16 Jan 2014, 11:10
ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރުގެ ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒާއި އޭރު އެއާޕޯޓް ކޮމްޕެނީގެ ޗެއާމަން އިބްރާހީމް ސަލީމް (ކުޑަ ބަންދޭ)ގެ އިތުރުން އެއާޕޯޓް ކޮމްޕެނީގެ ޑިރެކްޓަރުންގެ ބޯޑުގެ ބައެއް މެމްބަރުންގެ މައްޗަށް ދައުވާކުރަން ޕީޖީ އަށް ފޮނުވައިފި އެވެ.
އޭސީސީ އިން މިއަދު ބުނީ އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް(އައިއެންއައިއޭ) ތަރައްގީ ކުރުމަށް އިންޑިއާގެ ޖީއެމްއާރް ކޮންސޯޓިއަމް އާ ހަވާލުކޮށްފައިވާ އިރު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑަށް ދައްކަން ޖެހޭ ފިއުލް ކޮންސެޝަން ފީ "ގްރޮސް ފިއުލް ސޭލުސް" އިން ދައްކާ ގޮތަށް އެއްބަސްވެފައި ވަނިކޮށް އެކަން ބަދަލުކޮށް "ނެޓް ސޭލުސް"އިން ދައްކާ ގޮތަށް ބަދަލުކޮށްފައިވާ މައްސަލަ ބަލައި އެބޭފުޅުންގެ މައްޗަށް ކޮރަޕްޝަންގެ ދައުވާކުރުމަށް ފޮނުވާފައިވާ ކަމަށެވެ.
އެމްއޭސީއެލް އަށް ލިބެން ޖެހޭ ފިއުލް ކޮންސެޝަން ފީ އިން ބައެއް އުނިވާ ގޮތަށް އޭރުގެ ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒް އެއެގްރިމެންޓަށް ބައެއް އިތުރުކޮށް ސޮއިކޮށްފައި ވާތީ ދައުލަތަށް ލިބެން އޮތް ފައިދާ އަށް އުނިކަމެއް ލިބޭ ކަމަށް އޭސީސީގެ ތަހުގީގަށް ފާހަގަވާ ކަމަށް ބުނެފައިވެ އެވެ. އެހެންކަމުން ދައުލަތަށް ލިބެން އޮތް ފައިދާ އަށް އުނިކަމެއް ލިބޭ ގޮތަށް އަމަލުކުރުމުން މ. ގުޑްނެސް، އަހުމަދު އިނާޒްގެ މައްޗަށް ދައުވާކުރަން ޕީޖީ އަށް ފޮނުވީ ކަމަށް ބުނެފައިވެ އެވެ.
ފިނޭންސް މިނިސްޓްރީ އިން "ގުރޮސް ފިއުލް ސޭލްސް" ޖީއެމްއާރް އިން މާނަކުރަމުން އައިގޮތަށް އެއްބަސްވެ އޭރުގެ ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒް ސިޓީއެއްގައި ސޮއިކޮށް އެމްއޭސީއެލް އަށް ފޮނުވާފައިވާ އިރު 2011 ވަނަ އަހަރު އެމްއޭސީއެލް އިން ބޭއްވި އެ ކުންފުނީގެ ބޯޑު ޖަލްސާގައި އެސިޓީ އަށް އަމަލުކުރުމަށް ނިންމައި އެކުންފުނީގެ ޗެއާމަން އިބްރާހިމް ސަލީމް އެސިޓީގައި ސޮއިކުރުމުގެ ސަބަބުން ކޮންސެޝަން އެގްރިމެންޓްގެ ދަށުން ދައުލަތަށް ލިބެން އޮތް ފައިދާ އުނިވާ ކަމަށް ބެލެވޭތީ އޭނާ އާއި އޭރު އެ ކުންފުނީގެ ބޯޑް މެމްބަރުން ކަމަށްވާ މުހައްމަދު އިބްރާހިމާއި މުހައްމަދު ވަހީދުގެ އިތުރުން އަހުމަދު މުރާދު އާއި މުހައްމަދު ޝާޒް ވަލީދު އާއި މުހައްމަދު ޝަފީގް މަހްމޫދު އާއި އާދަމް ރަޝީދު އަހުމަދުގެ މައްޗަށް ވެސް ވަނީ ދައުވާކުރަން ޕީޖީއަށް ފޮނުވާފައިވާފަ އެވެ.
ކޮންސެޝަން އެގްރިމެންޓްގެ ބަދަލުކުރުމުން ފިއުލް ސާވިސް އިން ލިބޭ އަމުދަނީ އިން 15 ޕަސެންޓް ދެއްކުމުގެ ބަދަލުގައި އެއް ޕަސެންޓް ދައްކާ ގޮތަށް އޭރުގެ ފިނޭންސް މިނިސްޓަރު އިނާޒް ސޮއިކޮށްފައިވުމުން 25 ނޮވެމްބަރު 2010 އިން ފެށިގެން 2012 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދައުލަތަށް 53 މިލިއަން ރުފިޔާގެ ގެއްލުމެއް ވެފައިވާތީ އެ ފައިސާ ވެސް ހޯދުމަށް އެފަރާތްތަކުގެ މައްޗަށް ދައުވާކުރުމަށް ފޮނުވާފައިވެ އެވެ.