންޓުންނަށް ނުފޫޒު ފޯރުވުމުގެ ބޭނުމުގައި ހުށަހަޅުއްވާފައިވާ އިސްލާހެއް ކަމަށެވެ.
"މިއިސްލާހު ގެނެވިއްޖެއްޔާ ކުރިމަތި ވާނީ ކޮން ފަދަ މުސީބާތެއްކަމެއް ވެސް ނޭނގޭ. ހަސަތޭކަ ފަންސާސް އަށް މިލިޔަން ރުފިޔާގެ މުސާރަ ސިވިލް ސާވަންޓުންގެ ކިބައިން މަހްރޫމުކޮށް 21 މިލިޔަން ޑޮލަރަށް އެންމެ މީހެއްގެ ކުންފުންޏަކަށް (ރީކޯ މޫސަގެ ހެވީލޯޑް) އަށް ވަނީ ނުހައްގުން ބޮޑު ވިޔަފާރިއެއްދީފައި. މިއުޅެނީ ނުފޫޒު ފޯރުވައިގެން މުސާރަތައް ކަނޑައި ސިވިލް ސާވިސް މުވައްޒިފުންގެ ހައްގުތައް އެއްކޮށް ދިރުވާލުމަށް. މި ބިލު މަޖިލީހުގެ ހަފޮޅުން ބޭރުކޮށްލާނެކަމުގެ ޔަގީންކަން ސިވިލް ސާވިސް ކޮމިޝަނަށް ދަންނަވަން،"
އިދިކޮޅު ގައުމީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުގެ ރައީސް ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒު ރަޝީދު ވިދާޅުވީ،
މޫސާ މަނިކު މި ބިލު ހުށަހެޅުއްވި މަގުސަދާ ދޭތެރޭ ސުވާލު އުފެދޭ ކަމަށެވެ. އަދި މި އިސްލާހް ހުށަހަޅުއްވައިގެން، ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ މުސްތަގިއްލުކަން ގެއްލޭ ގޮތަށް ކަންތައްތައް ބަދަލު ކުރުމަށް މަސައްކަތްކުރަނީ ކީއްވެގެންތޯ ވެސް ރިޔާޒު ސުވާލު ކުރެއްވި އެވެ. އަދި މި ބިލަކީ ގާނޫނީ ހަމަތަކާ އެއްގޮތަށް ހުށަހަޅުއްވާފައިވާ ބިލެއްނޫން ކަމަށާއި މި ބިލަކީ މަޖިލީހުގެ ވަގުތު ނަގާލުމަށް ކުރަމުންދާ މަސައްކަތްތެއް ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.
"ކޮމިޝަން އަޅުގަނޑުމެން އެއޮތީ ފަސް އަހަރު ދުވަހަށް އައްޔަންކޮށްފައި، ތިޔަ ބޭފުޅުން (އެމްޑީޕީން) ބޭނުންވެގެން ތިޔަ އުޅޭ ބާރެއް ދެން ނުލިބޭނެ. އެއްވެސް މުސްތަގިއްލު މުއައްސަސާއަކުން ދެން ބާރެއް ނުލިބޭނެ. ރައްޔިތުން ބޭނުމެއްނުވޭ ބާރު ދޭކަށް. އެކަން ކުރިއަށް މިއޮތް ލޯކަލް އިންތިހާބުގައި ދައްކާލަދޭނަން. އޭގެފަހުން ބިލެއް ހިފައިގެން މިތަނަށް ވަންނާނެ ދޮރެއް ހުންނާނެ ބާވައޭ ހިތަށް އަރާ. ބަޖެޓް ވެސް ހުށަހަޅާން ދޮރުތައް ވައްޓާލާފައި ފިނޭންސް މިނިސްޓަރާ އެކު ވަންނަނާނަމޭ ބުނާ މީހުން މިހާރު ކޮބައި. މިއީ ސިވިލް ސާވަންޓުން ބާރުގެ ދަށަށް ގެންގޮސްގެން ހުދުމުހުތާރު ގޮތެއްގައި ކަންތައް ކުރުމުގެ ވިސްނުމުގައި ކުރިއަށްގެންދާ މި މަސައްކަތް ބަލައެއް ނުގަންނާނަން."
އިދިކޮޅު ޕީއޭގެ މެންބަރު މާވަށު ދާއިރާގެ އަބްދުލް އަޒީޒް ޖަމާލު އަބޫބަކުރު ވިދާޅުވީ، މި ބިލަކީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދަށް ކޮން ބާރެއް ލިބިވަޑައިނުގަންނަވައިގެން މޫސަ ހުށަހެޅުއްވި ބިލެއްކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ. އަދި މި ބިލަކީ ކުރިއަށް އޮތް އިންތިހާބާ ދިމާކޮށް ސިވިލް ސާވިސް މުވައްޒިފުންނަށް ނުފޫޒާއި ބާރު ފޯރުވައިގެން ކަންތައްތަކެއް ކުރުމަށް ހުށަހަޅުއްވާފައިވާ ބިލެއް ކަމަށާއި އެއްވެސް މެންބަރަކު މި ބިލަށް ތާއީދު ނުކުރެއްވުމަށް ވެސް އޭނާ ގޮވައިލެއްވި އެވެ.
