އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ފްޓްބޯލް ހިސްޓަރީ އެންޑް ސްޓެޓެސްޓިކްސް (އައިއެފްއެފްއެޗްއެސް) އިން ހޮވާ ދުނިޔޭގެ ދެ ވަނަ އަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ މަގާމް މިދިޔަ ސީޒަންގައި ރާއްޖޭގެ ޗެމްޕިއަންނިއުއަށް ކުޅުނު ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަނގަޑޭ)އަށް ލިބިއްޖެ އެވެ.

މިދިޔަ ސީޒަންގައި ދުނިޔޭގެ ލަނޑު ލިސްޓުގެ ދެ ވަނަ މަގާމްއަލީ އަޝްފާގުދަނގަޑޭ އަށް ލިބުނު އިރު އެއް ވަނަ މަގާމްގައި އޮތީ މިދިޔަ އަހަރު ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑު ހޯދި ރެއާލް މެޑްރިޑުގެ ފޯޗިގަލް ފޯވާޑް ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ.

ދުނިޔޭގެ ލަނޑު ލިސްޓުން ރާއްޖޭގެ ގައުމީ ކެޕްޓަން ދަގަނޑޭ އަށް ދެ ވަނަ މަގާމް ލިބުނީ އޭނާ ގައުމީ ޓީމަށް ޖަހައިދިން 14 ގޯލާއި އޭއެފްސީ ކަޕުގައި ނިއު އަށް ޖެހި ނުވަ ގޯލާ އެކު، ޖުމްލަ 23 ގޯލުންނެވެ. އަދި ދުނިޔޭގެ ލަނޑު ލިސްޓުގެ އެއްވަނަ މަގާމް ދިފާއުކުރި ރޮނާލްޑޯ އަށް ޖެހިފައިވަނީ ޖުމްލަ 25 ގޯލެވެ. އެއީ މިދިޔަ ސީޒަންގައި ގައުމީ ޓީމަށް ރޮނާލްޑޯ ޖަހައިދިން ނުވަ ގޯލާއި ޗެމްޕިއަންސް ލީގުގައި ރެއާލް އަށް ޖަހައިދިން 16 ގޯލެވެ.

އެންވީމާ ދަނގަޑޭއާއި ރޮނާލްޑޯ ޖެހި ގޯލްތަކުގެ އަދަދަށް ބަލާއިރު ދުނިޔޭގެ ލަނޑުލިސްޓުގެ އެއް ވަނަ މަގާމް ހޯދަން ދަނގަޑޭއަށް މަދުވަނީ ހަމަ އެންމެ ދެ ގޯލެވެ.

މިހާރު މެލޭސިއާގެ ޕޮލިސްކުލަބަށް ކުޅޭ ގައުމީ ކެޕްޓަން ދަނގަޑޭއާ ޖެހިގެން ދުނިޔޭގެ ލަނޑު ލިސްޓުގެ ތިން ވަނަ މަގާމްގައި އޮތީ ކުވައިތުގެ، ކުވައިތު ސްޕޯޓްސްއަށް ކުޅޭ ތޫނިސްގެ ފޯވާޑް އިސާމް ޖެމާ އެވެ. އެގޮތުން އޭނަ އަށް މިދިޔަ ސީޒަނުގައި ގައުމީ ޓީމަށް ހަތަރު ލަނޑު ޖެހިއިރު އޭއެފްސީ ކަޕުގައި ކުވޭތު ސްޕޯޓްސްއަށް ޖަހާދެވިފައި ވަނީ 16 ލަނޑެވެ.

ދުނިޔޭގެ ލަނޑު ލިސްޓުގެ ހަތަރު ވަނަ މަގާމްގައި އޮތީ ޕީއެސްޖީ އަށް ކުޅޭ ސްވިޑަންގެ ފޯވާޑް ޒަލަޓާން އިބްރަހިމޮވިޗް އެވެ. އެގޮތުން ގައުމީ ޓީމަށް ނުވަ ގޯލް މިދިޔަ ސީޒަނުގައި އޭނަ ކާމިޔާބު ކޮށްދިން އިރު ޗެމްޕިއަންސް ލީގުގައި އިބްރަހިމޮވިޗް ވަނީ ނުވަ ގޯލް ކާމިޔާބުކޮށްފަ އެވެ.


އިބްރަހިމޮވިޗްގެ ފަހަތުން ދުނިޔޭގެ ފަސް ވަނަ މަގާމްގައި އޮތީ 2011 އަދި 2012 ވަނަ އަހަރު ދުނިޔޭގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާގެ މަގާމް ހޯދި ބާސެލޯނާގެ އާޖެންޓީނާ ފޯވާޑް ލިއޮނަލް މެސީ އެވެ. މެސީ މިދިޔަ ސީޒަންގައި ޖެހިފައި ވަނީ ޖުމްލަ 15 ލަނޑެވެ. އެއީ ގައުމީ ޓީމަށް ޖެހި ހަ ލަނޑާއި ޗެމްޕިއަންސް ލީގުގައި ބާސެލޯނާ އަށް ޖަހައިދިން ނުވަ ލަނޑާ އެކު އެވެ.

އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ފުޓްބޯލް ހިސްޓަރީ އެންޑް ސްޓެޓެސްޓިކްސް (އައިއެފްއެފްއެޗްއެސް) ޖަމިއްޔާއަކީ މީގެ 23 އަހަރުކުރިން ދުނިޔޭގެ ފުޓްބޯޅައިގެ ތާރީހާއި ސްޓެޓެސްޓިކްސް އެއްކުރާ އެންމެ ބޮޑު ޖަމިއްޔާއެކެވެ. އަދި މިޖަމްއިއްޔާ އިން މަގާމް ހޮވަނީ އިންޓަނޭޝަނަލް 'އޭ' ފެންވަރުގެ މެޗުތަކަށް ބަލައިގެންވެ. އެގޮތުން އެއީ އޮލިމްޕިކްސް އާއި އިންޓަނޭޝަނަލް ކްލަބް މުބާރާތްތަކެވެ.