އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގެ މަސައްކަތް ރައްޔިތުންގެ މަޖިލީހުގައި ކުރިއަށް ގެންދާނެ ގޮތަކާ ބެހޭ ގޮތުން ގޮތެއް ނިންމުމަށް މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.


ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާގެ އެންމެ ފުރަތަމަ ކަމަކަށް އެ މައްސަލަ ކުރިއަށް ގެންދިއުމަށް އެޖެންޑާކޮށްފައި މިވަނީ، ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާ މިއަދު މަޝްވަރާކުރައްވައި، ދައުލަތުގެ ބަޖެޓްގެ މަރުހަލާ ރައްޔިތުންގެ މަޖިލީހުގައި ކުރިއަށްގެންދަވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ވިދާޅުވެފައި ވަނިކޮށެވެ.


ނަމަވެސް އެ ކަމާ ބެހޭ ގޮތުން ޕާޓީތަކުގެ އިސްވެރިންނާ މަޝްވަރާކުރެއްވިތޯ އޮޅުން ފިލުވުމަށާއި އެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކުރެއްވީ ކޮން ގޮތަކަށް ބައްލަވާފައިތޯ އޮޅުން ފިލުވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދާ ގުޅި އިރު ފޯނު ނުނެންގެވުމުގެ ސަބަބުން ޝާހިދުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.


ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، މަޖިލީހަށް ބަޖެޓް ހުށަހެޅުއްވުމުގެ މަރުހަލާ ކުރިއަށްގެންދަން ޖެހޭ ކަމަށް، ފިނޭންސް މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމަށް ހަވާލު ކުރައްވާފައިވާ، އިކޮނޮމިކް މިނިސްޓަރު މަހްމޫދު ރާޒީއަށް ދަންނަވާފައިވާނެ ކަމަށް، ޝާހިދު ވިދާޅު ވުމުން، ރައްޔިތުންގެ މަޖިލީހަށް ދައުލަތުގެ ބަޖެޓް ހުށަހަޅުއްވަން ޖެހޭނީ ފިނޭންސް މިނިސްޓަރު ކަމަށް ގާނޫނު އަސާސީގައި ކަނޑައެޅިގެން ބަޔާންކޮށްފައި ވާތީ، މަހްމޫދު ރާޒީއަށް މަޖިލީހަށް ބަޖެޓް ހުށަނޭޅުއްވޭނެ ކަމަށް، ނިޒާމީ މައްސަލަ ނަންގަވައިގެން ބައެއް މެންބަރުން ވިދާޅުވަމުން ގެންދެވި އެވެ.


ކުރީގެ ފިނޭންސް މިނިސްޓަރު އަލީ ހާޝިމަކީ އޭރު މަޖިލީހުން ރުހުން ލިބިވަޑައިގެންފައިވާ ބޭފުޅަކަށް ނުވާތީ، އަލީ ހާޝިމަށް ވެސް މަޖިލީހަށް ބަޖެޓް ހުށަނޭޅުއްވޭނެ ކަމަށް އިދިކޮޅު މެންބަރުން އޭރު ވިދާޅުވަމުން ގެންދެވި އެވެ.


އަލީ ހާޝިމް ފިނޭންސް މިނިސްޓަރުކަމުން އިއްޔެ އިސްތިއުފާ ދެއްވާފައި ވަނީ، މަޖިލީހުގެ ރުހުން ނުލިބޭ ވަޒީރުންނަށް މަގާމުގައި ދެމި ނުތިއްބެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުން ކުރެއްވުމާ ގުޅިގެންނެވެ.


ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާ އިތުރު ކަންތައްތަކުގެ ތެރޭގައި، ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލާއި އިޖްތިމާއީ ރައްކާތެރިކަމުގެ ބިލާއި ސިވިލްސާވިސްގެ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލަށް ބަހުސް ކުރުމަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.