16 Jan 2014, 13:47
އިންޑިއަން ހައިކޮމިޝަން އިން އިސްނަގައިގެން "ދޯސްތީ-އެކުވެރިކަން ވީކް"ގެ ނަމުގައި ރާއްޖޭގައި ހަފްތާއެއް ފާހަގަ ކުރުމަށް ނިންމައިފި އެވެ.
މިއަދު ހެނދުނު ޓްރޭޑާސް ހޮޓަލުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިންޑިއަން ހައިކޮމިޝަނަރު ވިދާޅުވީ މިމަހު 20 ވަނަ ދުވަހުން ފެށިގެން 26 ވަނަ ދުވަހާ ހަމައަށް އެކި ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ކަމުގަ އެވެ.
އެގޮތުން އެ ހަފްތާތެރޭގައި ކުރިޔަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި އިންޑިޔާގެ އެކި ކާ އެއްޗެތީގެ ރަހަތައް ދައްކާލުމަށް އިންޑިއަން ފުޑް ފެސްޓިވަލަކާއި ޔޯގާ ވޯކްޝޮޕަކާއި އިންޑިޔާގެ ސަގާފަތް ދައްކުވައިދޭ ހަވީރަކާއި މިއުޒިކް ފެސްޓިވަލް އަކާއި ދޯސްތީ ކުއިޒްގެ ނަމުގައި ކުއިޒެއް ބޭއްވުމުގެ އިތުރުން އިންޑިއާ ފިލްމް ފެސްޓިވަލް އެއް ބޭއްވުމަށް ވެސް ވަނީ ހަމަޖައްސާފަ އެވެ.
އޭގެ އިތުރުން ވެސް މިމަހުގެ 24،25 އަދި 26 ވަނަ ދުވަހު އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލްގައި ހިލޭސާބަހަށް ލޮލުގެ ފަރުވާ ހޯދުމަށް ޑޮކްޓަރަށް ދެއްކުމާއި މިމަހުގެ 24 ވަނަ ދުވަހު ތެލެސީމިއާ ސެންޓަރުގައި ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއްގެ އިތުރުން ސްކޫލް ކުދިންނަށް ހާއްސަކޮއްގެން ކުރެހުމުގެ މުބާރާތެއް ގެންދިޔުމަށް ހަމަޖައްސާފައިވެ އެވެ.
މީގެކުރިން ވެސް އިންޑިޔާ އިން ވަނީ މިފަދަ ހަރަކާތްތަކެއް ރާއްޖޭގައި ކުރިޔަށް ގެންގޮސްފަ އެވެ. އަދި މިފަހަރު ވެސް ބޭއްވުމަށް ހަމަޖައްސާފައިވާ ހަރަކާތްތަކުގެ ސަބަބުން އިންޑިޔާ އާއި ރާއްޖެއާއި ދެމެދު އޮތް ޒަމާންވީ އެކުވެރިކަން އިތުރަށް ބަދަހިވެގެން ދާނެކަމަށް އިންޑިއަން ހައިކޮމިޝަނަރު ވިދާޅުވި އެވެ.