ގާހިރާ (ޖަނަވަރީ 16): މިސްރުގެ އައު ގާނޫނު އަސާސީއާމެދު ރައްޔިތުން ދެކޭގޮތް ބެލުމަށް ޓަކައި ކުރިޔަށް ގެންދިޔަ ފެންނަ ނުފެންނަ ވޯޓުގެ ކަންތައްނިމި ވޯޓުފޮށިތައް ބަންދުކޮށްފި އެވެ.

މިދިޔަ އަންގާރަ ދުވަހު ފެށުނު ވޯޓުލުން އިއްޔެ ނިމި ވޯޓުފޮށިތައް ބަންދުކޮށްފައި ވަނީ މިސްރު ގަޑިން އިއްޔެގެ އިރުއޮއްސުމުގެ ކުރިން ކަމަށް ޚަބަރު ލިބެ އެވެ. މިސްރުގެ އިންގިލާބީންގެ ވެރިކަމުގައި ގާނޫނު އަސާސީއަށް ގެނައި ބޮޑެތި އިސްލާޙުތަކާ އެކު އެއާމެދު ރައްޔިތުން ދެކޭގޮތް ބެލުމުގެ ގޮތުން ކުރިޔަށްގެން ދިޔަ ފެންނަ ނުފެންނަ ވޯޓުގައި ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވާ ކަމަށް މިސްރުގެ ވަގުތީ ސަރުކާރުން ބުނެ އެވެ. މިއީ މިސްރުގެ ވަގުތީ ސަރުކާރަށް ރައްޔިތުންގެ ތާއީދުއޮތް މިންވަރު ހާމަކޮށްދޭ ވޯޓެއް ކަމަށް އެގައުމުގެ ރަސްމީ ޓީވީން ވަނީ ޕްރޮޕަގެންޑާ ފަތުރާފަ އެވެ.

ފެންނަ ނުފެންނަ ވޯޓުލުން ފެށުނު ދުވަސް ކަމަށްވާ މިދިޔަ އަންގާރަ ދުވަހު އެކަމާދެކޮޅަށް މުޒާހަރާކުރި އިދިކޮޅު ފަރާތްތަކާއި މިސްރުގެ ސަލާމަތީ ބާރުތަކާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި 11 މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވެފައިވެ އެވެ. އަދި 400 އަށް ވުރެ ގިނަ މީހުން ފުލުހުންގެ ބެލުމުގެ ދަށަށްގެންގޮސްފައިވާ އިރު އިއްޔެގެ ވޯޓުލުން ކުރިޔަށްދިޔައިރު މާބޮޑު ހަމަނުޖެހުމެއް ހިނގާފައިނުވާކަމަށް ޚަބަރުލިބެ އެވެ.

މިވޯޓުގެ ނަތީޖާ ސަރުކާރު ބޭނުންވާގޮތަށް ނުކުންނާނެ ކަމަށް ބެލެވިފައިވާ އިރު މިވޯޓުގެ ސަބަބުން މިސްރުގެ މިހާރުގެ އިންގިލާބީ ވެރިން އުންމީދުކުރަނީ މިސްރުގެ ކުރީގެ ރައީސް ޑރ. މުހައްމަދު މުރުސީ މަގާމުން ދުރުކުރި ޢަސްކަރީ އިންގިލާބުގެ ވެރިޔާ ޖެނެރަލް އަބްދުލްފައްތާޙް އައްސީސީ މިސްރުގެ ރިޔާސަތަށް ކުރިމަތިލެއްވުމަށް މަގުފަހިވެގެންދާނެ ކަމުގަ އެވެ. (އަލްޖަޒީރާ)