"އެމަނިކުފާނު (ރައީސް ނަޝީދު) އަކީ މިހާރު ސުޕްރީމް ކޯޓުން ކުރައްވާ ހުކުމަށްވުރެ ވެސް ބާރުގަދަ ބޭފުޅެއްކަމަށް ވާތީ އިތުރު ބާރެއް ބޭނުންފުޅުވާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ. ގުދުރަތީ ސަބަބެއް ދިމާވެގެން ނޫނީ އެއްވެސް ވަރަކަށް ލަސް ނުކުރައްވައި މާލިއްޔަތުގެ ގާނޫނަށް ގެނައި އިސްލާހު ތަންފީޒު ކުރައްވަން ޖެހޭނެ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުން ހުކުމް ކުރެއްވުމުން ވެސް އެކަން ކުރައްވާނީ ވަކި ގާނޫނެއް ފާސްވުމުން ކަމަށް ވިދާޅުވަމުން ގެންދަވާ އިރު ވަކި މާއްދާއެއް އިސްލާހް ނުވެގެންނޭ ކިޔައިފައި ބާރުތައް ޖަމާކުރައްވާތީ ހައިރާންވޭ،"
އިދިކޮޅު ޖުމްހޫރީ ޕާޓީގެ މެންބަރު ފަރެސް މާތޮޑާ ދާއިރާގެ އިބްރާހިމް މުއްތަލިބު ވިދާޅުވީ، ސިވިލް ސާވިސް ކޮމިޝަނަށް މެންބަރުން ހަމަޖެއްސުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިދޭ ގޮތަށް ހަދަން ޖެހުނީ، ސަރުކާރުގެ ނުފޫޒުން އެކޮމިޝަން ފުނޑުފުނޑުކޮށްލުމުގެ ބިރު އެތައްހާސް ސިވިލްސާވަންޓުންނަކަށް ކުރިމަތިވެފައި ވަނިކޮށް ކަމަށެވެ. އެހެންކަމުން މަޖިލީހަށް ލިބިފައިވާ އެ ބާރު ކަނޑުވާލުމަށް މޫސާ މަނިކު ހުށަހަޅުއްވާފައިވާ މި އިސްލާހަކީ، ބަލައި ގަނެވޭނެ އިސްލާހެއްނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި އެ ބިލަކީ ސިވިލްސާވަންޓުންނަށް ސަރުކާރަށް ނުފޫޒު ނުފޯރުވޭތީ އެކަން ކުރުމަށްޓަކައި ހުށަހަޅުއްވާފައިވާ ބިލެއް ކަމުން އެ ބިލު މަޖިލީހަށް ބަލައިގަނެގެން ނުވާނެ ކަމަށް ވެސް މުއްތަލިބު ވިދާޅުވި އެވެ.
އިދިކޮޅު ފަރާތްތަކުން މި ބިލަށް ފާޑު ވިދާޅުވި ނަމަވެސް އެމްޑީޕީގެ މެންބަރުން ވިދާޅުވީ މި ބިލަކީ މުހިއްމު ބިލެއް ކަމަށެވެ. އަދި ބިލުގައިވާ އިސްލާހަކީ ސިވިލް ސާވިސް ގާނޫނަށް ކޮންމެހެން ގެންނަން ޖެހޭ އިސްލާހެއް ކަމަށް ވެސް އެ މެންބަރުން ވިދާޅުވި އެވެ.
