16 Jan 2014, 09:36
ބެއިޖިންގް (ޖަނަވަރީ 16): އަޑަށް ވުރެ ބާރަށް ދަތުރުކުރާ މިސައިލެއް ޗައިނާއިން އިއްޔެ ތަޖްރިބާކޮށްފި އެވެ.
ޗައިނާގެ ދިފާޢީ ވުޒާރާ އިން އިއްޔެ ބުނީ މިއީ ޢިލްމީ ބޭނުމެއްގައި ތަޖްރިބާކުރި މިސައިލެއް ކަމަށާ މިއީ އެއްވެސް ގައުމަކާ ދެކޮޅަށް ކުރިކަމެއް ނޫންކަމުގަ އެވެ.
މީޑިޔާ ރިޕޯޓްތައް ބުނާގޮތުން ޗައިނާ އިން އިއްޔެ ތަޖްރިބާކޮށްފައި ވަނީ އަޑަށް ވުރެ ބާރަށް ދަތުރުކުރާ އަސްކަރީ ސްމާޓް މިސައިލް ނިޒާމެކެވެ. ޗައިނާ އިން މިތަޖްރިބާ ކޮށްފައި މިވަނީ އެގައުމާއި ޖަޕާނާ ދެމެދު ސަރަހައްދީ އިމުގެ އަރާރުންތައް އުފެދިފައިވާ "ދިޔަޔޫތައި" ޖަޒީރާތަކުގެ މައްސަލައާ ގުޅިގެން ޢަސްކަރީ ބާރު ވަރުގަދަކުރާނެކަން ޖަޕާނުން އިޢްލާންކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. ނަމަވެސް ޗައިނާގެ ދިފާޢީ ވުޒާރާ އިން ބުނީ އިއްޔެގެ މިސައިލް ތަޖްރިބާއަކީ ވަކިލަނޑުދަނޑިއެއް ހާސިލްކުރުމުގެ ބޭނުމުގައި ކުރި ތަޖްރިބާއެއް ނޫންކަމަށާ މިއީ އެގައުމުގެ ޢިލްމީ ރީސާޗްތަކާ ގުޅިފައިވާ ތަޖްރިބާއެއް ކަމުގަ އެވެ.
ޗައިނާ އިން އެގައުމުގެ ޢަސްކަރީ ބާރު ވަރުގަދަކޮށް ދިފާޢީ ކަންކަމަށް ކުރާ ޚަރަދު އިތުރުކުރަމުންގެންދާތާ 30 އަހަރު ވެފައިވާ އިރު، އަވަށްޓެރި ގައުމުތަކާއި ހުޅަނގުން ކަންބޮޑުވާ މިންވަރަށް ޗައިނާގެ ހަތިޔާރުގެ އިންޑަސްޓްރީ އެގައުމުން މިހާރު ތަރައްޤީކޮށްފައިވާ ކަމަށް ހުޅަނގުގެ ޖާސޫސީ ރިޕޯޓްތައް ބުނެ އެވެ. (ރޮއިޓާސް)