16 Jan 2014, 13:12
ރާއްޖެއާ ދުނިޔޭގެ ގައުމުތަކާ ދެމެދު ކުރާ މުއާމަލާތްތަކުގައި ލަފާ ދޭނެ މަޖުލިސް އެއް އުފައްދުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރާއްޖޭން އިނގިރޭސިވިލާތަށް ކަނޑައަޅާފައި ހުންނަވާ އެކްޓިން ހައިކޮމިޝަނަރު އަހުމަދު ޝިއާން މިއަދު ވިދާޅުވީ ލަފާދޭ މަޖުލިސް ވަރަށް އަވަހަށް އުފައްދަން މިނިސްޓްރީން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ ލަފާދޭ މަޖުލިސް އުފެއްދުމަކީ ސަރުކާރުގެ އާ ޚާރިޖީ ސިޔާސަތުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.
"ރާއްޖޭގެ އާ ހާރިޖީ ސިޔާސަތު ތަންފީޒުކުރުމަށް ޓަކައި އިދާރީ ގޮތުން ފޮރިން މިނިސްޓްރީ އަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަރުހަލާގައި އަޅުގަނޑުމެން މިހާރު މިވަނީ. މިގޮތުން އަޅުގަނޑުމެން މިހާރު ގަސްދުކޮށްފައި މިއޮތީ ޚާރިޖީ ދާއިރާއަށް ލަފާދޭ މަޖުލިސްއެއް ގާއިމް ކުރުމަށް،" ޝިއާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ލަފާދޭ މަޖުލިސްގައި ތިއްބަވާނީ ޚާރިޖީ ދާއިރާ އިން ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ރާއްޖޭގެ ބޭފުޅުން ކަމަށެވެ. އެމަޖިލިސް އުފެއްދެވުމުގެ އެއް ބޭނުމަކީ ތަޖުރިބާކާރު ބޭފުޅުންގެ އެހީތެރިކަމާ އެކު، ޚާރިޖީ ދާއިރާގައި މިހާރު މަސައްކަތްކުރައްވާ ބޭފުޅުންގެ ގާބިލުކަން އިތުރު ކުރުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މީގެ އެންމެ މުހިއްމު އެއް ބޭނުމަކީ މިބޭފުޅުންގެ ތަޖުރިބާއާ ހިޔާލު ބޭނުންކޮށްގެން ރާއްޖޭގެ ޚާރިޖީ ސިޔާސަތު ވަރުގަދަކުރުން. އެބޭފުޅުން މެދުވެރިކޮށް އަދި މިދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންގެ ހުނަރު އިތުރުކުރުން،" އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ ހާރިޖީ ސިޔާސަތު ރައީސުލްޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ޝިއާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ހާރިޖީ ސިޔާސަތުގައި ބޮޑެތި ބަދަލުތަކެއް ހުންނާނެ ކަމަށާއި އެހެން ނަމަވެސް އެތަފުސީލުތައް ލިބޭނީ ސިޔާސަތު ރައީސް އިއުލާން ކުރެއްވުމުން ކަމަށެވެ.