ރާއްޖެ ޓީވީން އޮންއެއާ ކުރި އެމްޑީޕީ ގައުމީ މަޖިލީހުގެ ޖަލްސާގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްޒަތާއި ގަދަރަށް އުނިކަމާއި ނިކަމެތިކަން ލިބޭ ގޮތަށް ބްރޯޑްކާސްޓްކޮށްފައިވާ ކަމަށް ކަނޑައަޅައި މާފަށް އެދެން ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެޓީވީ އަށް އަންގައިފި އެވެ.

ރާއްޖެ ޓީވީން 23 ސެޕްޓެމްބަރު 2013ވަނަ ދުވަހުގެ ރޭ ވަގުތުން އޮންއެއާ ކުރި އެމްޑީޕީ ޤައުމީ މަޖިލީހުގެ ޖަލްސާގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އިއްޒަތާއި ގަދަރަށް އުނިކަމާއި ނިކަމެތިކަން ލިބޭ ގޮތަށް ބްރޯޑްކާސްޓްކޮށްފައިވާ ކަމަށް ކަނޑައަޅައި އެކުށަށް، އެއްވެސް ޝަރުތެއް ނެތި މިމަހުގެ 31ގެ ކުރީން މާފަށް އެދެންޖެހޭނެ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ރާއްޖެ ޓީވީ އަށް އަންގާފަ އެވެ.

އަދި 31 ވަނަ ދުވަހުގެ ކުރިން ރޭގަނޑު 8:00 އާއި 12:00 އާ ދެމެދުގެ ވަގުތެއްގައި ރާއްޖެ ޓީވީގެ އޮންއެއާގައި މަޢާފަށް އެދުމަށާއި ދިފާއުގައި ބަސް ބުނުމުގެ ފުރުސަތު 31 ޖެނުއަރީގެ ކުރީން، ކޮންމެ ވެސް އެއް ރެއެއްގެ 8:00 އާއި 12:00 އާ ދެމެދުގެ ވަގުތެއްގައި ރާއްޖެ ޓީވީގެ އޮންއެއާގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ދިނުމަށް ރާއްޖެ ޓެލެވިޒަން ޕްރައިވެޓް ލިމިޓަޑަށް އެންގުމަށް ވެސް ވަނީ އެ މައްސަލަ ބެލި އެ ކޮމިޝަންގެ ޖަލްސާގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުން ނިންމާފަ އެވެ.

ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފު ކޮންޓެންޓެއް އޮންއެއާވުމުގެ ފުރުސަތު ނުދިނުމަށްޓަކައި ސްޓޭޝަންގެ ފުރިހަމަ ކޮންޓްރޯލް އޮންނަ ގޮތަށް، ޑިލޭއަކާ އެކު ނޫނީ، ސިޔާސީ ޕާޓީތަކުން އިންތިޒާމްކުރާ އިވެންޓްތައް ނުފޮނުވުމަށް ވެސް ވަނީ އަންގާފަ އެވެ. އަދި ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފު ކޮންޓެންޓެއް އޮންއެއާވެއްޖެ ނަމަ، އެކަން އެގޮތަށް ހިނގައިފި ކަން، ވީއެންމެ އަވަސް ފުރުސަތެއްގެ ތެރޭގައި އެސްޓޭޝަނުން ހާމަކޮށް، އެކުށެއް އިސްލާހުކޮށް ސްޓޭޝަންގެ ފަރާތުން އޮންއެއާގައި މައާފަށް އެދުމަށް ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ ރާއްޖެ ޓީވީ އަށް އަންގާފަ އެވެ.

މީގެ ކުރިން ސުޕްރީމްކޯޓުގެ ފަނޑިޔާރުންނާ ގުޅޭ މައްސަލައަކާ ގުޅިގެން ރާއްޖެ ޓީވީ އަށް ވަނީ މާފަށް އެދުމަށް އަންގާފަ އެވެ.