އެމްޑީޕީގެ މެންބަރު ހުވަރަފުށި އަހްމަދު ރަޝީދު ވިދާޅުވީ ސިވިލް ސާވިސްގެ ގާނޫނަށް މޫސަ ހުށަހަޅުއްވާފައިވާ އިސްލާހަކީ، ގާނޫނު އަސާސީގެ ރޫހާ އެއްގޮތަށް ހުށަހެޅިފައިވާ ވަރަށް މުހިއްމު އިސްލާހެއް ކަމަށެވެ. އަދި މި އިސްލާހަކީ މަޖިލީހުގެ ބާރާއި ރައީސްގެ ބާރު ވަކިކޮށް ވަކި ހަމައެއްގައި ބޭއްވުމަށް ހުށަހަޅާފައިވާ އިސްލާހެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އިހަވަންދޫ ދާއިރާގެ އަހްމަދު އަބުދުﷲ ވިދާޅުވީ، މިއިސްލާހަކީ މާލިއްޔަތުގެ ގާނޫނަށް މިވަގުތު ކޮންމެހެން ގެންނަން ޖެހޭ އިސްލާހެއް ކަމަށެވެ. އަދި ސިވިލް ސާވަންޓުންގެ މަސައްކަތްތައް އެންމެ ރަނގަޅު ގޮތެއްގައި ހިންގުމަށްޓަކައި ގެންނަން ޖެހޭ ކޮންމެ ބަދަލެއް ގާނޫނަށް ގެންނަން ޖެހޭނެ ކަމަށާއި ގާނޫނު ލާޒިމް ކުރާ ފިޔަވަޅު އަޅައި ކުރަން ޖެހޭ އެންމެހާ ކަންތައްތައް ކުރަން ޖެހޭނެ ކަމަށާއި ހިދުމަތްތައް ސަރުކާރުން ކަނޑައަޅާއިރު، ސަރުކާރުން ކަނޑައަޅާ ގޮތެއްގެމައިން އެކަންތައްތައް ކުރަންތިބޭ ބަޔަކީ ސިވިލް ސާވަންޓުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ބިލު މަޖިލީހަށް ހުށަހަޅުއްވަމުން މޫސާ މަނިކު ވިދާޅުވީ، ސިވިލްސާވިސް ކޮމިޝަންގެ ގާނޫނަށް އިސްލާހް ގެނައުމަށް ބިލެއް ހުށަހެޅުއްވީ، ދައުލަތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައަޅާފަރާތަކީ، ރައީސުލްޖުމްހޫރިއްޔާ ކަމަށް ގާނޫނު އަސާސީގައި ބުނެފައިވާތީ، އާއި އެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ތިބޭ ބަޔަކީ ސިވިލް ސާވިސް ކޮމިޝަނާއި ސިވިލްސާވަންޓުން ކަމަށްވާތީ އެ ކޮމިޝަނަށް މެންބަރުން އައްޔަން ކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ ފުރިހަމަ ދައުރެއް އޮންނަން ޖެހޭ ކަމަށް ފެނިވަޑައިގަންނަވާތީ ކަމަށެވެ.
"ރައްޔިތުންގެ މަޖިލީހުން ކުރަން ޖެހޭ ކަންކަން ގާނޫނު އަސާސީގައި ވަރަށް ރަނގަޅަށް ވަނީ ބަޔާންކޮށްފައި. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު ފަރާތްތަކަށް އޮތުމުގެ ސަބަބުން ގިނަ ގާނޫނުތަކުންނާއި ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ ބާރުތަކެއް ރައްޔިތުންގެ މަޖިލީހަށް ފުރޮޅެމުންދާތަން މިފެންނަނީ. އެގޮތުން މާލިއްޔަތުގެ ގާނޫނާއި ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލައާއި ވަރަށް ގިނަ ކަންތައް މިދަނީ މަޖިލީހުގެ ތެރެއަށް ބަދަލުވަމުން. އެހެންއެކަން ކުރާކަމަށްވަންޏާ، ރިޔާސީ ނިޒާމަކަށް ރައްޔިތުން ނިންމި ނިންމުން ބަރުލަމާނީ ނިޒާމަށް ބަދަލުކޮށްލުމަކީ ސަރުކާރާއި އެމްޑީޕީއަށް މައްސަލައެއްނޫން"
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިޖްތިމާއީ ރައްކާތެރިކަމުގެ ބިލުގެ ބަހުސް ވެސް ކުރިއަށް ގެންދެވި އެވެ. އަދި ޕަބްލިކް އެންޓަ ޕްރައިޒަސް ކޮމިޝަންގެ ބިލު މަޖިލީހަށް ބަލައިގަތުމަށް މިއަދުގެ ޖަލްސާއިން ފާސްކުރި އެވެ. ނަމަވެސް އެ ބިލު ފޮނުވާނެ ކޮމިޓީއަކާ މެދު މެންބަރުންގެ މެދުގައި ބަހުސް ހޫނުވެ ގޮތެއް ނުނިންމެވުމުން ސިޔާސީ ޕާޓީތަކުގެ އިސް ވެރިންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހު އެކަމާމެދު ނިންމާގޮތެއް މާދަމާގެ ޖަލްސާއަށް ހުށަހެޅުމަށް ފުރުސަތު ދެއްވީ ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު އެ މަސައްކަތް މާދަމާއަށް ލަސްކުރެއްވި އެވެ.
މިއަދުގެ ޖަލްސާ ކުރިއަށްދިޔައިރު ދޭތެރެ ދޭތެރެއިން ކޯރަމް ގެއްލިގެން ޖަލްސާ ހުއްޓާލަން ޖެހުނެވެ. އެގޮތުން ޖަލްސާގެ ފުރަތަމަ ހުސްވަގުތުކޮޅަށް ފަހު ޖަލްސާ ފެށޭ ގަޑިކަމުގައިވާ 11:00ގައި ޖަލްސާ ނުފެށިގެން 11:30 އަށް ޖަލްސާ ފަސްކުރަން ޖެހުނެވެ. އަދި މެންދުރުގެ ހުސްވަގުތުކޮޅަށްފަހު 1:00ގައި ޖަލްސާ ފަށަން ބޭނުންވާ ވަރަށް ކޯރަމް ހަމަނުވެގެން ޖަލްސާ ފަށާފައި ވަނީ 1:30ގަ އެވެ.