އަންނަ ހޮނިހިރު ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ހަރަކާތްތެރިވާ ގިނަ އަދަދެއްގެ ފުލުހުން އަތޮޅުތަކަށް ފުރައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބަށް މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ފުލުހުން ކުރިއަށް ގެންދާ "އޮޕަރޭޝަން ރަމަތަ"ގެ ދަށުން އަތޮޅުތެރެ އަށް ދިޔުމަށް ހަމަޖެހިފައިވާ ފުލުހުންގެ ބައެއް ޓީމުތައް އިއްޔެ ހެނދުނު ފުރާފައިވާ ކަމަށެވެ. އަދި އުތުރުގެ އަތޮޅު ތަކަށްދާ ފުލުހުންގެ ޓީމުތައް މިއަދު ފުރާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ފުލުހުން ބުނީ މިއަދުގެ ނިޔަލަށް ހުރިހާ ރަށަކަށް ފުލުހުން ގޮސް ނިމޭނެ ކަމަށެވެ.

ލޯކަލް ކައުންސިލް އިންތިހާބުގައި ފުލުހުން ގާއިމްވެ ތިބި ރަށްރަށުގެ އިތުރުން މިފަހަރުގެ އިންތިހާބުގައި އިލެކްޝަންސް ކޮމިޝަނުން ވޯޓުފޮށި ބަހައްޓާ ކޮންމެ ރަށެއްގައި މަދުވެގެން ދެ ފުލުހުން ތިބެން ހަމަޖެހިފައިވެ އެވެ.

ފުލުހުން ބުނީ ލޯކަލް ކައުންސިލް އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި ފުލުހުން ހަރަކާތްތެރިވާއިރު ފުލުހުންގެ އޮޕަރޭޝަން ޓީމުތައް ރާއްޖޭގެ ހަތް ސަރަޙައްދެއްގައި ގާއިމް ކުރެވިފައިވާ ކަމަށެވެ. އަދި ކޮންމެ އަތޮޅެއްގެ ވެސް އެއް ރަށުގައާއި މާލޭގައި ފުލުހުންގެ ހާއްސަ އޮޕަރޭޝަން ޓީމުތައް ތައްޔާރީ ހާލަތުގައި ތިބޭނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އިލެކްޝަން ކޮމިޝަނުން ވަނީ ވޯޓް ލުމުގެ ހައްގު ލިބިގެންވާ މީހުންގެ ލިސްޓްތަކުގައި ކެންޑިޑޭޓުން ސޮއި ނުކުރި ނަމަވެސް އަންނަ ހޮނިހިރު ދުވަހު ލޯކަލް ކައުންސިލް އިންތިހާބު އޮންނާނެ ކަމަށް ބުނެފަ އެވެ.