ކުވައިތު (ޖަނަވަރީ 16): ދާޚިލީ ހަނގުރާމައިގެ ސަބަބުން ޙާލުގައި ޖެހިފައިވާ ސޫރިޔާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް ޓަކައި އދ. އަށް މި އަހަރު ބޭނުންވާ 6.5 ބިލިޔަން އެމެރިކާ ޑޮލަރުގެ ތެރެއިން 2.4 ބިލިޔަން އެމެރިކާ ޑޮލަރު ދިނުމަށް ގަލްފުގެ ޢަރަބި ގައުމުތަކުންނާއި ހުޅަނގުގެ ބައެއް ގައުމުތަކުން ވައްދުވެއްޖެ އެވެ.

މިގައުމުތަކުން މިއެހީ ދިނުމަށް ވައްދުވީ ސޫރިޔާގެ ރައްޔިތުންނަށް ޚާއްސަކޮށްގެން އދ. ން ހިންގާ އިންސާނީ އެހީގެ ޕްރޮގްރާމްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ކުވައިތުގައި އިއްޔެ ބޭއްވި މަހާސިންތާގަ އެވެ. ސޫރިޔާގައި ހިނގަމުންދާ ލޭއޮހޮރުވުންބޮޑު ދާޚިލީ ހަނގުރާމައިގާ 3.5 މިލިޔަން މީހުން އެގައުމުގެ އެތެރެއާއި ބޭރުގައި ރެފިއުޖީންގެ ގޮތުގައި އުޅެމުންދާއިރު މި އަހަރު ނިމޭ އިރު މި އަދަދު 4.3 މިލިޔަނަށް އަރާނެ ކަމަށް އދ. އިން އަންދާޒާކުރެ އެވެ.
މީގެ އިތުރުން ސޫރިޔާގައި އެންމެ ވަރުގަދައަށް ހަނގުރާމަ ހިނގަމުންދާ ސަރަހައްދުތަކުގައި އެތައް މިލިޔަން ބަޔަކު ހިސާރުވެ ކާބޯތަކެއްޗާއި ބޭހާއި އެނޫން ވެސް ދިރިއުޅުމަށް ބޭނުންވާ އަސާސީ ތަކެތިން އެމީހުން މަހްރޫމްވެ ހައިހޫނުކަން ތަހައްމަލް ކުރަމުންގެންދާ އިރު އެތަންތަނުގައި ވެސް ގާތްގަނޑަކަށް 3.8 މިލިޔަން މީހުން ހައިހޫނުކަން ތަހައްމަލް ކުރަމުންގެންދާކަން އދ. ގެ "ވޯލްޑް ފުޑް ޕްރޮގްރާމް" އިން ވަނީ ހާމަކޮށްފަ އެވެ.

ދާޚިލީ ހަނގުރާމައިގެ ސަބަބުން ސޫރިޔާގައި ގާތްގަނޑަކަށް ނުވަ މިލިޔަން މީހުން އިންސާނީ އެހީއަށް ބޭނުންވާއިރު މިއީ ސޫރިޔާގެ އާބާދީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި ކަމަށް އދ. ން ބުނެ އެވެ. އދ. ން އިންތިޒާމްކޮށްގެން ކުވައިތުގައި އިއްޔެ ބޭއްވި މަހާސިންތާގައި 69 ގައުމު ބައިވެރިވި ނަމަވެސް އެހީދޭނެކަމުގެ ޔަގީންކަން ދީފައި ވަނީ މަދުގައުމަކުންނެވެ. ޚާއްސަކޮށް ބޮޑެތި އަދަދުތަކުން އެހީދޭނެ ކަމުގެ ޔަގީންކަން ދީފައިވާ ގައުމުތަކަކީ ކުވައިތު، ސައޫދީ އަރަބިޔާ، ޔޫއޭއީ، ގަތަރު، އިނގިރޭސިވިލާތް އަދި އެމެރިކާގެ އިތުރުން ޔޫރަޕްގެ އިއްތިޙާދެވެ. މިފަރާތްތަކުން ދިނުމަށް އެއްބަސްވި ޖުމްލަ އެހީގެ މިންވަރު 2.4 ބިލިޔަން އެމެރިކާ ޑޮލަރަށް އަރާކަމަށް ކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން އެމަހާސިންތާގައި އިއްޔެ އިޢްލާންކުރެއްވި އެވެ.

މީގެތެރޭން ވެސް އެންމެ ބޮޑުއެހީއެއް ދޭނެކަމުގެ ޔަގީންކަން ދީފައިވަނީ ކުވައިތުންނެވެ. ކުވައިތުގެ އަމީރު ވަނީ އެގައުމުގެ ސަރުކާރާއި ޕްރައިވެޓް ސެކްޓަރުގެ ފަރާތުން ސޫރިޔާގެ ރައްޔިތުންނަށް 500 މިލިޔަން ޑޮލަރު ދޭނެކަމުގެ ޔަގީންކަން ދެއްވާފަ އެވެ. ސައޫދީ އަރަބިޔާ އާއި ގަތަރުން ދޭން އެއްބަސްވީ 60 މިލިޔަން އެމެރިކާ ޑޮލަރެވެ. އެމެރިކާ އިން 350 މިލިޔަން ޑޮލަރެވެ. ޔޫރަޕްގެ އިއްތިޙާދުން 225 މިލިޔަން ޑޮލަރެވެ. ސޫރިޔާގެ ރައްޔިތުންނަށް އެހީހޯދުމަށް ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އދ.ގެ އިންސާނީ އެހީގެ ކަންތައްތަކާ ބެހޭ ވިލަރެސް ވެރިޔާ ވެލަރީ އަމޯސް ވިދާޅުވީ މިބައްދަލުވުމުން ހާސިލްވީ ސޫރިޔާގެ ރައްޔިތުންގެ ބަނޑުފުރާނަ މުއްތިކުރުމަށް ބޭނުންވާ ފައިސާގެ ތެރެއިން އެންމެ 70 އިންސައްތަ ކަމަށާ މިވަރުން އެއްގޮތަކަށް ވެސް ނުފުދޭ ކަމުގަ އެވެ.

ސޫރިޔާގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އިންސާނީ ގިލަންވެރިކަމުގެ ހާލަތާމެދު ދުނިޔޭގެ ގިނަ ގައުމުތަކުން އަޅާނުލާކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ. އަދި ސޫރިޔާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުމާމެދު އިތުރަށް ވިސްނުމަށް ދުނިޔޭގެ ގައުމުތަކަށް އިއްޔެގެ މަހާސިންތާއިން ނެރުނު ބަޔާނުގައި އިލްތިމާސް ކުރިއެވެ. (ރޮއިޓާސް)