އާސެނަލްގެ ޗެކް ރިޕަބްލިކް މިޑްފީލްޑަރު ތޯމަސް ރޮސިސްކީ އަކީ އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ މޮޅެތި މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް ކަމަށް މިސީޒަނުގައި އާސެނަލާއި ގުޅުނު ޖަރުމަން ތަރި މެސުޓް އޮޒިލް ބުނެފި އެވެ.

މިސީޒަން ނިމުމުން އާސެނަލްއާ އެކު ރޮސިސްކީ ހަދާފައިވާ އެއްބަސްވުން ހަމަވާ އިރު، އެކްލަބުން އޭނާ އަށް އާ ކޮންޓްރެކްޓެއް ހުށަހަޅާނެކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފައިވެ އެވެ. ސެޕްޓެމްބަރު ދެވަނަ ދުވަހު ރެއާލް މެޑްރިޑުން އާސެނަލާއި ގުޅުނު އޮޒިލް ގަބޫލުކުރާގޮތުގައި ރޮސިސްކީ އަކީ އެ ޓީމަށް ވަރަށް މުހިންމު ކުޅުންތެރިއެއް ކަމަށެވެ.

"އަހަރެމެން މިއީ އެއް ސްޓައިލެއްގެ ދެކުޅުންތެރިން. އަހަރެމެން އަތުގައި ބޯޅަ އޮންނައިރު، ބޯޅަ ވަރުގަދަ އަށް ކޮންޓްރޯލްކޮށްގެން ގެންގުޅެނީ. އަހަރެން ދެކޭގޮތުގައި ރޮސިސްކީ އަކީ ޕްރިމިއާ ލީގުގެ އެންމެ މޮޅެތި މިޑްފީލްޑަރުންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެއް." އޮޒިލް ބުންޏެވެ. "އޭނާ ޓީމާ އެކު ކުޅޭނަމަ، ޓީމަށް ބޮޑު އިސްކަމެއް ދޭކަން ފާހަގަކުރެވޭ." އޮޒިލް ބުންޏެވެ.

ޕްރިމިއާ ލީގަށް ކުޅެން ފެށި ފަހުން އޮޒިލްގެ ފަރާތުން އާސެނަލް އަށް މިސީޒަންގައި ގިނަ ފައިދާތަކެއް ކޮށްފައިވެ އެވެ. ލީގުގައި 16 މެޗު ކުޅެ ހަތަރު ލަނޑު ކާމިޔާބުކޮށްފައިވާ އޮޒިލް ހިމެނިފައިވަނީ އާސެނަލްގެ މުހިންމު ކުޅުންތެރިންގެ ލިސްޓްގަ އެވެ. މިހާރު ޕްރިމިއާ ލީގުގައި އޮޒިލް އަކީ އެހެން ޓީމްތަކަށް ނުރައްކަލެކެވެ.