16 Jan 2014, 13:56
ވީޓީވީގެ ޕްރޮގްރާމެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރު ރޮޒައިނާ އާދަމްގެ އިއްޒަތާއި ގަދަރަށް އުނިކަމާއި ނިކަމެތިކަން ލިބޭ ގޮތަށް ބްރޯޑްކާސްޓްކޮށްފައިވާ ކަމަށް ކަނޑައަޅައި އެކަމަށް ވީޓީވީން މާފަށް އެދެން ބްރޯޑް ކާސްޓިން ކޮމިޝަނުން އަންގައިފި އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ބުނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު 27 ވަނަ ދުވަހުގެ ރޭ ވީޓީވީގެ "ފަސްމަންޒަރު" ޕްރޮގްރާމްގައި ރައީސް މުހައްމަދު ނަޝީދާއި އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރު ރޮޒައިނާ އާދަމްގެ އިއްޒަތާއި ގަދަރަށް އުނިކަމާއި ނިކަމެތިކަން ލިބޭ ގޮތަށް ބްރޯޑްކާސްޓްކޮށްފައިވާ ކަމަށެވެ.
އަދި އެ ކުށަށް އެއްވެސް ޝަރުތެއްނެތި މިމަހުގެ 31ގެ ކުރިން މާފަށް އެދުމަށާއި ދިފާއުގައި ބަސް ބުނުމުގެ ފުރުސަތު 31 ޖެނުއަރީ ކުރީން "ފަސްމަންޒަރު" ޕްރޮގްރާމްގައި އެ ފަރާތްތަކަށް ދިނުމަށް ވީޓީވީ ހިންގާ ކުންފުނި އައިލަންޑް ބްރޯޑްކާސްޓިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑަށް ވަނީ އަންގާފަ އެވެ. އެގޮތަށް ނިންމާފައި ވަނީ އެ މައްސަލަ ބެލި ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނެ އެވެ.
އަދި ޑިލޭއަކާ އެކު ނޫނީ "ފަސްމަންޒަރު" ޕްރޮގްރާމް ދެން ނުފޮނުވުމަށް ވެސް ވަނީ އަންގާފަ އެވެ.
ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފު ކޮންޓެންޓެއް އޮންއެއާވެއްޖެ ނަމަ، އެކުށެއް އިސްލާހުކޮށް ސްޓޭޝަންގެ ފަރާތުން އޮންއެއާގައި މައާފަށް އެދުމަށް ވެސް ވަނީ ވީޓީވީއަށް އަންގާފަ އެވެ.
ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފު ކޮންޓެންޓެއް އޮންއެއާވުމުގެ ސަބަބުން އެއްވެސް ފަރާތެއްގެ ހުރުމަތް ކެނޑި، ނުވަތަ އެފަރާތެއްގެ އިއްޒަތާއި ގަދަރަށް އުނިކަމެއް ނުވަތަ ނިކަމެތިކަމެއް ލިބިއްޖެ ނަމަ، އެކަމުގެ ދިފާއުގައި ބަސް ބުނުމުގެ ފުރުސަތު ޖެހިގެން އަންނަ "ފަސްމަންޒަރު" ޕްރޮގްރާމްގައި ދިނުމަށް ވެސް ވަނީ އަންގާފަ އެވެ.