16 Jan 2014, 09:50
ސާކް ސަމިޓަށް އައްޑޫ ސިޓީގައި ގާއިމު ކުރެވުނު އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރާއި އެ ސެންޓަރު ބިނާކޮށްފައި ހުރި ބިމުގެ ސަރަހައްދު ތަރައްގީކޮށް ވިޔަފާރީގެ އުސޫލުން ހިންގުމަށް އަމިއްލަ ފަރާތަކަށް ދޫކޮށްލުމަށް އަނެއްކާ ވެސް ހުޅުވާލައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީ އިން ބުނީ އެ އިކުއިޓޯރިއަލް ސެންޓަރަށް ފައިނޭންސްކޮށް އޮޕަރޭޓްކުރުމަށާއި އެ ސަރަހައްދު ފަތުރުވެރިކަމުގެ ސިނާއީ ހިދުމަތްދޭ ތަންތަން ތަރައްގީކޮށް ހިންގަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު އިއްޔެ ހުޅުވާލާފައިވާ ކަމަށެވެ.
އެ މިނިސްޓްރީ އިން ބުނީ އެ ކަމަށް ޝައުގުވެރިވާ ފަރާތްތަކަށް މައުލޫމާތް ދިނުމުގެ ބައްދަލުވުމެއް މި މަހުގެ 27 ވަނަ ދުވަހުގެ 14:00ގައި އެ މިނިސްޓްރީގައި ބާއްވާނެ ކަމަށެވެ. އަދި އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށައެޅުމުގެ ފުރުސަތު އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ 14:00 ގެ ކުރިން އޮންނާނެ ކަމަށެވެ.
އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރު ކުއްޔަށް ދިނުމަށް ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުންނާއި ރައީސް ޑރ. ވަހީދުގެ ސަރުކާރުން ވެސް މަސައްކަތް ކޮށްފައިވެ އެވެ. ރައީސް ނަޝީދުގެ ސަރުކާރުގައި އިމާރާތްކުރި އެ އިމާރާތުގެ މަސައްކަތްތަކުގައި ބޮޑެތި ކޮރަޕްޝަންގެ މައްސަލަތައް އެކުލެވޭ ކަމަށް އޮޑިޓާ ޖެނެރަލް ވަނީ ބުނެފައިވެ އެވެ.
އިކުއިޓޯރިއަލް ކޮންވެންޝަން ސެންޓަރު މަރާމާތުނުކޮށް އަދި ރަނގަޅަށް ނުބެލެހެއްޓޭތީ އެ އިމާރާތް ދަނީ ވަރަށް ބޯޑަށް ވީރާނާ ވަމުންނެވެ.